މެޗުގައި ރޮނާލްޑޯ ޖެހި ޕެނަލްޓީ ނާކާމިޔާބު، ޕޯޗުގަލް ކުއާޓާއަށް ގެންގޮސްދިނީ ކީޕަރު
ޕެނަލްޓީޖަހައި ސްލޮވާކިއާ ބަލިކުރުމަށްފަހު ޕޯޗުގަލްއިން ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.
މިރޭގެ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހެއެވެ. އިތުރު ވަގުތުގެ 15 މިނެޓުގެ ދެ ހާފުގެ ކުޅުން ނިމުނުއިރު ވެސް ގޯލެއް އެއް ޓީމަކަށް ވެސް ނުޖެހުނެވެ. އެހެންކަމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީން ޕޯވުގަލް ވަނީ މެޗު ކާމިޔާބުކޮށްފައެވެ.
ޕެނަލްޓީގައި ޕޯޗުގަލްއިން ވަނީ ތިން ޕެނަލްޓީ ވެސް ގޯލަށް ވައްދައިފައެވެ. ސްލޮވާކިއާއަަށް އެންމެ ޕެނަލްޓީއެއް ވެސް ނުވެއްދުނެވެ. އެ ޓީމުގެ ޖެހި ތިން ޕެނަލްޓީ ދިފާއުކުރީ ޕޯޗުގަލްގެ ކީޕަރު ޑިއޭގޯ ކޯސްޓާއެވެ.
އެ މެޗުގެ ފުރަތަމަ ހާފުގައި ޕޯޗުގަލްއިން ވަނީ ގޯލު ޖަހަން ގިނަ ފުރުސަތުތަކެއް ތަނަވަސްކުރެވޭތޯ މަސައްކަތްކޮށްފައެވެ. ނަމަވެސް އެ ޓީމަށް ގޯލާ އަމާޒުކޮށް ނުރައްކާތެރި ހަމަލާއެއް ފުރަތަމަ ހާފުގައި އުފެއްދިފައެއް ނުވެއެވެ.
ނަމަވެސް ދެވަނަ ހާފުގެ 50 ވަނަ މިނެޓުގައި ޕޯޗުގަލްއަށް ލިބުނު ހިލޭ ޖެހުމެއްގައި އެ ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ފޮނުވާލި ބާރުހަމަލާ ދިފާއުކުރީ ސްލޮވޭނިއާގެ ކީޕަރު ޖެން އޮބްލެކްއެވެ.
މެޗުގައި ސްލޮވާކިއާއަަށް ލިބުނު އެންމެ ހުސް އެއް ފުރުސަތު މެޗުގެ 61 ވަނަ މިނެޓުގައި ލިބުނީ އެ ޓީމުގެ ބެންޖަމިން ސެސްކޯއަށެވެ. އޭނާ ޕޯޗުގަލް ޑިފެންސް ފޫ އަޅުވައިލައި އޭރިއާ ތެރެއަށަ ވަދެ ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެއެވެ.
މެޗުގެ އިތުރު ވަގުތުގައި ޕޯޗުގަލްއަށް ވަނީ ގޯލު ޖަހާނެ ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. ސްލޮވާކިއާ އޭރިއާތެރެއިން ޕޯޗުގަލްގެ ޑިއޭގޯ ޖޮޓާއަށް ސްލޮވާކިއާ ކުޅުންތެރިން ކުރި ފައުލަކަށް ވަނީ ޕެނަލްޓީއެއް ދީފައެވެ. އެ ޕެނަލްޓީ ރޮނާލްޑޯ ފޮނުވާލި ނަމަވެސަ ހުށިޔާރުކަމާއެކު އޮބްލަކް ވަނީ އެ ޕެނަލްޓީ މަތަކޮށްފައެވެ.
މި މެޗުން މޮޅުވެ ޕޯޗުގަލް ކުއާޓާ ފައިނަލުން އެ ޓީމަށް ޖާގަ ލިބޭއިރު ކުއާޓާގައި އެ ޓީމު ވާދަކުަރަން ޖެހޭނީ ފްރާންސްއާއެވެ. އެ ޓީމު ވަނީ ނޮކްއައިޓް ބުރުގައި މިރޭ ބެލްޖިއަމް ބަލިކޮށްފައެވެ.