ޚަބަރު ސިޔާސީ

ސިޔާސީ ގޮތުން ހޯދި ދެވަނަ ކާމިޔާބީއާއެކު އެމްޑީޕީ މާލެ ދާއިރާގެ ރައީސްކަން އާޒިމަށް

މުޙައްމަދު ޢަތީފް ، ދެން އޮންލައިން

އިދިކޮޅު އެންމެ ބޮޑު ސިޔާސީ ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ މަޖިލިހުގެ މާލެ ދާއިރާގެ ރައީސް ހޮވުމަށް ބޭއްވި އިންތިހާބު މާލޭގެ މޭޔަރު އާދަމް އާޒިމް ކާމިޔާބު ކުރައްވައިފި އެވެ.

Ads by Sosun Fihaara

މިއަދު ކުރިއަށްދިޔަ ބައި-އިލެކްޝަނުގައި އެންމެ ވާދަވެރިވާނެ ކަަމަށް ބެލެވުނު އިންތިހާބު އާޒިމް ކާމިޔާބު ކުރައްވާފައި ވަނީ 19 ވަނަ ރައްޔިތުންގެ މަޖިލިހުގައި މާފަންނު ހުޅަނގު ދާއިރާގެ މެމްބަރުކަން ކުރެއްވި މުހައްމަދު ފަލާހު އާ އެެވެ.

އޭނާ އާ ވާދަކުރައްވާ އާޒިމް ވަނީ 600 އަށް ވުރެ ގިނަ ވޯޓު ހޯއްދަވާފަ އެވެ. ފަލާހުއަށް ލިބިވަޑައިގެންފައި ވަނީ 200 އެއްހާ ވޯޓު ކަމަށް މިހާތަނަށް ލިބިފައިވާ ނަތީޖާތަކުން ދައްކަ އެވެ.

އާޒިމް ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެމްޓީސީސީގެ ސީއީއޯކަން ކުރައްވާފަ އެވެ. އެ މަގާމު އޭނާ އަދާކުރެއްވީ ޖުމްހޫރީ ޕާޓީއަށް ހާއްސަކުރި ސްލޮޓެއްގައި ކަމަށް ވީނަމަވެސް ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ވިސްނުމާ ދެކޮޅަށް އާޒިމް ތާއީދު ކުރައްވާފައި ވަނީ އެމްޑީޕީގެ ކެންޑިޑޭޓް އަދި އޭރުގެ ރައީސް ސޯލިހަށެވެ.

އެފަހުން އާޒިމް ވަނީ އެމްޑީޕީ އާ ގުޅިވަޑައިގެން އެ ޕާޓީގެ ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ވެރިކަން ކުރާ މައި ޕާޓީ، ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓް ބަލިކޮށް އެ އިންތިހާބު ކާމިޔާބު ކުރައްވާފަ އެވެ.

މިއަދު ބޭއްވި މި ބައި-އިލެކްޝަނަކީ އެމްޑީޕީގެ ގައުމީ މަޖިލިހުން ހުސްވެފައިވާ 21 ދާއިރާއަކަށް މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބެކެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!