ދަރަންޏާ ބެހޭ ބިލް ބަލައިގަނެ ކޮމީޓީއަށް
ސަރުކާރުން ހުށައެޅި ދައުލަތުގެ ދަރަންޏާ ބެހޭ ބިލް ރައްޔިތުންގެ މަޖިލިހަށް ބަލައިގަނެ ދިރާސާކުރަން މާލިއްޔަތު ކޮމިޓީއަށް ފޮނުވައިފި އެވެ.
ސަރުކާރުގެ ފަރާތުން އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހެވެ. މި ބިލުގެ އެންމެ ބޮޑު އެއް ބޭނުމަކީ ދައުލަތުގެ ދަރަނި މެނޭޖްކޮށް ގައުމުގެ އިގުތިސާދީ ފުދުންތެރިކަން ދިގު މުއްދަތަކަށް ދެމެހެއްޓޭނެ ގޮތް ކަށަވަރުކުރުމެވެ.
މަޖިލީހުން އެ ބިލު ބަލައިގެންފައި ވަނީ މިއަދުގެ ޖަލްސާގައި މި ބިލަށް ބަހުސްކުރުމަށް ފަހު ވޯޓުގައި ބައިވެރިވި 78 މެންބަރުންގެ ވޯޓާއެކު އެވެ.
މި ބިލުގައި ހިމެނޭ ކަންތައްތަކުގެ ތެރޭގައި ދައުލަތުގެ ދަރަނި ނެގުމާ ބެހޭ އުސޫލުތައް، ދަރަނި މެނޭޖުކުރުމާ ބެހޭ އުސޫލުތައް، ދައުލަތުގެ ދަރަންޏާ ބެހޭ މައުލޫމާތު ހާމަކުރުމާއި ރިޕޯޓް ކުރުމާ ގުޅޭ އުސޫލުތައް އަދި ލޯކަލް ކައުންސިލްތަކާއި ދައުލަތުގެ ކުންފުނިތަކުން ނަގާ ދަރަންޏަށް ދައުލަތުގެ ސޮވެރިން ގެރެންޓީ ދިނުމާ ބެހޭ އުސޫލުތައް ހިމެނެ އެވެ.
އަދި ދައުލަތުގެ ދަރަންޏާ ގުޅޭ މައުލޫމާތުތައް އެކްސްޓާނަލް އޮޑިޓަރެއް މެދުވެރިކޮށް އޮޑިޓެއް ހަދާ ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅައި ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 15 ކުރިން ފާސްކުރަން ޖެހޭނެ ކަމަށްވެސް މި ބިލުގައި ބުނެފައިވެ އެވެ.