ޚަބަރު

ފުއާދުގެ ބަޔޯގްރަފީ ނެރެނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
އީސީގެ ރައީސް ފުއާދު ތައުފީގް "ދެން" އާ ވާހަކަ ދައްކަވަނީ

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް ފުއާދު ތައުފީގުގެ ހަޔާތުގެ ތަފުސީލީ ވާހަކަތައް ހިމެނޭ ބަޔޯގްރަފީ ފޮތެއް ނެރެން ތައްޔާރުވެއްޖެ އެވެ.

Ads by STELCO

މި މަހު ނެރެން ހަމަޖެހިފައިވާ 190 ސަފުހާގެ މި ފޮތުގައި މިހާރު އުމުރުން 69 އަހަރުގެ ފުއާދުގެ ހަޔާތުގެ މުހިންމު ހުރިހާ ވާހަކަތަކެއް ހިމެނޭނެ އެވެ. ފުއާދުގެ ތުއްޕުޅުއިރުގެ ދުވަސްތަކުން ފެށިގެން ސްކޫލު ދުވަސްތަކާއި މަތީ ތައުލީމު ހާސިލުކުރެއްވި ދުވަސްތަކުގެ އިތުރުން ގައުމީ ހިދުމަތުގެ ދުވަސްތަކެވެ.
މި ފޮތް ލިޔަނީ ސަން އޮންލައިންގެ މެނޭޖިން އެޑިޓަރު - ޑިރެކްޓާ ނިއުސް، އަހުމަދު ސާއިލު އަލީ އެވެ.

ތަޅަމުދިގޭ މުހައްމަދު ތައުފީގާއި ހާޖަރޭގޭ ސިއްތިގެ ފުއާދު ތައުފީގު ދިވެހީން ދަންނަން ފެށީ ތަފާސްހިސާބަށް ކުޅަދާނަ މީހެއްގެ ގޮތުގަ އެވެ. ރާއްޖެއަށް އަލަށް ކޮމްޕިއުޓަރު ގެނެސްގެން، އޭގެ ބޭނުންކޮށްގެން އޭނާ ބޯހިމެނުމުގެ މަސައްކަތް އެހެން ހަރުފަތަކަށް ގެންދެވި އެވެ. ސާކުގެ ސެކްރެޓިއޭޓުގައި ވެސް ވަޒީފާ އަދާކުރެއްވި އެވެ.

ދިވެހީންގެ އިހުތިރާމު އޭނާ އެންމެ ބޮޑަށް ހޯއްދެވީ އިލެކްޝަންސް ކޮމިޝަނުގައި ކުރެއްވި މަސައްކަތުންނެވެ. ރާއްޖެއަށް ޑިމޮކްރަސީ ތައާރަފުވެ، ދެފުށް ފެންނަ ގޮތަށް އިންތިހާބުތައް ބާއްވަން ގާނޫނު ލާޒިމުކުރުމުން، އެ މަސައްކަތް ފުރިހަމަކޮށް ގެންދެވުމުގައި ފުއާދު އަދާކުރެއްވި ދައުރު، ދިވެހި ތާރީހުގައި ވަނީ ލިޔެވިފައެވެ.
މި ފޮތް ލިޔުއްވި ސާއިލު ވިދާޅުވި ގޮތުގައި ފުއާދުގެ ހިދުމަތްތެރި ހަޔާތަކީ ގިނަ އިބުރަތްތަކެއް ލިބެނެވި ކަމެކެވެ. އެ ގޮތުން، ސިޔާސީ ގޮންޖެހުންތަކާއި، ވާދަވެރިކަމުގައި ފިތި، އެކަށީގެންވާ ގޮތަށް މަސައްކަތްނުކުރެއްވޭ ހާލަތުގައި ވެސް ފުއާދު ދެއްކެވި ހިތްވަރު ފޮތުގައި ބުނެދީފައިވާނެ ކަމަށް ސާއިލު ވިދާޅުވި އެވެ.

"ވެރީންނަށް ރައްޔިތުންގެ އިތުބާރު ކުޑަވެފައިވާ ޒަމާނެއްގައި ފުއާދަކީ، ދިވެހީންނަށް ލިބުނު މުތެއް. އެއީ ހިންގުމާއި، ރޭވުމާއި، ތަންފީޒުކުރެއްވުމުގައި އެފަދަ ދެވަނައެއް ނެތް ފަދަ ފަސްމީރުކުރި ރުކެއް. މި ފޮތަކީ އޭނާގެ ހަޔާތުނާމާ. އެންމެ ތުއްތުއިރުން ފެށިގެން މިއަދާ ހަމަޔަށް ހަޔާތުގައި ދިމާވި ހުރިހާ ކަމެއް ހިމެނޭނެ. ހިތާމަތަކާއި، އުފާތައް ވެސް. ތަޖުރިބާތަކާއި، ގޮންޖެހުންތައް ވެސް. ކާމިޔާބާއި، ފިލާވަޅުތަކާއި ލޯތްބާއި، ބޭވަފާ ވެސް،" ސާއިލު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މި ފޮތުން ލިބޭނެ އެންމެ ބޮޑު މެސެޖަކީ އެންމެން ލޯބިވާ އަދި އިހުތިރާމުކުރާ މީހަކަށްވާން ފުއާދު ގެންގުޅުއްވި ޕްރިންސިޕަލްތަކެވެ. އަދި، ގޮންޖެހުންތަކާއި ހިތާމަތަކާ ކުރިމަތިވުމުން ފުއާދު އަމަލު ކުރައްވާ ގޮތަކީ އިބުރަތަކަށް ފުދޭނެ ކަންކަން ކަމަށް ސާއިލު ވިދާޅުވި އެވެ.

"ފޮތް މިހާރު ފާސްކޮށް ޕްރިންޓިންގެ މަސައްކަތުގައި މި އުޅެނީ. މި މަސް ތެރޭގައި މި ފޮތް ނެރުމުގެ މަސައްކަތް މި އަންނަނީ ކުރަމުން. ފަސޭހަކަމާ އެކު ބައްލަވައިލެއްވުމުގެ އިންތިޒާމު ހަމަޖައްސާނަން އަޅުގަނޑުމެން،" ސާއިލު ވިދާޅުވި އެވެ.

މި ފޮތް ލިޔުއްވި ސާއިލުގެ ލިޔުންތެރިކަމުގެ ދައުރު ފެށުނީ ނޫސްވެރިކަމުގެ ތެރެއިންނެވެ. އެ ރޮނގުން ވެސް ކުރިއަށް ގޮސް އޭނާ ވަނީ މިހާތަނަށް ދެ ފޮތެއް ލިޔެ ޝާއިއުކޮށްފަ އެވެ.

އެއީ، އާންމުންގެ މަގުބޫލުކަން ވަރަށް ބޮޑަށް ލިބުނު، އޭނާގެ އަމިއްލަ ނަފުސާނީ ހަޔާތުގެ މައްޗަށް ލިޔުނު "އެ ދުވަސް ގެނެވޭނެ" ފޮތާއި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމްގެ ހަޔާތްޕުޅުގެ މައްޗަށް ލިޔުނު 'ފައިސަލް ނަސީމް' ފޮތެވެ. ފުއާދުގެ ބަޔޯގްރަފީއަކީ ސާއިލުގެ ތިންވަނަ ފޮތެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!