ޚަބަރު ސަރުކާރު

އާޓިސްޓުންގެ މަސައްކަތް ކުރިއަރުވަން ގްރާންޓުގެ ގޮތުގައި 25 މިލިއަން ރުފިޔާ ހަމަޖައްސަނީ

މުޙައްމަދު ޢަތީފް ، ދެން އޮންލައިން

މި އަންނަ އަހަރުން ފެށިގެން ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓްރީގެ ބަޖެޓުން އާޓިސްޓުންގެ މަސައްކަތްތައް ކުރިއެރުވުމަށް، ކަނޑައެޅޭ ވަކި އުސޫލެއްގެ ތެރެއިން ގްރާންޓްގެ ގޮތުގައި ދޫކުރުމަށް، 25 މިލިއަން ރުފިޔާ ހަމަޖައްސަވައިދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ ރޭ އެވެ.

Ads by Sosun Fihaara

މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީން، އިންތިޒާމުކޮށްގެން ބާއްވާ "އަންވެއިލިން ވިޜަންސް 2024" މައުރަޒު ބައްލަވާލެއްވުމަށްފަހު ކުރިއަށްދިޔަ ހަފުލާގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ސަރުކާރުން އާޓިސްޓުންގެ ހުނަރު ކުރިއެރުވުމަށް ފުރިހަމަ އެއްބާރުލުން ދެއްވައި މެނިފެސްޓޯގައިވާ ގޮތަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އެގޮތުން އާޓިސްޓުންގެ ކުރެހުންތައް ވިއްކޭނެ މަގުތައް ތަނަވަސްކޮށްދެއްވުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތައް ރައީސް ހިއްސާކުރެއްވި އެވެ.

ނޭޝަނަލް އާޓް ގެލަރީގައި ކުރިއަށްދިޔަ އެ ހަފުލާގައި ރައީސް ވަނީ ސަރުކާރުން އާޓިސްޓުންގެ ހުނަރު ތަރައްގީ ކުރުމަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ. މީގެ އިތުރުން އާޓިސްޓުންގެ ހުނަރު ދައްކާލުމަށާއި އެ ހުނަރު ތަރައްގީ ކުރުމަށް ޖާގައިގެ ގޮތުން ތަނަވަސް ވަކި ތަނެއް ހުޅުމާލޭގައި ތަރައްގީ ކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. ރައީސްގެ ވާހަކަފުޅުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވެސް މައުރަޒުތައް ބޭއްވޭނެ ގޮތްތައް ތަނަވަސްކޮށްދެއްވާނެ ކަމަށާއި ބައިނަލްއަގުވާމީ ފޯރަމް ތަކުގައި އާޓިސްޓުންގެ ހުނަރު ދެއްކުމަށް މި ސަރުކާރުން މަގުފަހިކޮށްދެއްވާނެ ކަމުގައި ފާހަގަކުރެއްވި އެވެ.

"އަންވެއިލިން މައުރަޒަށް، އެކި ކުރެހުންތެރިން 200 އަށް ވުރެ ގިނަ ހުށަހެޅުން ފޮނުވާފައިވެ އެވެ. އޭގެތެރެއިން މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީ (އެމްއޭސީ) އިން ބެލުމަށްފަހު އެ މައުރަޒަށް ހޮވާފައި ވަނީ 105 ކުރެހުންތެރިންގެ މަސައްކަތްތަކެވެ.

ނޭޝަނަލް އާޓް ގެލަރީގައި މި ހިނގާ ޖުލައި މަހުގެ ނުވަ ވަނަ ދުވަހުން 21 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށްދާ މި މަރުރަޒުގައި ރާއްޖޭގެ މަޝްހޫރު ބައެއް ކުރެހުންތެރިންގެ އިތުރުން އަލަށް މި ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް ބައިވެރިވެފައިވެ އެވެ.

ރާއްޖޭގެ ކުރެހުންތެރިންގެ ހުނަރު ދައްކާލުމަށް ސިލްސިލާކޮށް ކުރިއަށް ގެންދާ މި މައުރަޒު ބާއްވާތާ މިއީ ހަތް ވަނަ އަހަރެވެ.

ރޭގެ ހަފުލާގައި މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީގެ ފަރާތުން ރައީސްއަށް ވަނީ "ކެޓަލޮގް" އެއް ވެދުމަށް އަރުވާފަ އެވެ. އަދި މި ހަފުލާގައި އެމަނިކުފާނު ވަނީ "އަންވެއިލިން ވިޜަންސް 2024" އަށް ޒިޔާރަތް ކުރައްވާ ބޭފުޅުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!