ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވެރިކަން ކުރެއްވި ފަސް އަހަރު ދުވަހުގެ ތެރޭގައި ދައުލަތުގެ ކުންފުނިތަކަށް 15،000 މުވައްޒަފުން އިތުރަށް ނަގައި އެމައުލޫމާތު ހާމަކުރަން ދެކޮޅު ހެދިކަން ހާމަވެއްޖެ އެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން މިއަދު ޝާއިއުކުރި އެސްއޯއީތަކުގެ ފާއިތުވި އަހަރުގެ ފަހު ކުއާޓާގެ މާލީ ރިޕޯޓުން އެނގޭ ގޮތުގައި 2018 ވަނަ އަހަރުގެ ނިޔަލަށް އެސްއޯއީތަކުގައި ތިބީ ޖުމްލަ 18،676 މުވައްޒަފުންނެވެ. އޭގެ ތެރޭގައި ސަރުކާރުން ހަރަދުކޮށްގެން ހިންގާ ކުންފުނިތަކުގައި 2،231 މުވައްޒަފުން ތިއްބެވެ. ދެން ތިބީ އަމިއްލަ ފުދުންތެރިކަމުގައި ހިންގާ ކުންފުނިތަކުގައި މަސައްކަތް ކުރާ 16،445 މުވައްޒަފުންނެވެ.
އެހެންނަމަވެސް 2023 ވަނަ އަހަރުގެ ނިޔަލަށް 34،369 މުވައްޒަފުން ކުންފުނިތަކުގައި ތިއްބެވެ. އެއީ އަމިއްލަ ފުދުންތެރިކަމުގައި ހިންގާ ކުންފުނިތަކުގައި މަސައްކަތް ކުރާ 30،723 މުވައްޒަފުންނާއި ސަރުކާރުން ހަރަދުކޮށްގެން ހިންގާ ކުންފުނިތަކުގައި ތިބި 3،646 މުވައްޒަފުންނެވެ.
އެހެންކަމުން 2018 ވަނަ އަހަރާއި އަޅާ ބަލާއިރު 2023 ވަނަ އަހަރު ވަނީ މުވައްޒަފުންގެ އަދަދު 84 އިންސައްތައަށް އިތުރުކޮށްފަ އެވެ.
ޕީސީބީގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ކުއާޓާލީ ރިޕޯޓު އެކުލަވައިލުމަށް އެސްއޯއީތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދު ހޯދަން ޕީސީބީން އެދުމުން ބައެއް ކުންފުނިތަކުން އެ މައުލޫމާތު ހިއްސާ ކުރަން ދެކޮޅު ހެދި އެވެ. އެހެންވެ ރިޕޯޓުގައި ހިމަނާފައިވަނީ 2022 ވަނަ އަހަރުގެ ނިޔަލަށް އެކުންފުނިތަކުގައި ތިބި މުވައްޒަފުންގެ އަދަދެވެ.
ރައީސް ޞާލިހުގެ ވެރިކަމުގައި އެންމެ ބޮޑަށް އިތުރުކޮށްފައިވަނީ އަތޮޅުތެރޭގައި ފުޅާ ދާއިރާއެއްގައި ހިންގާ ފެނަކަ ކޯޕަރޭޝަންގެ ވަޒީފާތަކެވެ. އެގޮތުން 2018 ވަނަ އަހަރުގެ ނިޔަލަށް 2،756 މުވައްޒަފުން އެ ކުންފުނީގައި ތިބި ނަމަވެސް މިދިޔަ އަހަރުގެ ނިޔަލަށް މި އަދަދު ވަނީ 7،132 އަށް އިތުރުކޮށްފަ އެވެ. މިއީ 158 އިންސައްތައިގެ އިތުރުވުމެކެވެ.
އެކުންފުނީގެ އިތުރުން އެޗްޑީސީއާއި އެމްޕީއެލް ފަދަ ކުންފުނިތަކުގެ މުވައްޒަފުންވެސް ވަނީ އިންތިހާއަށް އިތުރުކޮށްފަ އެވެ.