ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ކޮންސްޓްރަކްޝަން (ސީއެމްސީ) ގެ އިސް ވެރިޔާ ރާޖޫއަށް ނިސްބަތްކޮށް ކުރީގެ ރައީސް އަބްދުالله ޔާމީން ފާޑުވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން އިސްވެ ހުންނަވައި އުފެއްދެވި ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގެ އޮފީހުގައި ކުރިއަށްދިޔަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް “ރާޖޫ” ގެ ގާބިލުކަން މިހާ އަވަހަށް ކަށަވަރު ކުރެވުނީ ކިހިނެއްތޯ ސުވާލު އުފައްދަވައިފަ އެވެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވިއިރު ބައެއް ނޫސްތަކުން ވަނީ ރަސްމާލެ މަޝްރޫއަށް ބިން ހިއްކުމަށް 77 މިލިއަން ރުފިޔާ ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ސީއެމްސީއަށް ދޫކޮށްފައިވާކަމަށް ރިޕޯޓުކޮށްފަ އެވެ.
ސަރުކާރުން މައުލޫމާތު ހާމަ ނުކުރާކަމަށް ވިދާޅުވެ ރައީސް ޔާމީން ވަނީ ރައީސް މުއިއްޒުއަށް އިތުރަށް ފާޑުވިދާޅުވެފަ އެވެ. އެގޮތުން ވިދާޅުވީ ސަރުކާރުން ހިންގާ މަޝްރޫއުތަކާއި ގުޅިގެން ރައްޔިތުންނަށް ސައްހަ މައުލޫމާތު ނުލިބޭ ކަމަށެވެ. ރަސްމާލެ މަޝްރޫއު ހުއްޓުމާއި އަލުން ރާޖޫއަށް ފައިސާ ދިން ކަމަށް ވާހަކަ ދެކެވޭއިރުވެސް ސަރުކާރުން ބައެއް ބުނެފައި ނުވާތީ ރައީސް ޔާމީން ފާޑުވިދާޅުވި އެވެ.
“ޖަވާބުދާރީ ވާންޖެހޭ މީހުން މިކުރަނީ ކީއްތޯ? ކީ ޅެން ފަރިއްސައް ވެގެން ދާއިރު ކީއްވެގެންތޯ ހަނު މި ތިއްބަވަނީ?”
ޕީއެންއެފްގެ ޖަލްސާގައި ވަނީ “ދެން އޮންލައިންގެ” އެކްސްކްލޯސިވް އިންޓަވިއުގައި ރައީސް މުއިއްޒު ބަހާއި އަމަލާ ދިމާވާނެކަމަށް ވިދާޅުވި ވާހަކަފުޅު ދައްކައިފަ އެވެ. އެވާހަކައަށް އިޝާރާތް ކުރައްވައި ރައީސް ޔާމީން ވިދާޅުވީ ސަރުކާރުގެ އެއްވެސް މުއައްސަސާއަކުން މައުލޫމާތު ހާމަ ކުރާތަން ނުފެންނަ ކަމަށެވެ.
އެމްޑީޕީ ސަރުކާރުގައިވެސް ކަން ކުރީ މިހެން ކަމަށާއި އެހެންކަމުން ވެރިކަން ބަދަލުވި ކަމާއިމެދުވެސް މިހާރު ސުވާލު އުފެދޭކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.