ޚަބަރު ވިޔަފާރި

ފިނޭންސްގެ މުވައްޒަފުން އިސްލާމިކް ފައިނޭންސަށް ހޭލުންތެރިކުރަން ސެޝަނެއް ބާއްވައިފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން

ފިނޭންސް މިނިސްޓްރީގެ މުވައްޒަފުންނަށް އިސްލާމިކް ފައިނޭންސާ ގުޅޭ ހޭލުންތެރިކުރުމުގެ ސެޝަނެއް ބާއްވައިފި އެވެ.

Ads by Hajj Corporation

ފިނޭންސް މިނިސްޓްރީގެ މުވައްޒަފުންނަށް އަމާޒުކޮށްގެން އިސްލާމިކް ފައިނޭންސާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ މަގުސަދުގައި މި ސެޝަން ކުރިއަށް ގެންގޮސްފައި ވަނީ ބުރާސްފަތި ދުވަހު އެ މިނިސްޓްރީގެ އިސްމާއިލް ފަތުހީ މާލަމުގަ އެވެ.

ފިނޭންސް މިނިސްޓްރީގެ ޕަބްލިކް ފައިނޭންސް އިންސްޓިޓިއުޓުން އިސްނަގައިގެން ބޭއްވި މި ސެޝަން ނަންގަވައިދެއްވީ އިސްލާމިކް ފައިނޭންސް ކޮންސަލްޓަންޓް، އަޒްމީން ރަޝީދެވެ.

މި ސެޝަންގައި ކޮންވެންޝަނަލް ބޭންކިން އާއި އިސްލާމިކް ބޭންކިން އާ ހުރި ތަފާތުތަކާއި އިސްލާމިކް ފައިނޭންސްގެ ތާރީހަށާއި އިސްލާމިކް ފައިނޭންސްގެ ޝަރުތުތަކުގެ މައްޗަށް އަލިއަޅުވާލާފައިވެ އެވެ.

މި ސަރުކާރުން އިސްލާމިކް ފައިނޭންސަށް ބޮޑު އަހައްމިއްޔަތުކަމެއް ދެމުންއަންނައިރު، ރާއްޖޭގައި އިސްލާމިކް ފައިނޭންސް ކުރިއަށް ގެންދިއުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން ރާއްޖޭގައި ސަރަހައްދީ އިސްލާމީ މާލީ ހަބެއް ގާއިމުކުރަން އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުގެ އަހަރީ ޖަލްސާގައި މަޝްވަރާ ކޮށްފައިވާކަން މިފަހުން ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވަނީ ހާމަކުރައްވާފަ އެވެ. ޝަފީގު ވަނީ އެކަމާ ގުޅޭގޮތުން ފިނޭންސް މިނިސްޓްރީން ކަމާ ގުޅުންހުރި ބޭންކުތަކާއި މުއައްސަސާތަކާ އެކު ވެސް މަޝްވަރާކޮށްފައިވާކަން ފާހަގަކުރައްވާފަ އެވެ.

ސަރަހައްދީ އިސްލާމީ މާލީ ހަބަކަށް ރާއްޖެ ހެދުމަށް މޯލްޑިވްސް ސެންޓަ ފޮ އިސްލާމިކް ފައިނޭންސް (އެމްސިފް) ގެ އޮނިގަނޑު އަލުން އެކުލަވާލުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު، އެ އަމާޒަށް ވާސިލުވާނެ ތަފުސީލީ މަގުޗާޓެއް އެމްސިފުން ވަނީ އެކުލަވާލާފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!