ވާހަކަ

ކުރުވާހަކަ: ބައްޕަގެ ހަސީނާ ، ހަސީނާގެ ބައްޕަ

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

ތިން މޭލު ދުރަށް ދެމިފައިވާ ފުޓުބޯޅަ ދަނޑެއް ފަދައިން ހިކި ތައްރާސް ވެފައިވާ މޫދު ވިނަގަނޑު ތެރޭ ހެދިފައިވާ ދެފުންކޮޅުގެ ތެރެއިން ތުއްތުގެއާއި ދިމާލަށް އޮންނަ ބޮޑު ފުންގަޑުގައި ބެދިފައިވާ އޮރިމަސް ގަނޑުގެ ތެރެއިން މަސް ފަހާ ހިފަން އަޅުގަޑުމެން ތިބީ ހޭ ހުސްވެފައެވެ.

Ads by Sosun Fihaara

ޝަރީފު އަޑަށް ބާރުލާފައި " ކަލޯ އެއޮށް އަންނަނީ ކަލޯގެ ރައްޓެހި ފީއަލީ އަހައްމަދު މެން ދޯންޏޭ ގޮވާލި އަޑު އިވުނެވެ."

ސިއްސައިގެން ގޮސް ބަލާލިއިރު އެވީ ހަމަ ބޮޑު ތެދަކަށެވެ. ދެކަންކަށިން ރާޅުފޮނު ކަނޑަމުން ކުޑަ ދަންމާނަށް ދޫޖައްސާ، ފަހި ވައިގައި ދުއްވާފައި އެއަންނަނީ އެދޯންޏެވެ. ރަތް ރިޔަލުގައި ޖަހާފައި ހުރި ހުދު ބޯޅައިން އެކަން ޔަޤީން ވެއެވެ.

ގިފިއްޔަށް ވަދެ ކޮނޑަކަށް ދާންޏެއް ބޮލަށް ދެދާނި ފެން އަޅައި ތެތް މުންޑު ގަނޑު އެއްލާލާފައި ރަތްލަންދު( ރަތްވިލާ އަހައްމަދު) ގެނަ ސީ ސޯޓް ލައިގެން، ގަޔަށް އެއްވެސް އެއްޗެއް ނުލައި އަމަޔާއި ޅަބޭ ހަޅޭލަވަ ލަވާ އޮއްވާ އިންކޮށިތައް މަތިން ފުންމަމުން އަޅުގަނޑު ދުއްވައިގަތީ އުތުރުކޮޅު ތުނޑިއާ ދިމާލަށެވެ.

ފީއަލީ މީހުން އެދުވަސް ވަރު (ހަތްދިހައިގެ ކުރީކޮޅު އަޅުގަނޑުގެ ޢުމުރުން ހަތް އަހަރު) ކަނހަބަށް ދާން ވަރަށް ގިނައިން އައިސް އުޅުނެވެ. ރަށުގެ ހުރިހާ ކުދިން ކަހަނބު ފަޅާ ތަނަށް ގޮސް ކަނހަބު މަހާ ތެޔޮކުނޑި ކައި ހަދައެވެ. އެމީހުން ބޭނުން ކުރަނީ ކަހަނބު ފަތް އެކަންޏެވެ. ރަށުގެ (ވޭވަށުގެ) އުތުރުކޮޅު ތުނޑީ ބަނޑަހަ ޖަހައިގެން ހަފުތާ ދެހަފުތާ ތިބެފައި ވެސް އެމީހުން ގޮސް ހަދައެވެ.

އިރު އޮއްސުމާއެކު އަހައްމަދު ރީތިކޮށް ނަޅައި މަށައިގެން ހަދާފައިވާ ރޯދަ ކުރުނބައެއް ޙަސީނާ އާ ހަދިޔާ ކުރުމަށް ދިނެވެ. ތުރުތުރު އަޅާޙާލު ވަގުތު ބަލާފައި މީހަކަށް ނުފެނޭނެހެން އަޅުގަނޑު އެ ކުރުނބައި ގެންގޮސް ޙަސީނާއަށް ދިނީމެވެ. އޭރުގެ އާދަކާދައިގެ މަތިން ޙަސީނާ ވެސް އަށްކަނުން ކަންލީ ކަނބިލި ފޮޅިއެއް ފިހެ އަހައްމަދަށް ދިނެވެ. މިކަން މިވީ ޙަސީނާޔާ އަހައްމަދު ގެ ލޯބީގެ ފެށުމަށެވެ. ޅަބޭގެ މޮޅިވެރި ޙަޔާތަށް ގެނުވި ކަޅުއަނދިރި ޠޫފާނުގެ އޭކަންވަޅެވެ.

