ކޮވިޑް-19: މިލަންދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ފައްސި ވެއްޖެ
ށ.މިލަންދޫގައި ހޯމް ކަރަންޓީނު ވެގެން ހުރި ބިދޭސީއަކު ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.
މިލަންދޫ ހެލްތު ސެންޓަރުން ބުނީ ފައްސިވެފައިވަނީ މިލަންދޫގެ ފާމަސީއެއްގައި މަސައްކަތް ކުރާ 39 އަހަރުގެ ބިދޭސީ މުވައްޒަފެއް ކަމަށެވެ. އަދި އޭނާ އިތުރު އެއްވެސް ފަރާތަކާ ކޮންޓެކްޓް ވެފައި ނުވާކަމަށް ވެސް ހެލްތު ސެންޓަރުން މައުލޫމާތު ދެއެވެ.
ކޮވިޑް-19 އަށް އެމީހާ ފައްސިވެފައި ވަނީ ކަރަންޓީނުގެ މުއްދަތު ފުރިހަމަ ކުރުމަށް ފަހު ހެދި ޓެސްޓުންނެވެ.
މިލަންދޫއިން މީގެ ކުރިން ވެސް 10 މީހަކު ކޮވިޑް-19 އަށް ފައްސި ވެފައި ވެއެވެ. މީގެ އިތުރުން ވެސް ގދ.ހޯޑެއްދޫއިން ފައްސިވީ ދެމީހުންނާއި ގުޅުންހުރި އިތުރު 19 މީހަކުވެސް އިއްޔެ މި ބައްޔަށް ވަނީ ފައްސި ވެފައެވެ. އެ ރަށް މިހާރު އޮތީ މޮނިޓަރިންގެ ހާލަތުގައެވެ.
ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ އަށް ހާހަށް ވުރެ މައްޗަށް އަރާފައެވެ. މި ބަލިން ފަސް ހާހަށްވުރެ ގިނަ މީހުން ރަނގަޅު ވެފައިކަން ވެސް ފާހަގަ ކުރެވެއެވެ.