ޚަބަރު އިޖުތިމާޢީ

ރައީސް އޮފީހަށް ހިދުމަތް ކުރެއްވި ހާމިދު ޝަފީއު ނިޔާވެއްޖެ, ރައީސްގެ ތައުޒިޔާ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ރައީސް އޮފީހުގެ ސީޓީއޯގެ މަގާމުގައި ކުރިން ހުންނެވި ހާމިދު ޝަފީއު

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ޓެކްނޮލޮޖީ އޮފިސަރުގެ މަގާމު އަދާކުރެއްވި ހާމިދު ޝަފީއު މިއަދު ނިޔާވެއްޖެ އެވެ.

Ads by Hajj Corporation

ހާމިދު ޝަފީއު އަކީ 2019 ވަނަ އަހަރުން ފެށިގެން ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަމުގެ ދައުރު ނިމުމާއި ހަމައަށް އެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. އޭގެ ކުރިންވެސް އޭނާ ރައީސް އޮފީހަށް ހިދުމަތް ކުރެއްވި އެވެ.

ހާމިދު ޝަފީއު ނިޔާވީ ބޮޑު ބައްޔަކަށް ފަރުވާ ދިނުމަށް ކުރި އޮޕަރޭޝަނަކަށް ފަހު އެވެ. އޭނާ ނިޔާވީ އިންޑިއާގެ ބެންގަލޫރުގައި ކަމަށް ވަނީ އެނގިފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ހާމިދު ޝަފީއު ނިޔާވުމާއި ގުޅިގެން ތައުޒިޔާ ވިދާޅުވެފަ އެވެ. އެގޮތުން ވިދާޅުވީ އޭނާއަކީ ދެ ފަހަރެއްގެ މަތިން ރައީސް އޮފީހުގައި ވަޒީފާ އަދާކުރައްވާފައިވާ ހިދުމަތްތެރި ބޭފުޅެއް ކަމަށެވެ.

“މާތް الله ގެ ރުއްސެވުމާ, ފުއްސެވުމުގައި, ސުވަރުގޭގެ ދާއިމީ ނިއުމަތުގައި މަރުހޫމް ހާމިދު ޝަފީއު ލަހައްޓަވާށި އެވެ. އަދި މަރުހޫމްގެ އާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާށި އެވެ” ރައީސް ވިދާޅުވި އެވެ.

ހާމިދު ޝަފީއު ނިޔާވުމާއި ގުޅިގެން ރައީސް ޞާލިހުވެސް ވަނީ ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފަ އެވެ. އެގޮތުން ވިދާޅުވީ އޭނާ އަކީ ރާއްޖޭގައި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ނަން ފަވާލެވޭ ބޭފުޅެއް ކަމަށެވެ. ގައުމާއި ދައުލަތަށް ހާމިދު ޝަފީއު ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާކަމަށްވެސް ރައީސް ޞާލިހު ވިދާޅުވި އެވެ.

ހާމިދު ޝަފީއު ނިޔާވުމާއި ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ ކޮވިޑް-19 މެނޭޖު ކުރުމުގައި ހާމިދު ވަރަށް ބޮޑު ދައުރެއް އަދާކުރެއްވި ކަމަށެވެ.

ހާމިދު ޝަފީއު އަކީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ, އެޗްޕީއޭގެ ޑިރެކްޓާ ޖެނެރަލް މައިމޫނާ އަބޫބަކުރުގެ ކޮއްކޮ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!