ސަރުކާރު

ރަށްރަށުގެ މަގުބައްތި މިންގަނޑަށް ފައްތަން ދިން މުއްދަތު އިތުރުކޮށްފި

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން
މާލެ ސިޓީ ކައުންސިލްގެ އާ މެންބަރުން ހުވާކުރުމަށް ބޭއްވި ރަސްމިޔާތުގައި،މިނިސްޓަރު އާދަމް ޝަރީފް އުމަރު ވާހަކަ ދައްކަވަނީ

ރަށްރަށުގެ މަގު ބައްތިތައް މިންގަނޑަށް ފައްތަން ކައުންސިލްތަކަށް ދިން މުއްދަތު އިތުރުކޮށްދީފައިވާ ކަމަށް ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފު އުމަރު މިއަދު ވިދާޅުވެއްޖެ އެވެ.

Ads by STELCO

މާލެ ސިޓީ ކައުންސިލަށް އަލަށް އިންތިހާބުވި 3 މެންބަރުން ހުވާކުރުމުގެ ރަސްމިއްޔާތުގައި ޝަރީފް ވިދާޅުވީ މިދިޔަ މަހުގެ ތެރޭގައި ކައުންސިލުތަކަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ 30 ދުވަސް ތެރޭގައި ރަށްރަށުގެ މަގުބައްތިތަކުން ކަރަންޓް ކަނޑާލާނެކަމަށް އަމުރު އައުމާ ގުޅިގެން، ދިމާވި ގޮންޖެހުން ކަމަށެވެ.

އެކަމާ ގުޅިގެން މިނިސްޓްރީގެ ފަރާތުން އިސްނަގައިން ފެނަކަ އާއި ރެގިއުލޭޓަރީ އޮތޯރިޓީ އަދި ސަރުކާރުގެ އެހެނިހެން މުއައްސަސާތަކާއެކު ވަރަށް ގިނަ މަސައްކަތަކެއް ކުރެވި މިހާރު 6 ދުވަހުގެ މުހުލަތެއް ލިބިފައިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"އިރާދަކުރެއްވިޔާ ފެނަކަ އާއި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އަދި ފިނޭންސް މިނިސްޓްރީއާއެކު މަސައްކަތް ކުރަމުން މިދަނީ ތިން މަސް ނޫނީ ހަމަސް ދުވަހުގެ ތެރޭގައި ޕްލޭނެއް އެކުލަވާލެވި، އެ ޕްލޭންގެ ދަށުން ރަށްރަށުގެ މަގު ބައްތިތަކުން ކަރަންޓު ކަނޑާލުމުގެ މައްސަލައަށް ހައްލެއް ހޯދާ ދިނުމުގެ މަސައްކަތް ކުރަމުން" ވިދާޅުވި އެވެ.

މީގެ އިތުރަށް ޝަރީފް ވިދާޅުވީ ކައުންސިލްތަކާއި މާލެ ސިޓީ ކައުންސިލްވެސް ހިމެނޭ ގޮތަށް ދިމާވާ އެކަހަލަ މައްސަލައެއްގައި، ހާއްސަކޮށް ރައްޔިތުން ތަކުލީފެއް އުފުލަންޖެހޭ ކޮންމެ ކަމެއްގައި ސަރުކާރުން ވަރުބަލިކަމެއް ނެތި ފުރިހަމައަށް ޒިންމާ އަދާކުރައްވާނެ ކަމަށެވެ.

144 ރަށެއްގައި ރައްކާތެރިކަމުގެ މިންގަނޑުތަކަށް ނުފެތޭ ގޮތަށް ބައްތި ހުރިކަން މީގެ ކުރިން ފެނަކައިން ވަނީ ފާހަގަކޮށްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!