ޚަބަރު ރައްޔިތުންގެ މަޖިލިސް

ގަވަރުނަރުގެ މަގާމުން ހާޝިމް ވަކިކުރަން ރައީސަށް ލަފާދޭން ފާސްކޮށްފި

މަރިޔަމް އުމްނާ އިސްމާޢިލް ، ދެން އޮންލައިން
އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރުގެ މަގާމުން އަލީ ހާޝިމް ވަކިކުރުމަށް ރައިސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމަށް މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

Ads by Sosun Fihaara

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިކަމާ ގުޅިގެން ނެގުނު ވޯޓުގައި ހާޝިމް މަގާމުން ވަކިކުރުމަށް ފާސްވީ 63 މެމްބަރުންގެ ވޯޓާ އެކު އެވެ. ހާޝިމް ވަކިކުރުމާ ދެކޮޅަށް 9 މެމްބަރުން ވޯޓު ދެއްވި އެވެ.

ގަވަރުނަރު ހާޝިމް ވަކިކުރުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހެޅުއްވީ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމެވެ. ހާޝިމް ވަކިކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާއަރުވަން މާލިއްޔަތު ކޮމިޓީން ފާސްކުރީ ބުދަ ދުވަހު އެވެ.

މާލިއްޔަތު ކޮމިޓީގެ ރިޕޯޓު މިއަދުގެ ޖަލްސާއަށް ހުށަހަޅުއްވައިދެއްވަމުން އެ ކޮމިޓީގެ މުގައްރިރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވީ ހާޝިމް މަގާމުން ވަކިކުރުމަށް ނިންމީ، އޭނާ މަޖިލީހަށް ފޮނުއްވި ރިޕޯޓަށް ވެސް ރިއާޔަތްކުރުމަށްފަހު، މަގާމު އަދާކުރުމުގެ ގާބިލުކަން ނެތް ކަމަށް ގަބޫލުކުރެވުމުން ކަމަށެވެ.

ކޮމިޓީ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން:

  • ޖަވާބުދާރީވުމަށް ހާޝިމަށް ތިން ފަހަރު މަތިން ފުރުސަތު ދިން ނަމަވެސް، ސިއްހީ ހާލަތު ތަންނުދޭތީ އެ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިނުގަންނަވާތީ އޭނާއަށް މަތިކޮށްފައިވާ ޒިންމާ އެމަނިކުފާނަށް އަދާކުރެވޭނެ ކަމާ މެދު ސުވާލު އުފެދޭ ކަމަށް
  • ކަޅު ބާޒާރުގައ ބޭރު ފައިސާ ގަނެ ވިއްކުމުގެ މައްސަލަ ހައްލުކުރުމަށް އެކަށީގެންވާ މަސައްކަތެއް ކުރެވިފައިނުވާ ކަން
  • ހޮންގކޮންގ އެންޑް ޝަންހާއީ ބޭންކިން ކޯޕަރޭޝަން ލިމިޓެޑް ފަދަ ބޮޑެތި ބޭންކުތައް ރާއްޖެއިން އެގްޒިޓްވިޔަ ނުދިނުމަށް އެދެވިގެންވާ މަސައްކަތްތަކެއް އެމްއެމްއޭއިން ކުރަމުންނުދާކަން
  • ދައުލަތުގެ މާލީ އަދި އިގްތިސާދީ ކަންކަން ހަރުދަނާކުރުމާ ގުޅިގެން މިދިޔަ ނޮވެމްބަރު 2023 އިން ފެށިގެން މިއަދާ ހަމަޔަށް އެމްއެމްއޭއިން އިސްނަގައިގެން ފިނޭންސް މިނިސްޓްރީއާ ލަފާ ދީފައިނުވާކަން

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!