ޚަބަރު އިޖުތިމާޢީ

އިބޫ މަންމަގެ ފަރާތުން ލިބޭ ފިލާވަޅަކީ ކެތްތެރިކަން: ފަޒްނާ

މުޙައްމަދު ޢަތީފް ، ދެން އޮންލައިން

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މަންމާފުޅު، މުއުމިނާ ހުސައިންފުޅުގެ ފަރާތުން ލިބޭ ފިލާވަޅަކީ ކެތްތެރިކަމާއި އަދި ކޮންމެ ހާލެއްގައި ދަރިން ހިމާޔަތްކުރުން ކަމަށް ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވިދާޅުވެއްޖެ އެވެ.

Ads by STELCO

ދީނީ އަދި ދުނިޔެވީ ކަންކަމަށް ލޯހުޅުވިފައިވާ، ސޯލިހު އަހުލާގު ރަނގަޅު ގައުމަށް ހިދުމަތްތެރި ދަރިންތަކެއް ބަލާ ބޮޑު ކުރުމަށް ވުރެ ވަކިން ބޮޑު ގައުމީ ހިދުމަތެއް އޮންނާނެތޯ ސުވާލު އުފައްދަވާ ފަޒްނާ މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މުއުމިނާ އަކީ އެފަދަ ގައުމީ ހިދުމަތްތެރި ކަނބަލެއް ކަމަށެވެ. ވަރަށް ޅަ އުމުރުގައި 13 ކުދިންނާއިގެން ހުވަފަތްވެލެއްވުމުންް އެކަން ކުރައްވަން ޖެހިލެއްވީ ބައްޕައަކާ ނުލާކަން ފަޒުނާ ފާހަގަކުރެއްވި އެވެ.

"އެއީ އަޅުގަނޑުގެ އަހުންނާއި އުހުތުންނާއި ފިރިކަލުންގެ މަންމަ. ދަރިންގެ މާމަ. އަޅުގަނޑުގެ މައިންބަފައިންގެ ވަރަށް ގާތް އެކުވެރިއެއް. އާއިލާ މީހުންގެ ދައިތަ އަދި ދޮންދައިތަ. ޅ. ހިންނަވަރު ނޫރާނީއާގޭ ގަސްދޮށުގެ ހިޔަލުގައި ތިބޭ އެތައް އެތައް ބައެއްގެ މޫމިނާ ދައިތަ،" ފަޒްނާ ވިދާޅުވި އެވެ.

ފަޒްނާ ވިދާޅުވެފައި ވަނީ ނޫރާނީއާގޭ ގަސްދޮށަށް އަންނަ ކުދިބޮޑު އެންމެނާ ކޮންމެ މައުލޫއަކަށް ވެސް މުއުމިނާ ވާހަކަ ދައްކަވާނެ ކަމަށެވެ. ރަށަށް އަރައި ފައިބާ އެންމެންގެހެން ކެއުންބުއިމުގެ އިންތިޒާމް އެގެއިން ހަމަޖައްސަވާނެ ކަމަށެވެ. އިއްޔެ މުއުމިނާގެ މޫނު ދެކިލުމަށާއި ޖަނާޒާގައި ބައިވެރިވި ގިނަ މީހުންނާއި މީހުންގެ އަދަދުން އެތަން ފެނިގެންދިޔަ ކަމަށް ފަޒްނާ ވިދާޅުވި އެވެ.

"އިބޫގެ މަންމަގެ ފަރާތުން އަޅުގަނޑަށް ލިބޭ އެންމެ ބޮޑު ފިލާވަޅަކީ ކެތްތެރިކަމާއި ޝަކުވާ ނުކުރުމާއި ކޮންމެ ހާލެއްގައި ވެސް ދަރިން ހިމާޔަތް ކުރުން،" ފަޒްނާގެ ޕޯސްޓުގައި ފާހަގަކުރެއްވި އެވެ.

ފަޒްނާ ވަނީ އެ ‎އާއިލާއަށް ލިބުނު ފުންހިތާމަ އާ ގުޅިގެން ތައުޒިޔާ ވިދާޅުވި ފަރާތްތަކާއި މައްޔިތާގެ މޫނުދެކުމަށް ވަޑައިގެންނެވި ފަރާތްތަކާާ އަދި ޖަނާޒާގައި ބައިވެރިވެ ވަޑައިގެންނެވި ފަރާތްތަކަށް ޝުކުރު ދަންނަވާފަ އެވެ. އެ ޝުކުރުގައި ސަރުކާރާއި ޖަނާޒާގެ ކަންކަން ވަރަށް ގާތުން ބެއްލެވި މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމާއި އެމަނިކުފާނުގެ އަނބިކަބަލުންގެ ނަން ހާއްސަ ގޮތެއްގައި ފަޒުނާ ފާހަގަކުރެއްވި އެވެ. އޭގެ އިތުރުން އިސްލާމީ މަރުކަޒާއި މާލޭ ސިޓީ ކައުންސިލުގެ މަސައްކަތު މީހުންނަށް ވެސް އެކަމަނާ ވަނީ ވަރަށް ހާއްސަ ޝުކުރެއް އަދާކުރައްވާފަ އެވެ.

އިއްޔެ ހެނދުނު އަވަހާރަވި މުއުމިނާގެ ޖަނާޒާގެ ކަންކަން ކުރިއަށް ގެންގޮސްފައި ވަނީ އިސްލާމީ މަރުކަޒުގަ އެވެ. ކަށުނަމާދު ކޮށްފައި ވަނީ މަޣްރިބް ނަމާދަށް ފަހުގަ އެވެ. މުއުމިނާ ހުސައިންފުޅު ފަސްދާނުލީ ގަލޮޅު ސަހަރާގަ އެވެ.

މަންމާފުޅުގެ ކަށުނަމާދު އިމާމުވެ ކުރެއްވީ ހިންނަވަރު ބޮޑު މިސްކިތުގެ އިމާމުކަން ވެސް ކުރައްވަމުން އަންނަ މޫސާ މުހައްމަދު ސޯލިހު (މޫސަބެ) އެވެ. މޫސަބެއަކީ ގުރުއާން ހިތުދަސްކޮށް، އިމާމުކަމުގެ ޑިގްރީ އާއި ގާރީ ކޯސް ފުރިހަމަ ކުރައްވާފައިވާ ފަރާތެކެވެ.

މުއުމިނާގެ 12 ދަރިން ތިއްބަވާއިރު، އޭގެ ތެރޭގައި ލޯފަން ހަތަރު ބޭފުޅުން ހިމެނެ އެވެ. ހަތަރު ބޭފުޅުންގެ ތެރެއިން ތިން ބޭފުޅުންނަކީ ހާފިޒުންނެވެ. އެއީ މޫސަބެގެ އިތުރުން ޝާޒްލީ އަދި ހުސެއިން ޝަޔާޒެވެ. ދެން ހުންނެވި ބޭފުޅާއަށް ގުރުއާން ހިތުދަސް ނުކުރެއްވުނީ ދިމާވި ސިއްހީ މައްސަލައަކާ ހުރެ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!