ހުޅުމާލޭގައި މަދުވެގެން 7 ސްކޫލު އެޅޭތޯ ބަލާނަން: ރައީސް
މި ފަސް އަހަރުގެ ތެރޭގައި ހުޅުމާލޭގައި 7 ސްކޫލެއް އެޅޭތޯ ބެލުމުގެ މަސައްކަތްކުރައްވާނެ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މާލޭގެ ކުރީގެ މޭޔަރުކަން ކުރެއްވި ޑރ މުއިއްޒު މިއަދު ވަނީ މާލޭ ސިޓީ ކައުންސިލުގެ އިދާރާއަށް ޒިޔާރަތްކުރައްވައި ކައުންސިލުގެ ހުރި ޝަކުވާތައް އައްޑު އައްސާވަފަ އެވެ.
އެ ޝަކުވާތައް އަޑުއެއްސެވުމަށް ފަހު ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި ރައީސް މުއިއްޒު ވިދާޅުވީ ހުޅުމާލޭގެ ތިން ވަނަ ފިޔަވަހީގައި ދެ ލައްކައެއްހާ މީހުން އާބާދުވާނެ ކަމަށް ބެލެވޭއިރު އެ އާބާދީއަށް ހިދުމަތް ދެވޭ ވަރަށް އިތުރު ސްކޫލުތައް ބޭނުންވާ ކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުގެ ޕްލޭނުގައި ހިމަނާފައި އޮތީ ހުޅުމާލޭގެ ސްކޫލުތަކުގެ އަދަދު 22 އަށް ހެދުމެވެ.
".. އެއީ މިހާރު ހުރި ސްކޫލުތަކާ އެކީގައި. 22 ސްކޫލު އަންނައިރުގައި މި އަހަރާ އެކީގައި ބާކީ މިއޮތް 4 އަހަރު އަޅުގަނޑުމެން ބަލާނަން ކިތައް ސްކޫލުތޯ ހެދެނީ ތޯ ބަލަން، މަދުވެގެން 10-7 ސްކޫލު ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭގައި" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ކޮންމެ 1500 ކުދިންގެ އާބާދީއަކަށް ސްކޫލެއް ބޭނުންވާއިރު، އެހާ ގިނަ އަދަދެއްގެ ސްކޫލު އަޅަން ފަންޑު ހޯދާނެ ގޮތެއްވެސް ހޯދަން ޖެހޭ ކަމަށެވެ. އަދި ސްކޫލު އަޅާއިރު އެކަމުގައި ސިޓީގެ އެއްބާރުލުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.
ހުޅުމާލެއަށް އިތުރު 6 ސްކޫލެއް ބޭނުންވާ ކަމަށް ރައްޔިތުންގެ މަޖިލީހުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ އިސްމާއިލް ޝަފީއު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.