އަބަދުވެސް ރަށުތެރެއިން އިވެނީ މޮޅިވެރި ކަމުގެ އަޑުތަކެވެ. ޙަސީނާ ފީއައްޔަށް ދިޔަގޮތަށް ޚަބަރެއް ނުވާ ވާހަކަ އެވެ. އަހަންމަދެއް ކީއްކުރަން ޙަސީނާގެ ހިލަމެއްވެސް ނުވާ ވާހަކަ އެވެ. އަޅުގަނޑު މާލޭގައި ވަޒީފާ އަދާކުރަން ފެށި ފަހުންވެސް މިހާރު 4 އަހަރު ވީ އެވެ. ރަށުން އަންނަ ދޯނިފަހަރަށް އަރާލާ، ވާހަކަ އަހާލުމުން ޅަބޭގެ ވާހަކަތަކުން ހިތްފަޅައިގެން ދާވަރު ވެއެވެ.

ޙަސީނާގެ ޢުމުރުން އެންމެ ދެއަހަރުގައި ވިހާންތަނަށް އަރައި މަސްތުރަ ނުވެ އޮވެ ދޮންދައިތަ ނިޔާވި ފަހުން ޙަސީނާގެ ހުރިހާ ކަމެއް ބަލަ ހައްޓަމުން އައީ ޅަސޮރުބެ އެވެ. ޢާއިލާ ކީއްކުރަން، ދުރުތާ ތިމާގެ މީހަކަށް ވެސް ހުރީ ދެބެންގެ ދެދަރި ކުޑަދޮސޮރެވެ. (ކުޑަބޭ ގެ ދޮންސޮރެވެ.) މަހަށް ދިއުން ހުއްޓާލުމަށްފަހު ކުނާ ވިޔެހަދައިގެން ދެބަފައިންގެ ބަނޑުފުރާނަ މުއްތި ކުރާވަރަށް ކާ އެތިކޮޅު ލިބެ އެވެ.

މި ދެބަފައިން އޭރު ވެފައި ވަނީ ރަށުގެ ބަފައިވަންތަ ކަމުގެ ލޯބީގެ ލާމަސީލު ނަމޫނާ ކަމުގައެވެ. ޅަބޭ ދާހައި ތާކަށް ގޮސް ހަދަނީ ޙަސީނާ ގޮވައިގެން ނެވެ. ޙަސީނާއަކަށް ޅަބެއާ އެންމެ މިނިޓަކުވެސް ދުރުގައި ހުރެވޭ ކަމަކަށް ނުވެއެވެ. އަތިރިއަށް ކީއްކުރަން، ބޮޑުއަތިރި އަރުވައި ގަތަސް ދާން ޖެހެނީ ދެބަފައިން އެކުގައެވެ. ޙަސީނާ ބޮޑުވެގެން އައީ ފުރިހަމަ ތަރުބިއްޔަތާ އެކުގައެވެ. ޢުމުރުން 10 އަހަރު ވީ އިރު ޅަބޭ ދަންނަ ހުރިހާ ކިޔެވެއްޔަކާ ޢިލްމަކާ ހުނަރެއް ހަސީނާއަށް ދަސްކޮށްދީފި އެވެ. މީހަކަށް މަހެއް ދީފިނިމަ، އެދެވުނީ 1 ދުވަހުގެ ކާނާކަމާ، މީހަކަށް މަސްބާނަން ދަސްކޮށްދީފިނަމަ އެދެވުނީ ޢުމުރު ދުވަހުގެ ކާނާކަން ޖަޕާނު މީހުންނަށްވުރެ ކުރިން ޅަބެއަށް އެނގިފައިވާ ކަހަލަ އެވެ.

