އާރުޓީއެލް ފެރީ ފެށި 9 ވަނަ އަތޮޅަކަށް ނޫނު، 3 ރޫޓަކުން ހަފުތާގެ 7 ދުވަހު ހިދުމަތް ދޭނެ
ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ފެރީގެ ހިދުމަތް ފެށި ނުވަ ވަނަ އަތޮޅަކަށް ނ. އަތޮޅު ވެއްޖެ އެވެ.
ދިވެހިރާއްޖެ ހައި ސްޕީޑް ފެރީ ވިއުގައަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ "އިންޓަގްރޭޓެޑް ނެޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" މަޝްރޫއުގެ ދެ ވަނަ ފިޔަވަހީގައި ހިމެނޭ ޒޯން ދޭއްގެ ނ. އަތޮޅުގައި އާރުޓީއެލް ފެރީގެ ހިދުމަތް ފަށާފައި ވަނީ ބުރާސްފަތި ދުވަހު އެވެ.
އާރުޓީއެލް ފެރީގެ ހިދުމަތް ފެށުން ފާހަގަކުރަން ނ. މަނަދޫގައި ބޭއްވި ރަސްމިއްޔާތުގައި ދަތުރުފަތުރާ ބެހޭ ވުޒާރާގެ ވަޒީރު މުޙައްމަދު އަމީނާއި އިދާރީ ދާއިރާތައް ހިންގުމާ ބެހޭ ވުޒާރާގެ ވަޒީރު އާދަމް ޝަރީފް އުމަރާއި ހަކަތައާ ބެހޭ ވުޒާރާގެ ވަޒީރު ޠާރިޤު އިބްރާހީމާއި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޢަފޫ ހާމިދާއި މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރަކާއި ހޮޅުދޫ ދާއިރާގެ މެމްބަރު ޢަބްދުއްސައްތާރު މުޙައްމަދާއި ނ. އަތޮޅު ކައުންސިލް ރައީސް މުޙައްމަދު ބަޝީރާއި މަނަދޫ ކައުންސިލް ރައީސް އަދި ކައުންސިލް މެމްބަރުންގެ އިތުރުން އެމްޓީސީސީގެ ސީއީއޯ ޢަބްދުالله ޒިޔާދާއި އެ ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
އެމްޓީސީސީން ބުނީ އާރުޓީއެލް ފެރީގެ ހިދުމަތް ނ. އަތޮޅުގައި އިފުތިތާހު ކުރެވުމާ އެކު އެ އަތޮޅުތަކުގެ ރައްޔިތުންނަށް އިގުތިސޯދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ގިނަގުނަ ފައިދާތަކެއް ލިބި، ރައްޔިތުން ރަށު ބަންދުން ވީއްލި ދަތުރުފަތުރުގެ އިންގިލާބީ އާ ބާބެއް ފެށޭނެ ކަމަށެވެ.
އިއްޔެ ފެށި ހިދުމަތާ އެކު އެއް ހަފުތާގެ މުއްދަތަށް އާރުޓީއެލް ފެރީން ހިލޭ ދަތުރުތައް ކުރެވޭނެ އެވެ. ހިލޭ ދަތުރު ކޮށްދިނުމަށް ކަނޑައަޅާފައިވާ މުއްދަތުގެ މައިގަނޑު މަގުސަދަކީ ހިދުމަތް ހޯދާ ފަރާތްތަކުން ފެރީ ޝެޑިއުލަށް އަހުލުވެރިކޮށް، މި ހިދުމަތް ރަނގަޅަށް ތަޖުރިބާ ކުރުމުގެ ފުރުސަތު ދިނުމާ އެކު، އެ ފަރާތްތަކުގެ ހިޔާލާއި އެއްގޮތަށް ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ހިދުމަތް ހަރުދަނާ ކުރުން ކަމަށް އެމްޓީސީސީން ބުނެ އެވެ. މި މުއްދަތުގައި ދަތުރު ކުރަން ޖާގަ ހޯދުމަށް ގުޅަން ޖެހޭނީ އެ ރަށެއްގެ ރަށު ކައުންސިލަށެެވެ.
