ޖިނާއީ ކުށްތަކުގެ ޖޫރިމަނާ ފައިސާ ނުދައްކާ ނަމަ އަދަބަކީ ޖަލު
ޖިނާއީ ކުށްތަކާ ގުޅިގެން ޖޫރިމަނާ ފައިސާ ނުދައްކާ މީހުންގެ އަދަބު، ޖަލު އަދަބަކަށް ބަދަލު ކޮށްދިނުމަށް ދަށު ކޯޓަށް ހުށަހަޅަމުން އަންނަ ކަމަށް ޕްރޮސިކިއުޓަ ޖެނެރަލް އޮފީހުން ބުނެފި އެވެ.
ޕީޖީ އޮފީހުގެ ވެބްސައިޓުގައި މިއަދު އާންމުކުރި ލިޔުމެއްގައި ބުނެފައި ވަނީ ޝަރީއަތުން އަދަބު ކަނޑައެޅުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުގައިވާ ގޮތުން ޖިނާއީ ކުށަކާ ގުޅިގެން ކަނޑައަޅާ ޖޫރިމަނާގެ ފައިސާ ކަނޑައެޅިފައިވާ މުއްދަތުގައި ނުދައްކާކަން މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އެ އޮފީހަށް އަންގާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ކަނޑައެޅިފައިވާ އަދަބުގެ އަސްލީ އަދަބަށް ނުވަތަ ޖަލު އަދަބަށް ބަދަލު ކުރަން ހުށަހެޅިދާނެ ކަމަށެވެ.
އެ އުސޫލާ ހަވާލާދީ ޖޫރިމަނާ ފައިސާ ނުދައްކާ ކަަމަށް މީރާއިން އެ އޮފީހަށްދޭ މައުލޫމާތަށް ބަލައި، ޖޫރިމަނާ ފައިސާ ނުދައްކާ މީހުންގެ އަދަބު ޖަލު އަދަބަކަށް ބަދަލު ކޮށްދިނުމަށް ދަށު ކޯޓަށް ހުށަހަޅަމުން ގެންދާ ކަަމަށް ޕީޖީ އޮފީހުން ބުނެ އެވެ.
"މި އޮފީހުން އަމަލުކުރަމުން އައި ގޮތަށް ޖޫރިމަނާ އަދަބުގެ ފައިސާ ނުދައްކާ މީހުންގެ މައްސަލަތަކުގެ މައުލޫމާތު މީރާއިން މި އޮފީހަށް ހުށަހެޅުމުން އަދަބު މުރާޖައާކޮށްދިނުމަށް އެދި ހުށަހެޅޭނެ ކަމަށެވެ. އެހެންކަމުން، މީގެފަހުން ޖޫރިމަނާ ފައިސާ ނުދައްކާ ނަމަ، ކުށުގެ އަދަބު ޖަލު އަދަަބަށް ބަދަލު ކުރެވޭނެ އެވެ. އެއީ ޖިނާއީ ކުށުގެ އަސްލު އަދަބަކީ ޖަލަށްލުން ކަމަށް ވާތީ އެވެ،"
ޕީޖީ އޮފީހުން ބުނި ގޮތުގައި ޖޫރިމަނާގެ އަދަބެއް ކޯޓުން ކަނޑައަޅަނީ ޖޫރިމަނާ ފައިސާ ދެއްކޭނެ ވަސީލަތް ހުރިކަން ކޯޓުން ކަށަވަރު ކުރުމަށް ފަހުގައި ކަމުގަ އެވެ. ވުމާ އެކު ޖިނާއީ ކުށުގެ އަދަބުގެ ގޮތުގައި ކަނޑައެޅޭ ޖޫރިމަނާ ފައިސާ ނުދެއްކުމަށް ދެއްކޭނެ ހުއްޖަތެއް ނޯންނާނެ ކަމަށް އެ އޮފީހުން ބުނެ އެވެ.
ޕީޖީ އޮފީހުން ބުނީ ކުށް ސާބިތުވުމުން ކަނޑައަޅަން ޖެހޭ ޖަލު އަދަބުގެ ބަދަލުގައި ކަނޑައަޅާ ޖޫރިމަނާ ނުދެއްކުމުން ނުކުންނާނެ ނަތީޖާއަކީ ކުރި ކުށަށް އަދަބު ނުލިބުން ކަމަށެވެ. މި މައްސަލަ ޖިނާއީ އަދުލުގެ ނިޒާމުގައި ދަނީ ކުރިމަތިވަމުން ކަމަށާއި ގާނޫނުލްއުގޫބާތުން ދިން މި ލުއި ކުށްވެރިން ދަނީ ނަހަމަ ގޮތުގައި ބޭނުން ކުރަމުން ކަމަށް ވެސް ޕީޖީ އޮފީހުން ވަނީ ފާހަގަކޮށްފަ އެވެ.
ތި ދަލުގައިވެސް ޖެހޭނީ ކުދި މީދާ. ބޮޑެތި މީދާ ދާ ކަޑާލާފައި ދާނެ.