ޙަސީނާ އާއި އަހަންމަދުގެ ކަނދުފައްޗަކަށް ހުރީ އަޅުގަނޑު ކަމަށް ވެފައި އަޅުގަނޑު ރަށް ދޫކޮށް މާލެ ދާން ޖެހުނު މައިގަނޑު ސަބަބަކީ އެދެމީހުންގެ މެދުވެރިއަކަށް ވުމުން، ރަށުގެ ޒުވާން ފިރިހެން ކުދިންގެ ކިބައިން ފޯރަމުން އައި ދުއްޕާން ކަމުން މިކަމުގައި އަޅުގަނޑު ވެސް އަބަދު ހުންނަން ޖެހެނީ މާޔޫސްވެ ގޮތް ހުސްވެފައި ކަމަށްވާތީއެވެ.

1985 ވަނަ އަހަރުގެ އަހަރީ ޗުއްޓީގައި އަޅުގަނޑު ރަށަށް އައިސް ގޭ ގިފިއްޔަށްވަދެ ފުރަތަމަ ފެން ދާނި ބޮލަށް އޮހޮރާލުމާއި އެކުހެން ޅަބޭގެ އަޑު އަޔެވެ.

މަންޖޭ ދޮންމަރިޔަނބާ!!! ދެފަހަރަކު ގޮވާލުމާއެކު އަދި ބާރަށް މަންމަ އަށް ގޮވާލި އެވެ. "މަގޭ ޙަސީނާ މިގެޔަށް އައިތަ؟" ޅަބޭ އަހާލި އަޑު އިވުނެވެ. " ޙަސީނާ ދިޔައީ މިސްކިތްދޮށަށް ފެންބަލަ އެއްނު! އާދޭ ލޮނުފޮޅި ކޮޅެއް ކާލަން. އެއިރަށްވާއިރަށް ޙަސީނާ އަތުވެދާނެ" މަންމަ ބުނި އަޑު އިވުނެވެ.

ޅަބޭ ފެނުމާއެކު އަޅުގަނޑުގެ ލޮލުން ޗިސްލާފައި ކަރުނަ އައެވެ. ހިކިއަނަރޫފަ ވެފައެވެ. ލައިގެން ހުރި މުންޑުގަނޑުގެ ރޮދި ދޫވެފައި ހުރި ތަންތަނުން ޢައުރަ ކަޝްފުވެފައި ހުރުމުން އެކަން ރަގަނޅު ކޮށްލީމެވެ. ދެލޯ ވަނީ ވަޅުވަދެފައެވެ. މަޑުޖަހައި ދެރަވަ ބެދެން ކައިރި ވެފައެވެ.

ފޮޅިކޮޅު ކައިގެން ނިކުމެ ޖެހިގެން ހުރި ދިލްބަހާރު ގެއަށް ގޮސްފައިވެސް ހަމަ އަހާ އަޑު އިވުނީ އެއް ވާހަކަ އެކެވެ. ޙަސީނާ އެ ގެ އަށް އައިތޯ އަހާ އަޑެވެ.

ޅަބޭ ދެބަ މޮޔައަކަށް މޮޔަވިފަހުން އޭނަގެ ހަމައެކަނި ކަމަކީ ޙަސީނާ ހޯދުމަށް އެއްގެއިން އަނެއް ގެއަށް ހިނގުމެވެ. ދުވާލަކަށް ފަސް ހަފަހަރު ކޮންމެ ގެޔަކަށް ވަންނާނެއެވެ. މިއުޅޭ ނުލަފާ ފުރައިގެ ކުދިން ޙަސީނާ ދިޔައީ މިވެނި ތަނަކަށޭ ބުނުމުން އެތަނަކަށް ދާން ހިނގައި ގަންނާނެ އެވެ. ދެތިން ފިޔަވަޅެއް އަޅާއިރަށް ހަނދާން ނެތިދާނެ އެވެ. ދެންދާނީ އެހެން ދިމާލަކަށެވެ.

ޗުއްޓީ ގައި 3 ދުވަސް ވިއިރު އަޅުގަނޑު ގެ ކެތްތެރިކަން ކޮޅުން ލައިފި އެވެ. މަންމަ މެންގެވެސް އެދުމުގެ މަތިން އެނބުރި މާލެފުރީ ފީއައްޔަށް ދިޔުމަށް ޓަކަ އެވެ. ޙަސީނާގެ ކައިވެނި އަދި ނުވެ އުޅެނިކޮށް ކަހަނބުފަތުގެ ވިޔަފާރި ހުއްޓުމާއި އެކު ފީއަލީ އޮޑިފަހަރު ވޭވަށަށް އައުން ވެސް ވަނީ ނިމިފައެވެ. މަންމަ މެންގެ އެދުމާއިވެސް އެކު ފީއައްޔަށް ދިއުމަށް އަޅުގަނޑު އަވަހަށް މާލެ ދިޔައީ މެއެވެ.

