ޕީއެންއެފް ޖަގަހަ ޖަލްސާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ދެއްކެވި ވާހަކަފުޅަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރައްދު ދެއްވައިފި އެވެ.
ރޭ ރައީސް ޔާމީން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ސިހުރު ހެދިކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒުގެ އަތުގައި ކޮރަޕްޝަންގެ މައުލޫމާތުތަކެއް ހުރި ޕެން ޑްރައިވްއެއް އޮތީތޯ ސުވާލު އުފައްދަވައިފަ އެވެ.
މިވާހަކަތަކަށް ވަރަށް ކުރުކޮށް ރައްދު ދެއްވަމުން އަބްދުއްރަހީމް މިއަދު ވިދާޅުވީ “އެ ޕެންޑްރައިވް” ގެ ޝިކާރައަކަށްވީ މީހުން މިއަދު ވެސް ދުނިޔޭގައި އެބަތިބި ކަމަށެވެ.
"ސުވާލު ކުރި މީހާއަށާ ޖަވާބް ދޭން ހުރި މީހާއަށް ޕެންޑްރައިވް ގެ ކަންތައްތައް އެންމެ ރަނގަޅަށް އެނގޭނެކަމަށް ގަބޫލު ކުރެވެނީ."
އަބްދުއްރަހީމް މި އިޝާރާތް ކުރެއްވީ 2015 ވަނަ އަހަރު ރައީސް ޔާމީންގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރަކަށް ހުންނަވަނިކޮށް ކާނަލް ރިޓަޔަރޑް މުހައްމަދު ނާޒިމް ހައްޔަރު ކުރި ހާދިސާއަށްކަމަށް ބެލެވެ އެވެ. މިހާރު ރައްޔިތުންގެ މަޖިލީހުގައި އިންނެވި ނާޒިމް ހައްޔަރު ކުރީ ހަނގުރާމަމަތީ ހަތިޔާރު ގެންގުޅުނު ކަމުގެ ތުހުމަތުގައި އެމަނިކުފާނު ދިރިއުޅުއްވާ އެޕާޓްމެންޓުން ފިސްތޯލައެއް ފެނިގެންނެވެ. އެގެއިން ޕެން ޑްރައިވްއެއް ފެނި އޭގައި ހުރި މައުލޫމާތުތައްވެސް އެއްކުރި އެވެ.
ޕެންޑްރައިވް އެނެލައިޒް ކުރި ފުލުހުން ޝަރީއަތުގައި އޭރު ހެކިބަސްވެސް ދިނެވެ. އޭނާ ބުނެފައިވަނީ އެ ޕެން ޑްރައިވްގައި ހުރި މައުލޫމާތުތަކަށް ބަލާއިރު ރައީސް އަބްދުﷲ ޔާމީނާއި ދައުލަތުގެ ބައެއް އިސްވެރިންނަށް ހަމަލާދޭން ނާޒިމް ރޭވި ކަމަށެވެ. އޭރު ފުލުހުންގެ އިސް ވެރިއަކަށް ހުންނެވީ ރޭ ޕީއެންއެފް ޖަލްސާގައި ވާހަކަ ދެއްކެވި ހުސައިން ވަހީދެވެ.
އަބްދުއްރަހީމްގެ ވާހަކައިގައި އިޝާރާތް ކުރައްވާފައި މިވަނީ ސީޕީ ހުސައިން ވަހީދަށާއި ރައީސް ޔާމީނަށް ކަމަށް ބެލެވެ އެވެ.
ކޮނުނު ކޮނުނުހެންފަސްގިނަވާނީ ތިބޭފުޅުންގެކަންކަން ތިބޭފުޅުންނަށް ރަނގަޅަށް އެނގިލައްވާނެ މިކަމަކާ ހައިރާންވާކަށްނުޖެހޭ …