ޚަބަރު ރައްޔިތުންގެ މަޖިލިސް

އަލަށް އުފެއްދި ގެދޮރުވެރިކަމުގެ ކޮމިޓީގަ 11 މެމްބަރުން؛ އިދިކޮޅަށް 2

މަރިޔަމް އުމްނާ އިސްމާޢިލް ، ދެން އޮންލައިން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށްދަނީ/ ފޮޓޯ: މަޖިލީސް

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ދަށުން އުފެއްދި 'ގެދޮރުވެރިކަމުގެ ކޮމިޓީ'، 11 މެމްބަރުންނާ އެކު މިއަދު އެކުލަވާލުމަށް ފާސްކޮށްފި އެވެ.

Ads by Sosun Fihaara

އެ މެމްބަރުންނާ އެކު ގެދޮރުވެރިކަމުގެ ކޮމިޓީ އެކުލަވާލުމަށް ފާސްވީ 79 މެމްބަރުންގެ ވޯޓާ އެކު އެވެ.

ގެދޮރުވެރިކަމާ ގުޅޭ ކޮމިޓީއެއް އެކުލަވާލުމަށް މަޖިލީހުން ނިންމީ، ރާއްޖެއަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަކަމަށްވާތީ، ބޯހިޔާވަހިކަމާ ގުޅޭ ހާއްސަ ކޮމިިޓީއެއް ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގެ ތެރޭގައި ހިމެނުމަކީ މުހިއްމު ކަމެއް ކަމަށް މެމްބަރުން ގަބޫލުކުރައްވާތީ އެވެ.

މި ކޮމިޓީގައި 11 މެމްބަރުން ތިއްބަވާއިރު 9 މެމްބަރުންނަކީ ސުޕަ މެޖޯރިޓީ އޮތް ކޮންގްރެސް ޕާޓީ އަށް ނިސްބަތްވާ މެމްބަރުން ނެވެ. 2 މެމްބަރުން ނިސްބަތްވަނީ އިދިކޮޅު އެމްޑީޕީއަށެވެ. އެއީ:

  1. ހުޅުމާލެ އުތުރު ދާއިރާގެ މެމްބަރު ހުސެއިން ޝަރީފް (ހުސެން ބެ )
  2. ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން އިމްރާން ލަތީފް
  3. މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު އަހުމަދު ޒަމީރު
  4. މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދު (އަސްމާއްތަ)
  5. ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް
  6. ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ދާއޫދު
  7. އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު/ ކޮންގްރެސްގެ ޕީޖީ ލީޑަރު
  8. ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދު (އަލިބެ)
  9. ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ސިނާން
  10. ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހީމް (އެމްޑީޕީ)
  11. ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ނާޒިލް (އެމްޑީޕީގެ ޕީޖީ ލީޑަރު)

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ކޮމިޓީ މެމްބަރުން ކަނޑައަޅާނީ މަޖިލީހުގައި އެކި ޕާޓީތައް ނިސްބަތަށް ބަލައިގެން ނެވެ. އަދި ކޮންމެ ކޮމިޓީއެއްގައި ވެސް އެ ހަމަ ތަމްސީލުވާން ޖެހޭނެ ކަމަށެވެ.

އެ ކޮމިޓީގެ މަސްއޫލިއްތުތަކަކީ ގެދޮރުވެރިކަމާ ގުޅޭ ކަންކަން ދިރާސާކުރުމާއި ބޯހިޔާވަހިކަމާ ގުޅޭ ގައުމީ ސިޔާސަތުތަކަށް ގެންނަން ޖެހޭ ބަދަލެއް އޮތް ނަމަ އެކަމެއް ފާހަގަކޮށް އެކަމެއް މަޖިލީހަށް ހުށަހެޅުމާއި، ބޯހިޔާވަހިކަމާ ގުޅޭ ވުޒާރާއާއި އެނޫން ވެސް ބޯހިޔާވަހިކަމާ ގުޅޭ ކަންކަން ރާވާ ހިންގާ އިދާރާތައް ވިލަރެސްކުރުމެވެ.

އެ ކޮމިޓީގެ އިތުރު މަސްއޫލިއްޔަތުތަކުގެ ތެރޭގައި:

  • ސަރުކާރުން ހިންގާ އިޖުތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށްދާ ގޮތް ބަލާ، އެ މަޝްރޫއުތަކާ ގުޅިގެން ފާހަގަކުރެވޭ މައްސަލަތައް ދިރާސާކޮށް އެކަންއެކަން ހައްލުކުރުމަށް ސަރުކާރަށް ލަފާދިނުމާއި، އެ މަޝްރޫއުތައް އަވަހަށް ނިންމުމަށް ސަރުކާރަށް ބާރު އެޅުން
  • ހިޔާވަހިކަމުގެ ހައްގު ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާ އެކު ލިބިދެވޭތޯ ބެލުން
  • ގެދޮރުވެރިކަމާ ގުޅިގެން ރައްޔިތުންނަށް ކުރިމަތިވާ މައްސަލަތައް ދިރާސާކުރުން
  • ގެދޮރުވެެރިކަމާ ގުޅޭ މައްސަލަތައް ހައްލުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުން ސަރުކާރަށް ލަފާ ދިނުން
  • ގެދޮރުވެރިކަމާ ގުޅޭ ބިލުތައް ދިރާސާކުރުން

މި ކޮމިޓީއާ އެކު މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގެ އަދަދު 19 އަށް އަރަ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!