ކަމާ ގުޅުންހުރި މުއައްސަސާތަކުގެ މެދުގައި ކުރެވުނު މަޝްވަރާތަކަށްފަހު މަގު ބައްތީގެ މައްސަލައަށް ހައްލު ހޯދުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނަން ނިންމައިފި އެވެ.
ރ. އުނގޫފާރުގައި މަގު ބައްތިއަކުން މަގުމަތީގައި ހެދިފައި އޮތް ފެންގަނޑަކަށް ކަރަންޓު ލީކުވި ހާދިސާގައި މިދިޔަ މެއި މަހު ޒުވާނަކު ނިޔާވުމާ ގުޅިގެން ފެނަކަ ކޯޕަރޭޝަން (ފެނަކަ) އިން ވަނީ ރަށްރަށުގެ މަގު ބައްތިތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އިންސްޕެކްޝަނެއް ކުރިއަށް ގެންގޮސްފަ އެވެ.
އިންސްޕެކްޝަނަށް ފަހު ގިނަ ރަށްތަކުގެ މަގު ބައްތިތައް ހުރީ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫއާރުއޭ) އިން ކަނޑައަޅާފައިވާ ރައްކާތެރިކަމުގެ މިންގަނޑުތަކާ އެއްގޮތަށް ނޫންކަން ފާހަގަކޮށް ފެނަކައިން ވަނީ އެ ކުންފުނިން ހިދުމަތް ދޭނީ މިންގަނޑުތަކަށް ފެތޭގޮތަށް ހުރި ބައްތިތަކަށް އެކަނި ކަމަށް ރަށްރަށުގެ ކައުންސިލުތަކަށް އަންގާފަ އެވެ. މައްސަލަ ހައްލުކުރަން ކައުންސިލުތަކަށް ދިން އެއް މަސް ދުވަހުގެ މުއްދަތުގައި ގިނަ ކައުންސިލުތަކަށް އެކަން ކުރަން ދަތިވެ، އިތުރު ވަގުތު ބޭނުންވާކަން ފާހަގަކުރުމުން ފެނަކައިން ވަނީ މި މަހުގެ 21 ވަނަ ދުވަހަށް އެ މުއްދަތު އިތުރު ކޮށްދީފަ އެވެ.
ރައްކާތެރިކަމުގެ މިންގަނޑުތަކަށް ނުފެތޭ ގޮތަށް 144 ރަށުގައި ބައްތި ހުރިކަން ފާހަގަކޮށް ފެނަކައިން ބުނެފައި ވަނީ މުއްދަތަށް ހަމަވުމަށްފަހު މިފަހަރު އިތުރު ނުކުރާނެ ކަމަށާއި ޔޫއާރުއޭގެ މިންގަނޑަށް ނުފެތޭ ބައްތިތަކަށް ހިދުމަތް ނުދޭނެ ކަަމަށެވެ.
އެކަމާ ގުޅިގެން މަގުބައްތީގެ މައްސަލައަށް ހައްލު ހޯދުމަށް ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސްއިން އިސްނަގައިގެން ހާއްސަ މަސައްކަތްތަކެއް ފެށި އެވެ. ގުޅުންހުރި ފަހުގެ މައުލޫމާތު ހިއްސާކުރެއްވީ ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ރޭ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގަ އެވެ. ވިދާޅުވީ ލޯކަލް ގަވަމެންޓް މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީ އާއި އެންވަޔަރަންމަންޓް މިނިސްޓްރީން ބޭއްވި ބައްދަލުވުމެއްގައި މަގު ބައްތިތައް ރަނގަޅުކުރަން ބޭނުންވާ ފައިސާ އަންނަ އަހަރުގެ ބަޖެޓުގައި ހިމެނުމަށް ނިންމާފައިވާ ކަމަށެވެ.
މި ބައްދަލުވުން ބާއްވާފައި ވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު ފިނޭންސް މިނިސްޓްރީގަ އެވެ. ބައްދަލުުވުމުގައި މިނިސްޓަރު އާދަމް ޝަރީފާއި މިނިސްޓަރު ޑރ. މުހައްމަދު ޝަފީގާ އަދި މިނިސްޓަރު ތޯރިގު އިބްރާހިމް ބައިވެރިވެ ވަޑައިގެންނެވެ. އޭގެ އިތުރުން ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދާއި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ޔަޒީދު އަހްމަދު ވެސް ބައިވެރިވެ ވަޑައިގަތެވެ.
ކަނޑައަޅާފައިވާ ސަލާމަތީ މިންގަނޑަށް ނުފެތޭ ގޮތަށް ކަރަންޓު ދޫކޮށްފައިވާ މަގުބައްތިތަކަށްް ދާއިމީ ހައްލެއް ހޯދަން މަޝްވަރާ ކުރުމަށް ބޭއްވި މި ބައްދަލުވުމުގައި، ބައްތިތަކުގެ ރައްކާތެރިކަން ކަށަވަރުކުރަން ވަގުތީ ހައްލެއް މި އަހަރުގެ ތެރޭގައި ހޯދުމަށް ވެސް ނިންމި އެވެ.
"މަައްސަލައިގެ ނާޒުކުކަމާ އެކު މިވަގުތު ކުރެވެން ހުރި ޓެކްނިކަލް ކަންކަން އަވަހަށް ކުރުމަށް ޔޫއާރުއޭ އާއި ފެނަކަ ގުޅިގެން ކުރާ ގޮތަށް ނިންމުނު،" އާދަމް ޝަރީފް ވިދާޅުވި އެވެ.
އަދުގެ ސަރުކާރުން މި ކަމަކީ މުހިންމު ސީރިއަސް މައްސަލައެއްގެ ގޮތުގައި ނިންމާފައި ވަނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި ކަމަށް ލޯކަލް ގަވަމެންޓް މިނިސްޓްރީން ފާހަގަ ކުރެ އެވެ.