ޚަބަރު ސިޔާސީ

މާލީ ހާލަތު "ވާނުވާ" ގައި ބާއްވައިގެން ލިބޭނެ ކުރިއެރުމެއް ނެތް: ފައްޔާޒު

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް/ ފޮޓޯ: ދެން

މާލީ ހާލަތު "ވާނުވާ" ގައި ބާއްވައިގެން ރާއްޖެއަށް ލިބޭނެ އެއްވެސް ކުރިއެރުމެއް ނެތް ކަމަށް އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.

Ads by Sosun Fihaara

ރައްޔިތުންގެ މަޖިލިހުގެ މެންބަރުންގެ އަދަދު 77 އަށް މަދުކޮށް، ކައުންސިލުތަކުގެ ސައިޒު ކުޑަކުރުމާ ގުޅޭ ގޮތުން ރޭ ބޭއްވި ޕީއެންސީގެ ޖަގަހަ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅަށް އިޝާރާތް ކުރައްވާ ފައްޔާޒު މިއަދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ‏ނިޒާމަށް ބަދަލުތަކެއް އަންނަން ޖެހޭ ކަމަށެވެ. އެހެން ނަމަވެސް ކައުންސިލް މެންބަރުންގެ އަދަދު މަދުކުރުމާއި ރައްޔިތުންގެ މަޖިލިހުގެ މެންބަރުންގެ އަދަދު މަދުކުރުން ފަދަ ކަންކަން ކުރުމުގެ ކުރިން ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ފުޅާ ދާއިރާއެއްގައި ހޯދަން ޖެހޭ ކަމަށެވެ.

"މާލިއްޔަތު ރަނގަޅު ކަމަށް ވަޒީރުން ވިދާޅުވާއިރު، އާންމު ރައްޔިތުން ހިތި ބޭސް ބޯން ޖެހޭ ވާހަކަ ދެއްކީމާ މާލިއްޔަތު އަދި އިގުތިސޯދު ރަނގަޅަށް އޮތަސް ރައްޔިތުން އަދި އިންވެސްޓަރުންނާއި ފައިނޭންސަރުންގެ އިތުބާރު ގެއްލި ނުބައި ދިމާލަކަށް ގޮސްދާނެ. ގެންނަށް ހުށަހަޅާފައި ހުރި ބަދަލުތަކުގައި އިހުލާސްތެރިކަމެއް ހުރި ކަމަކަށް ނުފެނޭ،"

ފައްޔާޒު ވިދާޅުވެފައި ވަނީ ވިޔަފާރިތަކާއި ކިޔަވަން ބޭރުގައި ތިބި ދަރިވަރުންނަށް ދޭން ޖެހޭ ފައިސާ ދޭނެ ގޮތެއްގެ ވާހަކަ ސަރުކާރުން ހާމަކުރަން ޖެހޭ ކަމަށެވެ. އިތުބާރު ހޯދުމަށް ވައުދުވެފައިވާ ގޮތަށް ކަންކަން އަދި ހާލަތު އޮތް ގޮތް މުޅިން ސާފުވާ ގޮތަށް ހާމަކުރަން ޖެހޭކަން ފައްޔާޒު ވަނީ ފާހަގަކުރައްވާފަ އެވެ.

"ސިޔާސީ މުވައްޒަފުން ކިހާވަރެއްތޯ. ރައްރަށުގެ ކައުންސިލަރުން މަދުކުރުމުގެ ކުރިން ސިޔާސީ މުވައްޒަފުން ވައުދާ އެއްގޮތަށް މަދުކުރޭތޯ. މި ކަންކަން ހާމަކުރުމަކީ އެއްވެސް ވަރަކަށް އުނދަގޫ ކަމެއް ނޫން އަދި މި ވަގުތު ވެސް ސަރުކާރަށް އެނގެން ޖެހޭ މައުލޫމާތު،"

ފައްޔާޒު ވިދާޅުވި ގޮތުގައި އެމްޑީޕީން ރައްޔިތުން ބަލައިގަންނާނެ ހަރުދަނާ ބަދަލުތަކަކަށް މަރުހަބާ ކިޔާނެ ކަމުގަ އެވެ. އެކަމަކު މާލީ ހާލަތު "ވާނުވާ" ގައި ބާއްވައިގެން ގައުމަށް ލިބޭނެ އެއްވެސް ކުރިއެރުމެއް ނެތް ކަމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ.

މި މޭރުމުން ފައްޔާޒު ވާހަކަދައްކަވާފައިވާއިރު، އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވެސް ވަނީ ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވާފަ އެވެ. ޝާހިދު ވިދާޅުވީ ލާމަރުކަޒީ ނިޒާމުގެ ޅަފަތުގައި، ރައްޔިތުންގެ ބާރު ކަނޑުވާލަން އަނެއްކާވެސް ރަށްރަށުގެ އާންމު ހާލަތު ސާފުނުވާ ބަޔަކު މަސައްކަތް ކުރަން ފަށާފައިވާ ކަމަށެވެ.

މާލޭގެ ފިނި ކޮޓަރީގައި ތިބެގެން ރަށްރަށުގެ ކަން ހިންގުމުގެ ބާރު އެ ފިނިކޮޓަރިއަށް ޖަމާކުރުމަށް އެއްބަހެއް ނުވެވޭނެ ކަމަށާއި ދައުލަތުގެ ކަންކަން ހިންގަން ނޭގިގެން ގައުމު ބަނގުރޫޓުގެ މަގަށް ފުރޮޅެން ފެށީމާ ލާމަރުކަޒީ ނިޒާމު ނެތިކޮށްލުމަކީ ގޮތެއް ނޫން ކަމަށް ވެސް ޝާހިދު ވިދާޅުވިި އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!