ނ. އަތޮޅުގައި ފެށި އާރުޓީއެލް ފެރީގެ ހިދުމަތުން ފައިސާ ނަގަން ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ ދެ ވަނަ ދުވަހުން ފެށިގެންނެވެ. ރަސްމީކޮށް އަގު ނަގައިގެން ހިދުމަތް ފެށުމާ އެކު، ކައުންސިލް މެދުވެރިކޮށް ފެރީގެ ޖާގަ ދޫކުރުން ހުއްޓާލާނެ އެވެ. އެ ދުވަހުން ފެށިގެން ހިދުމަތް ހޯދާ ފަރާތްތަކަށް ޓިކެޓް ދޫކުރާނީ އެމްޓީސީސީން އެކަމަށް ހާއްސަކޮށްފައިވާ ވެބްސައިޓުންނާއި އާރުޓީއެލް ޓްރެވެލް އެޕުންނެވެ. އެމްޓީސީސީން ބުނެފައި ވަނީ ކިއުއާރު ޓިކެޓް ގަންނާނެ ގޮތުގެ ވީޑިއޯ އެ ކުންފުނީގެ އާރުޓީއެލް ޔޫޓިއުބް ޗެނަލް އަދި މީސް މީޑިއާ މަންސަތަކުގައި ޝާއިއު ކޮށްފައިވާނެ ކަމަށެވެ. އާރުޓީއެލް ޓްރެވަލް އެޕް، އެޕަލް އެޕް ސްޓޯރުންނާއި ގޫގްލް ޕްލޭ ސްޓޯރުން ހިލޭ ޑައުންލޯޑް ކުރެވޭނެ އެވެ.
ރަސްމީކޮށް އަގު ނަގައިގެން ފެރީގެ ހިދުމަތް ދޭން ފެށި ނަމަވެސް، ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގައި ރަޖިސްޓްރީވެފައިވާ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހިލޭ ދަތުރު ކުރެވޭނެ އެވެ.
އާރުޓީއެލް ފެރީތަކަކީ ޖުމްލަ 50 ފަސިންޖަރުންނަށް އަރާމުކަމާ އެކު ދަތުރު ކުރެވޭނެ ގޮތަށް ފަރުމާކޮށްފައިވާ އެއާކޮންޑިޝަން އުޅަނދުތަކެކެވެ. އުޅަނދުތަކުގެ ކައްޕިންނާއި ފަޅުވެރިންނަކީ މި މަސައްކަތަށް ބޭނުންވާ ހާއްސަ ތަމްރީންތައް ފުރިހަމަކޮށްފައިވާ މުވައްޒަފުންތަކެކެވެ. މި އުޅަނދުތަކުގައި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ ކުރެވިފައިވާ ވީލްޗެއަ ސްޕޭސް އާއި ސްޓްރެޗަ ސްޕޭސް ހުންނާނެ އެވެ.
ޒޯން ދޭއްގެ ނ. އަތޮޅުގެ އާރުޓީއެލް ފެރީގެ ހިދުމަތް ހަފުތާއަކު ހަތް ދުވަހު، އާރުޓީއެލް ބްރޭންޑްގެ ދެ ސްޕީޑް ފެރީ މެދުވެރިކޮށް، ތިން ރޫޓަކުން ލިބޭނެ އެވެ. ފެރީ ހިދުމަތުގެ ޝެޑިއުލް އާރުޓީއެލް ވެބްސައިޓުންނާއި އާރުޓީއެލް ޓްރެވަލް އެޕް މެދުވެރިކޮށް ފެންނަން ހުންނާނެ އެވެ. ހިދުމަތާ ބެހޭ އިތުރު މައުލޫމާތު ހޯދަން އެދޭ ނަމަ އެމްޓީސީސީގެ ހޮޓްލައިން 1650 އަށް ގުޅުމަށް އެ ކުންފުނިން އެދެ އެވެ.
ނ. އަތޮޅު ހިމެނޭހެން ޖުމްލަ ނުވަ އަތޮޅެއްގައި އާރުޓީއެލް ފެރީގެ ހިދުމަތް މިހާރު އަންނަނީ ދެމުންނެވެ. އެއީ ޒޯން އެކެއްގެ ހއ، ހދ، ށ އަތޮޅާއި ޒޯން ދޭއްގެ ނ، ޅ އަތޮޅާއި ޒޯން ފަހެއްގެ ގއ، ގދ އަތޮޅުގެ އިތުރުން ޒޯން ހައެއްގެ ޏ، އަދި ސ. އަތޮޅުގަ އެވެ.
އެމްޓީސީސީން ބުނި ގޮތުގައި ދަތުރުފަތުރާ ބެހޭ ވުޒާރާގެ ލަފާގެ މަތިން ބާކީ 11 އަތޮޅުގައި ވެސް އާރުޓީއެލް ހިދުމަތް ފެށުމަށް ކުރަން ޖެހޭ މަސައްކަތްތައް އެ ކުންފުނިން ކުރަމުންދާ ކަމުގަ އެވެ.