ފީއައްޔަށް ދެވުނީ ހަވީރު ވަގުތެއް ގައެވެ. ދޯނި ލެފި ތަނަށް ޙަސީނާ އާއި އަހައްމަދު ވެސް އައިސް ތިއްބެވެ.

އިރު އޮއްސި ގޮސް ރޭގަނޑު ކެއުމަށް ޖަމާވި ހިސާބުން ވެސް ޙަސީނާ އަނގައިން އަދި އަހައްމަދު ގެ ދުލުން ވެސް ޅަބޭގެ "ޅަވިޔަނި" ކިޔާ އަޑެއްވެސް ނީވުނެވެ. ވޭވަށުގެ ހުރިހާ ޚަބަރު ދަބަރު ކިޔަދިން އިރުވެސް އުފަލުން ހިނިތުން ވެފައި ތިއްބެވެ. އެންމެ ފަހުން އަހައްމަދު ގެ ސުވާލަކަށް ވީ ރަށު ވަލުގައިހުރި ޅަބޭގެ ރުއްކޮޅުން ވެއްޓޭ ކާއްޓަށް ހަދާގޮތާ ބެހޭގޮތުން އައި ސުވާލެވެ.

އަޅުގަނޑުގެ ކޮންޓުރޯލު ގެއްލުނީ އެހިސާބުން ނެވެ. އެ ދެމީހުންނާ ދިމާލަށް ޙަޔާތް ގޮވަން ފެށުނެވެ. އެކަނި ކަރުލައި ބޮޑުކުރި ތިމާގެ ބަފައި މީހާގެ ޙާލުވެސް އެހުމެއްނެތި މުދާ ބޮނޑިކުރާ ވާހަކަ ފެށުމުން ނެވެ. އައި ރުޅިން އަޅުގަނޑުގެ ހުރިހާ ދަތްތައް އެއްފަހަރާ އުނގަށް ފޭބި ކަހަލަ އެވެ. ދެމަފިރިން ވެސް އެއްވެސް ބަހެއް ނުބުނެ އެކަކު އަނެކަކުގެ މޫނަށް ބަލާލަ ބަލާލާ ތިއްބެވެ. އަޅުގަނޑު ގޮވާ އެއްޗެއް ގޮވައި ނިމި މުޅިކާގެ ހަމަހިމޭން ވިފަހުން ޙަސީނާ ތުރުތުރު އަޅާ އަޑަކުން އަހާލި އެވެ. ބައްޕަ ނިޔާވިތާ މިހާރު  10 އަހަރު ވީނޫން ހެއްޔެވެ؟ ބައްޕަގެ ފާތިޙާ ދުވަސް ކޮންމެ އަހަރަކުވެސް ރަޖަބު މަހު 11 ވަނަ ދުވަހު ފާހަގަކޮށް ހަދަމެވެ. މިތިބަ 3 ކުދިން ކިޔެއްކުރަން، މިރަށު އެއްވެސް މީހަކަށް ރަޖަބު 11 އެއީ ކޮން ދުވަހެއް ކަމެއް އޮޅިފައެއް ނޯންނާނެ އެވެ.

މި އަޑުތަކާއިއެކު އަޅުގަނޑު ޝޮކް ޖެހި ބަސް ހުއްޓިއްޖެ އެވެ. ވާނުވާއެއް ނޭނގި އުއި ނަނެއްގެ އޮޅުމަށްވުރެ އޮޅުން ބޮޅުން ބޮޑުވި އެވެ.

ތަން ހަމަހިމޭން ވުމާއެކު އަޅުގަނޑު ޅަބޭގެ ޙާލު ކިޔަން ފެށީމެވެ. ޅަބޭގެ ހިތުގައިވާ ބަފައިވަންތަ ކަމުގެ ލޯތްބާއި، އެލޯތްބާހެދި ޅަބޭ މޮޔަގޮވަމުން ދުވާގޮތް ކިޔައިދެމުން ދާއިރު އަހައްމަދު ވެސް ޙަސީނާ ވެސް 3 ކުދިން ވެސް އަޑުން އަޑުނަގައި ރޮނީ އެވެ. ވާހަކަ މެދު ކަނޑައިލަން ޖެހުނީ ޙަސީނާގެ ހޭ ދެބައިވި ހިސާބުންނެވެ.

