ޚަބަރު ރައްޔިތުންގެ މަޖިލިސް

ލިއުމުން ޖަވާބު ދިނުން ލަސްކޮށްފިއްޔާ ނޫނީ ވަޒީރުން ހާޒިރު ނުކުރަން ފަލާހުގެ ހިޔާލެއް

މަރިޔަމް އުމްނާ އިސްމާޢިލް ، ދެން އޮންލައިން
ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހު

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ސުވާލުތަކަށް ތިން ދުވަހުން ޖަވާބުނުލިބިގެން ނޫނީ ޖަލްސާތަކަށް ވަޒީރުން ހާޒިރުނުކުރެވޭ ގޮތް ހަދަން ވެރިކަން ކުރާ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު ހިޔާލު ހުށަހަޅުއްވައިފި އެވެ.

Ads by STELCO

އޭނާ މިގޮތަށް ހިޔާލު ހުށަހެޅުއްވީ، މިއަދުގެ ޖަލްސާއަށް އިދިކޮޅު އެމްޑީޕީގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ހުށަހަޅުއްވައިގެން ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު މަޖިލީހަށް ހާޒިރުވެެވަޑައިގެންނެވުމާ ގުޅިގެން ނެވެ.

"ދެން އަޅުގަނޑު އޮތީ އެމްޑީޕީއަށް ނަސޭހަތެއް ދޭން. އެއީ ދައުލަތުގެ މުޅި ގައުމުގެ ޒުވާނުންނަށް އެންމެ ހާއްސަ ވަޒީރު، ކުޅިވަރާ ބެހޭ ވަޒީރު މިތަނަށް ކޮންމެ ދުވަހަކު ކުދި ކުދި ކަމެއް ނެތް. ތިބޭފުޅުން ކޮންމެ ދުވަހަކު ހުއްޓާލައްވާފައި ބަނގުރޫޓުކޮށްފައި ހުރި ޕްރޮޖެކްޓުތަކަކަށް ސުވާލުކުރަން ތި ގެންނަވަނީ ކީއްވެގެންތޯ؟" ފަލާހު ސުވާލު އުފެއްދެވި އެވެ.

ފަލާހު، މަޖިލީހުގެ ރިޔާސަތަށް ހުށަހެޅުއްވީ ވަޒީރުންނާ ސުވާލުކުރުމުގެ ގަވައިދު އިސްލާހު ކުރުމަށެވެ.

"ދެން އޮތީ ރައީސަށް އަޅުގަނޑުގެ ހިޔާލެއް ދަންނަވާލުން. ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ވަޒީރަކަށް، ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ދާއިރާއާ ބެހޭ ގޮތުން ސުވާލެއް ފޮނުވައިގެން ތިން ދުވަސް ތެރޭ ޖަވާބު ނުދީފިއްޔާ ނޫނިއްޔާ މަޖިލީހަށް ހާޒިރުކުރުމަކީ އެންމެ ރަނގަޅު ގޮތްތޯ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު އިސްލާހު ކުރާއިރު ރަނގަޅު ކަމެއް ކަންނޭނގެ ބަލާލަން." އޭނާ ވިދާޅުވި އެވެ.

ނިމިދިޔަ 19 ވަނަ މަޖިލީހުގެ ގަވާއިދުގައި ބުނާގޮތުން މެމްބަރަކަށް ވަޒީރަކާ ސުވާލުކުރެވޭނީ، އެ ވަޒީރަކާ ކުރަން ބޭނުންވާ ސުވާލުގެ ނޯޓިސް ލިޔުމުން ފޮނުވައި، އެ ނޯޓިސް ފޮނުވާތާ 14 ދުވަސް ފަހުން ބާއްވާ ޖަލްސާއެއްގަ އެވެ. ލިޔުމުން ޖަވާބު ހޯދުމުގެ އިހުތިޔާރުވެސް މެމްބަރުންނަށް އެ ގަވާއިދުގެ ދަށުން ލިބެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!