މަގުމަތީ ބާޒާރުތައް 10 ދުވަހަށް ބޭއްވޭ ގޮތަށް ހަދައިފި

މަގުމަތީ ބާޒާރު ބޭއްވުމުގެ ހުއްދަ 10 ދުވަހަށް ވުރެ އިތުރުނުވާ ގޮތަށް ދިނުމަށް ނިންމައިފި އެވެ.
ފެއާ، ނައިޓްމާކެޓް ނުވަތަ މަގުމަތީ ބާޒާރު ހިންގުމުގެ ހުއްދަ ދޫކުރުމުގައި އަމަލުކުރާނެ އުސޫލަށް ދެ ވަނަ އިސްލާހު ގެނައުމުގެ އުސޫލު އިކޮނޮމިކް މިނިސްޓްރީން ގެޒެޓުގައި އާންމުކޮށްފައި ވަނީ އިއްޔެ އެވެ.
މަގުމަތީ ބާޒާރު ހިންގުމުގެ ހުއްދަ ދޫކުރުމުގައި މިހާރު އަމަލުކުރަމުން އަންނަ އުސޫލުގެ ހަތް ވަނަ މާއްދާއަށް ގެނައި އިސްލާހުގައި ވަނީ ފެއާ، ނައިޓްމާކެޓް ނުވަތަ މަގުމަތީ ބާޒާރު ބޭއްވުމުގެ ހުއްދަ ދޫކުރެވޭނީ ގިނަވެގެން 10 ދުވަހުގެ މުއްދަތަށް ކަމުގަ އެވެ.
ފެއާތަކާއި ނައިޓް މާކެޓްތައް ބޭއްވުމަށް މީގެކުރިން ހުއްދަ ދެމުން އައީ އެންމެ ގިނަވެގެން ހަތް ދުވަހުގެ މުއްދަތަކަށެވެ.
މި އުސޫލަށް އިއްޔެއިން ފެށިގެން އަމަލުކުރަން ފަށާފައިވާއިރު، މި އުސޫލަކީ އިކޮނޮމިކް މިނިސްޓްރީން 2019 ވަނަ އަހަރު އެކުލަވާލައި އަމަލުކުރަމުންދާ އުސޫލެކެވެ.