ކަން ވެގެން އުޅޭ ގޮތް އެނގުނީ މާފަހުންނެވެ.

ބައްޕަ ދިރި ހުރިކަން އެނގުމާ އެކު ގޭތެރޭގައި އުފާވެރިކަން ވެރިވެފައި ވީ ނަމަވެސް އެންމެންގެ ހިތްތައް ވަނީ އުދާސް ވެފައެވެ. އެ އުދާސް ކަންމަތީ ފަތިހު ތެދުވެ، އަހައްމަދު މެންގެ މަހާރާޖާ ދޯނީގައި ވޭވަށަށް ދިއުމަށް ދަތުރު ފެށި އެވެ.

މެންދުރެއްހާއިރު ވޭވަށަށް ވަދެއްޖެ އެވެ. އޮޑިއަކާ އޮޑިއެއް ކިޔާފައި ޙަސީނާގެ ދެމަފިރިން ދުއްވައިގަތީ ބައްޕަ ދެކެލުމުގެ އުފާ ހޯދުމަށެވެ. ގެޔަށް ވަތްއިރު ބައްޕަ ގެއަކު ނެތެވެ. އަހާލި ކޮންމެ މީހަކު ޖަވާބު ދެނީ ނަފުރަތާއި އެކުގައެވެ. ޙައްވާލީ (ޙައްވާގެ އަލީ) ރުޅި އައިސްފައި ބުންޏެވެ. "މަންޖެގެ ބަފަޔެއް ހުރޭ ހެއްޔެވެ. ނުލަފާ ވިޔަސް ތިވަރެއް ނުދެކެމެވެ." އެއްވެސް މީހަކު ބައްޕަ ވީތަނެއް ބުނެއެއް ނުދިނެވެ. ޙަސީނާގެ ދެމަފިރިން ރަށުގެ ހުރިހާ ހިސާބެއް ހުސްކޮށް އެނބުރި ގެއަށް އައިއިރު ބައްޕަ ގޭ ދޮރުފަތު ގައި ވާއަތުން، އަސާ ދަނޑިގަނޑުގައި ކަނާއަތުން ހިފަހައްޓައިގެން ހުއްޓެވެ. ޙަސީނާމެން ހަމަ ފެނުމާއި އެކު " އޭތް މަންޖޭ އަހުރެން ގެ ޙަސީނާ ދުށިންތަ؟" މިހެން އަހާލިޔެވެ. ޙަސީނާ އާއި އަހަންމަދު ގެ ދެލޮލުން ހޯސްލާ ފައި ކަރުނަ އޮހިގަތެވެ. ކެއުމެއް ބުއިމެއް ނެތި ބައްޕަގެ ޙަސީނާ ހޯދަން އެފަކީރު ދައްކާ އަވީތެރޭ އެއުޅޭ ޙާލު ދެކިފައެވެ. އޮޅުލަމުން އޮޅުލަމުން ބައްޕަ ގޮވައިގެން ޙަސީނާމެން ގެއަށް ވަނެވެ. ފެންވަރުވައި ބޮޑުފޮށި ހޮޅުވާލި އިރު ފޮށީގައި ނިވައި ކުރާނެ އެންމެ ފޮތި ފަށެއް ވެސް ނެތެވެ. ގޭ ބޮޑުއަށި ކަނަކަށް ޖަހާފައި އޮތް ތެތް މުންޑު ގަނޑެއް އޮތެވެ. އަންނައުނެއްގެ ގޮތުގައި ދެން ވަނީ ހަމަ އެކަނި ލައިގެން ހުރި އެތައް ތަނަކުން ވީދި ހަސްނެތިފައިވާ މުންޑުގަނޑެވެ.

ދޯނިން ގެނައި އަންނައުނުން ހެދުންލައްވައި ޅަބޭ ޒީނަތްތެރިކޮށް މުޅި ގޯއްޗާއި ގޭތެރެ ސާފު ކުރުމަށްފަހު ޙަސީނާމެން އަވަހަށް ދުއްވައިގަތީ ކުޑަކަތީބު ގެއާ ދިމާލަށެވެ.

