ބޭރު ގައުމުތަކުގެ ސަރުކާރުތަކާއި ދިވެހި ސަރުކާރާ ދެމެދު ގާއިމްކުރާ ފްރީ ޓްރޭޑް އެއްބަސްވުމަށް އަމަލު ކުރަން ފެށުމުން މަސްވެރިކަމުގެ ސިނާއަތަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެން ދާނެކަމަށް ބިނާރާ އާއި ބެހޭ ވަޒީރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެ އެވެ.
މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅުތަކަށް އަލިއަޅުއްވާލައްވައި ތަފްސީލީ ގޮތެއްގައި ވާހަކަފުޅު ދައްކަވަމުން ވީޓީވީގެ ޕްރޮގުރާމެއްގައި ވަޒީރު ވިދާޅުވީ ފްރީ ޓްރޭޑް އެއްބަސްވުމެއް އެންމެ ފުރަތަމަ ގާއިމް ކުރަނީ ޗައިނާ ސަރުކާރާއިއެކު ކަމަށެވެ. މީގެ އިތުރުން އިންޑިއާ އާއިއެކުވެސް އެއްބަސްވުން ގާއިމް ކުރުމުގެ މަސައްކަތް ކުރިއަށް ދާކަމަށް މުއްޠަލިބު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޗައިނާ އެގްރީމެންޓަށް އަމަލު ކުރަން ފެށުމާއިއެކު ރާއްޖޭގައި އުފައްދާ އެކި އުފެއްދުންތައް ޒީރޯ ޓްރޭޑް ނުވަތަ ޑިއުޓީ އަކާއި ނުލައި އެގައުމަށް އެކްސްޕޯޓު ކުރެވޭނެ ކަމަށެވެ. ހާއްސަކޮށް މަސްވެރިކަމުގެ ސިނާއަތުން އުފައްދާ އެކި އުފެއްދުންތައް އެކްސްޕޯޓު ކުރެވޭނެ ފަސޭހަ ނިޒާމެއް ހަމަޖެހިގެން ދާނެކަމަށް ވިދާޅުވި އެވެ.
“ކަޅުބިލަމަހުގެ މަސްވެރިކަން ނޫނަސް އެކުއާ ކަލްޗާ ފަދަ މަސައްކަތްތަކުން އުފެއްދޭ ތަކެތި ރާއްޖެއިން ބޭރަށް ހާއްސަކޮށް ޗައިނާއަށް ބޭރު ކުރުމަށް ދޮރު ހުޅުވިގެން ދަނީ”
ވަޒީރު ވިދާޅުވީ މި އެގްރީމެންޓުގެ ދަށުން މަސްވެރިކަމުގެ ސިނާއަތް ނޫނަސް ރާއްޖޭގައި އުފައްދާ އެހެނިހެން ތަކެތިވެސް ބޭރަށް އެކްސްޕޯޓު ކުރުމުގައި ލުއި ގޮތްތަކެއް ހަމަޖެހިގެން ދާނެކަމަށެވެ. މީގެ އިތުރުން ޗައިނާއިން ރާއްޖެއަށް އިމްޕޯޓު ކުރާ ތަކެތިންވެސް މި އެއްބަސްވުމުގެ ދަށުން ޑިއުޓީ ކަނޑައިލެވޭނެ އެވެ.
ފްރީ ޓްރޭޑް ގާނޫނެއް ތައާރަފު ކުރުމުގެ މަސައްކަތް މިހާރު ސަރުކާރުން ކުރަމުން ދާއިރު ޗައިނާ އާއި ރާއްޖެއާ ދެމެދު އަމިއްލަ ކަރަންސީން ވިޔަފާރި ކުރުންވެސް މިއާއެކު ފެށިގެން ދާނެ އެވެ. މުއްޠަލިބު ވިދާޅުވި ގޮތުގައި މީގެ ނަތީޖާއެއްގެ ގޮތުން މުދާ އެތެރެ ކުރުމަށް ރާއްޖެއިން ހޭދަކުރާ ޑޮލަރުގެ އަދަދު ވަރަށް ބޮޑަށް ދަށަށް ދާނެ އެވެ. މިހާރު ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ލިބޭ މިންވަރަށްވުރެއް އިތުރަށް ޑޮލަރު ހޭދަކުރަން ޖެހުންކަމަށްވެސް ވަޒީރު ފާހަގަކުރެއްވި އެވެ.
ރައީސް ޑރ. މުއިއްޒު މީގެ ކުރިން ވިދާޅުވީ ފްރީ ޓްރޭޑުގެ މަސައްކަތް ޗައިނާ, އިންޑިއާގެ އިތުރުން ޔޫއޭއީ އަދި ކުވައިތާއިއެކުވެސް ކުރިއަށް ދާކަމަށެވެ. އަދި ގާނޫނުތައް އެކުލަވާލައި އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެއްބަސްވުންތަކަށް އަމަލު ކުރަން ފެށޭވަރު ވާނެކަމަށްވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.
ރާއްޖޭގައި މަސްވެރިކަމުގެ ސިނާއަތް މިހާރަށްވުރެއް ފުޅާ ކުރުމަށް ކުރިއަށް އޮތް ދުވަސްތަކުގައި މަސައްކަތްތަކެއް ކުރައްވާނެކަމަށް ރައީސް ވިދާޅުވި އެވެ. މިއީ ރައީސް މުއިއްޒުގެ އިގްތިސޯދު ޑައިވާސިފައި ކުރުމުގެ މެނިފެސްޓޯގައި ހިމަނާފައިވާ މުހިންމު ވައުދެއްކަން ފާހަގަކޮށްލެވެ އެވެ.