އެމްއެމްޕީއާރުސީގެ ބޯޑު މެމްބަރު ކަމަށް ސަމީއު އިމާދު އާއި އައިޝަތު ހަމީދު

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ބޯޑު މެމްބަރު ކަމަށް ދެ ބޭފުޅަކު އައްޔަންކޮށްފި އެވެ.
އެމްއެމްޕީއާރުސީގެ ބޯޑު މެމްބަރު ކަމަށް އަބްދުއް ސަމީއު އިމާދާއި އައިޝަތު ހަމީދު އައްޔަންކޮށްފައިވާކަން ހާމަކޮށްފައިވަނީ ރޭ އެ ކޯޕަރޭޝަނުން "އެކްސް" ގައި ކުރި ޕޯސްޓެއްގަ އެވެ.
އެމްއެމްޕީއާރުސީގެ ބޯޑަށް ދެ މެމްބަރަކު އައްޔަންކޮށްފައި މި ވަނީ އެ ކޯޕަރޭޝަނުގެ ޗެއާޕާސަން ކަމުގެ މަގާމުގައި ހުންނެވި އާއިޝާ ނޫރައިން ޖަނާހު އަދި ބޯޑުގައި ސަރުކާރު ތަމްސީލު ކުރެއްވި ރާފިލް މުހައްމަދު އިސްތިއުފާ ދެއްވާފައި ވަނިކޮށެވެ. މިދިޔަ ޑިސެމްބަރު މަހު ޗެއާޕާސަން ކަމަށް އައްޔަންކުރި ނޫރައިން މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ މެއި މަހުގެ 21 ވަނަ ދުވަހު އެވެ. ބޯޑު މެމްބަރު ކަމުން ރާފިލް އިސްތިއުފާ ދެއްވީ އެޕްރީލް މަހުގެ ތެރޭގަ އެވެ.
އެ ދެ ބޭފުޅުން މަގާމުން އިސްތިއުފާ ދެއްވިއިރު، އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ފާތިމަތު ތައުފީގު (ކުޑީ) މަގާމުން ވަކިކޮށްފައި ވަނީ މެއި މަހުގެ 22 ވަނަ ދުވަހު އެވެ. މިދިޔަ ޑިސެމްބަރު މަހު މަގާމަށް އައްޔަންކުރި ކުޑީ ވަކި ކުރުމަށް ފަހު، އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ކަމާއި ސީއީއޯގެ މަގާމަށް އިބްރާހިމް ޝިއުރީ އައްޔަންކޮށްފައިވާ ކަން ހާމަކޮށްފައި ވަނީ ޖޫން މަހުގެ 14 ވަނަ ދުވަހު އެވެ.