ވަރަށް ރުޅިއައިސް ހުރެ އަހާލީ އެގެއަށް އަރުވާލި ބަކުރު ކޮބައިތޯ އެވެ. ކުޑޭ ބުނީ މިހާރު އޭނާ މިނިވަން ވެގެން ދިޔަފަހުން 10 ވަރަކަށް އަހަރު ވެދާނެ ކަމަށެވެ. ހާސްކަމާ ލަދުވެތި ކަމާއެކު ކުރެވުނު ސުވާލާއި ޖަވާބުތަކުން އެނގުނީ ޙަސީނާމެންގެ ކައިވެނީގެ 3 މަސްފަހުން ބަކުރު އަހައްމަދާ މާލެއިން  ދިމާވި ކަމެވެ. ބަކުރު ބުނިގޮތުން އަހައްމަދުމެން ފީއައްޔަށް ދިޔަތާ ގިނަދުވަހެއް ނުވެ ޅަސޮރުބޭ ކުއްލި މަރަކުން މަރުވި ވާހަކަ އެވެ. އެ ދުވަސްވަރަކީ މުވާޞަލާތީ ގޮތުން ކޮށި ޒަމާނަކަށްވާތީ އިތުރު ހޯދުން ތަކަކަށް ނުގޮސް ބަކުރުގެ ވާހަކަ ޤަބޫލުކޮށް ޅަބޭގެ ފާތިޙާ ކިޔަން ޚަރަދު ކުރަން ކަމަށް ބުނެ 350 ރުފިޔާ ވެސް އަހައްމަދު ދިންކަން އެގުނެވެ. އަރުވާލީއްސުރެ ބަކުރަކީ ޙަސީނާގެ ފަހަތުން ނުނެއްޓިގެން އުޅޭ މީހަކަށް ވެފައި އެކަން ކާމިޔާބުނުވުމުންނާ އޭނާގެ ސިކުނޑީގައިވާ ވިގަނީ ކަމާ އޮޅުވާލުމުގެ ބާރުގައި އެފަދަ ބޮޑު ދޮގެއް ހެދީ ކަމަށް ނިންމިއެވެ.

އާނއެކެވެ. ޙަސީނާއަކީ ހަމަ އެ ޙަސީނާ އެވެ. މިދުނިޔެ މަތީގައި ޙަސީނާ އެންމެ ލޯބިވާ މީހަކީ ހަމަ ލޯބިވާ ބައްޕަ އެވެ. ޙަސީނާގެ ޢުމުރުގެ 10 ޢުމުރުގެ ހޭހަން ކުރިޔަސް ޙަސީނާގެ ބަފައި އޭނާއަށް ކުރި ޚިދުމަތުގެ އަގު އަދާ ނުވާނެކަން ޙަސީނާއާއި އަހައްމަދު ދަނެއެވެ.

ސިކުނޑީގައި ކަމެއް ނެތަސް މީހުން ވަކިކުރަން ނޭގުނަސް ޅަބެއަށްވެސް އޭނާއަށް ކާންދޭ މީހާ ވަކި ކުރަން އެނގެ އެވެ.

އޭނާގެ އާދައިގެ މަތިން މިހާރު ވެސް ޙަސީނާ ކުރެން ޅަބޭގެ ޙަސީނާ ކޮބައިތޯ އަހައި ހަދައެވެ. ބައްޕަގެ ހަސީނާ ކޮބައިތޯ އެވެ.

އާނއެކެވެ. އެއީ ބައްޕަގެ ޙަސީނާ އެވެ. ޙަސީނާގެ ބައްޕަ އެވެ.

 

ނޯޓް:މިއީ މިދިޔަ އަހަރުން މި ނޫހުން ކުރިއަށް ގެންދިޔަ ކުރުވާހަކަ ލިޔުމުގެ މުބާރާތުން އެއްވަނައަށް ހޮވުނު ވާހަކައެވެ. މި ވާހަކަ ލިޔެފައި ވަނީ މ.ވޭވަށު ޗާންދަނީގޭ ޢަބުދުﷲ ފައިސަލް (ތުއްތު) އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!