ޚަބަރު ސަރުކާރު

ބިދޭސީ މަސައްކަތްތެރިންގެ ފީގެ ގޮތުގައި ލިބުނީ 74 މިލިއަން, ނުލިިބި 1.6 ބިލިއަން

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ހޯމްލޭންޑް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މަޖީދު: ވިދާޅުވީ ބިދޭސީ މަސައްކަތްތެރިންގެ ފީގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ދައުލަތަށް ނުލިބި އެބަހުރި ކަމަށް - ފޮޓޯ:ހޯމްލޭންޑް މިނިސްޓްރީ

ބިދޭސީ މަސައްކަތްތެރިންގެ ފީގެ ގޮތުގައި 74 މިލިއަން ރުފިޔާ ލިބުނުއިރު 1.6 ބިލިއަން ރުފިޔާ އަދިވެސް ނުލިބި އެބަހުރި ކަމަށް ހޯމްލޭންޑް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލްމަޖީދު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

Ads by STELCO

ހޯމްލޭންޑް މިނިސްޓްރީގެ ފަރާތުން މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޖީދު ވިދާޅުވީ ބިދޭސީ މަސައްކަތްތެރިންގެ ފީ އާއި އެ ފީ އާ ގުޅިގެން ދައްކަން ޖެހޭ ޖޫރިމަނާތައް ހިމެނޭހެން 1.7 ބިލިއަން ރުފިޔާ ނުލިބިވާ ކަމަށެވެ.

"ޖޫން ހަތަރު ވަނަ ދުވަހު އަޅުގަނޑުމެންވާނެ އެކްސްޕެޓް ސިސްޓަމް އާ ގުޅޭގޮތުން ހޯދާ ހިދުމަތްތަކުގެ ތެރެއިން ދައުލަތަށް ލިބެން ޖެހޭ ފީގެ ގޮތުގައި ނުވަތަ އެ ފީ އާ ގުޅިގެން ދައްކަން ޖެހޭ ފައިސާ ނުދެއްކުމުގެ ސަބަބުން ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ ފައިސާތައް ހިމެނޭ ގޮތަށް އަޅުގަނޑުމެން ބެލިއިރުގައި 1.7 ބިލިއަން ރުފިޔާ ދައުލަތަށް ލިބެން ޖެހޭ،" މަޖީދު ވިދާޅުވި އެވެ.

މަޖީދު ވިދާޅުވި ގޮތުގައި މިދިޔަ އެއް މަސް ދުވަހުގެ ތެރޭގައި މި ފައިސާގެ ތެރެއިން 74 މިލިއަން ރުފިޔާ ދައުލަތަށް ދައްކާފައިވާ ކަމުގަ އެވެ.

މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހު ހޯމްލޭންޑް މިނިސްޓްރީން ބުނެފައި ވަނީ ބިދޭސީ މަސައްކަތްތެރިންގެ ފީގެ ގޮތުގައި އަދި އެ ފީ އާ ގުޅިގެން ދައްކަން ޖެހޭ ޖޫރިމަނާތަކާ އެކު 1.7 ބިލިއަން ރުފިޔާ ދައުލަތަށް ނުލިބިވާ ކަމަށެވެ. ވަޒީފާދޭ 10،619 ފަރާތުގެ ނަންމަތީގައި ރަޖިސްޓްރީ ކޮށްފައިވާ 102،807 ބިދޭސީ މަސައްކަތްތެރިންގެ ފީ ނުލިބިވާ ކަމަށް މިނިސްޓްރީން އޭރު ބުނެފައިވެ އެވެ.

ހޯމްލޭންޑް މިނިސްޓްރީން ވަނީ ޖޫން މަހުގެ 18 ވަނަ ދުވަހުގެ ކުރިން ފައިސާ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު އާންމުކޮށް އިއުލާނު ކުރާނެ ކަމަށް ބުނެފަ އެވެ. އިތުރަށް ބުނެފައިވާ ގޮތުގައި އެކްސްޕެޓް ސިސްޓަމުން އެފަދަ ފަރާތްތައް ސަސްޕެންޑްކޮށް އާ ހުއްދަތައް ދޫކުރުން މެދުކަނޑާލާނެ ކަމުގަ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!