ކުޅުދުއްފުށީގައި ބިދޭސީ ފިރެހެނެއްގެ ވޮލެޓު ފޭރިގަތް އަންހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް

ކުޅުދުއްފުށި ސިޓީގައި ބިދޭސީ ފިރެހެނެއްގެ އަތުން ވޮލެޓެއް ފޭރިގަތް އަންހެނަކު ހައްޔަރުކޮށްފި އެވެ.
ބިދޭސީއަކު ދިވެހި އަންހެނެއްގެ ޓީޝާޓުގައި ދޫނުކޮށް ހިފަހައްޓައިގެން އުޅޭ މަންޒަރު ފެންނަ ވީޑިއޯއެއް މިއަދު މީސް މީޑިއާގައި ވަނީ ދައުރުވެފަ އެވެ. ފިރެހެން މީހާ ވަނީ އެ އަންހެން މީހާ ސައިކަލަކަށް އަރައިގެން ދާން މަސައްކަތް ކުރުމުން އޭނާ ދިޔަނުދީ ހިފަހައްޓާފަ އެވެ.
އެކަމާ ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތުން މީޑިއާތަަކަށް ފޮނުވި މެސެޖެއްގައި ބުނީ ބަންގްލަދޭޝް ފިރެހެނެއްގެ އަތުން ދިވެހި އަންހެނަކު ފޭރުނު މައްސަލައިގެ ރިޕޯޓު އެ އިދާރާއަށް ލިބުނީ މިއަދު ހަވީރު ކަމަށެވެ.
މި މައްސަލަ ތަހުގީގު ކުރަމުންދާއިރު، އެކަމާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް އެ އަންހެން މީހާ ވަނީ ގެންގޮސްފަ އެވެ.