ޚަބަރު ރައްޔިތުންގެ މަޖިލިސް

50,000ރ ޖޫރިމަނާ އާ މެދު ހިޔާލު ތަފާތުވެ ގޮތް ނިމުނީ މުގައްރިރުގެ ވޯޓުން

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ކޮމިޓީގެ ބައްދަލުވުމުގައި މުގައްރިރު ސަލީމް: އޭނާ ތާއީދު ކުރެއްވީ އަޒާންގެ ހުށަހެޅުއްވުމަށް / ފޮޓޯ:މަޖިލިސް

ރާއްޖެ ގެންނަ ބިދޭސީންނަށް އިހުމާލުވާ ފަރާތްތައް 50،000ރ އިން ޖޫރިމަނާކުރާ ގޮތަށް ވަޒީފާ ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅާފައިވާ މާއްދާއަށް ހުށަހެޅި ދެ އިސްލާހަށް ލިބުނު ވޯޓު އެއްވަރުވެ، ރައްޔިތުންގެ މަޖިލިހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) ގެ މުގައްރިރުގެ ވޯޓުން ގޮތް ނިންމައިފި އެވެ.

Ads by MWSC

ކޮމިޓީގައި އަންގާރަ ދުވަހު ކޮށްފައި ވަނީ ވަޒީފާ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހު ގެނައުމުގެ ބިލު ދިރާސާ ކުރުމުގެ މަސައްކަތެވެ. ބިލުގައިވާ ބިދޭސީން ރާއްޖެ ގެނައުމަށް ފަހު އިހުމާލުވާ ފަރާތްތަކަށް ފިޔަވަޅު އެޅުމާ ގުޅޭ މާއްދާގައި އިހުމާލުވާ ކޮންމެ މުވައްޒަފަކަށް 50،000ރ ގެ މަގުން ޖޫރިމަނާ ކުރާ ގޮތަށް ވަނީ ހިމަނާފަ އެވެ.

އެ މާއްދާއަށް ހުށަހަޅާފައިވާ އިސްލާހުތަކާ ގުޅިގެން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވީ އެ އިސްލާހުތަކުގައިވާ ގޮތަށް އަމަލު ކުރެވިގެން ނުވާނެ ކަމަށާއި އެއީ ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު ނިކަމެތި ކަމެއް ކަމަށެވެ.

"މިގޮތަށް ރައްޔިތުން އިނދަޖައްސާލީމާ ރަނގަޅެއް ނުވާނެ އިނގޭތޯ ގާނޫނު ހަދައިގެން،" އިސްލާހުތަކާ ދެކޮޅުކަން ހާމަކުރައްވާ ގާސިމް ވިދާޅުވި އެވެ.

އޭނާގެ ވާހަކައަށް ފަހު، ހިތަދޫ މެދު ދާއިރާގެ ކޮންގްރެސް ޕާޓީގެ މެމްބަރު އަހްމަދު އަޒާން މަރުޒޫގު ވިދާޅުވެފައި ވަނީ މާއްދާގައި އޮތީ ބިދޭސީންނާ މެދު އިހުމާލުވާ ފަރާތްތަކަށް ފިޔަވަޅު އަޅާ ވާހަކަ ކަމުގަ އެވެ. ރާއްޖެ މިހާރު އޮތް ހާލަތަށް އައިސްފައި ވަނީ އެ ފަރާތްތަކާ މެދު ފިޔަވަޅު އެޅިފައި ނެތުމުން ކަމުގަ އެވެ.

ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ވެސް ނުގަވާއިދުން އުޅޭ ބިދޭސީންގެ މައްސަލަކަން އޭނާ ފާހަގަކުރެއްވި އެވެ. މިއީ އެކަމަށް ހަރުކަށި ފިޔަވަޅު އަޅަން ޖެހޭ ވަގުތުކަން ފާހަގަކުރައްވާ އަޒާން ވަނީ ބިލުގެ އެ މާއްދާގައި ހިމެނޭ ހުރިހާ ކަމެއް އެ އޮތް ގޮތަށް ބާއްވަން ފެންނަ ކަމަށް ހުށަހަޅުއްވާފަ އެވެ. އޭނާގެ އެ ހުށަހެޅުއްވުމަށް ހުޅުދޫ ދާއިރާގެ ކޮންގްރެސް ޕާޓީގެ މެމްބަރު މުހައްމަދު ޝާހިދު ތާއީދު ކުރެއްވި އެވެ.

ބައްދަލުވުމުގައި ދެން ވާހަކަ ދެއްކެވީ ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއެންޕީގެ ލީޑަރު އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމެވެ. ވިދާޅުވެފައި ވަނީ މައްސަލަ ހައްލު ކުރުމަށް ހަރުކަށި ފިޔަވަޅުތައް ހުންނަން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެހެންނަމަވެސް 50،000ރ ގެ ޖޫރިމަނާއަކީ ވަރަށް ބޮޑު އަދަދެއް ކަމަށެވެ.

"އަޅުގަނޑަށް ފެންނަނީ ރޭންޖެއް ދޭން. 5،000ރ އާއި 50،000ރ އާ ދެމެދުގައި ކަމަށް ޖަހަން،" މީހުންނަށް ފުރުސަތުތަކެއް ދެވެން ޖެހޭކަން ފާހަގަކުރައްވާ ނާޒިމް ވިދާޅުވި އެވެ.

އޭނާ ހުށަހެޅުއްވީ އެ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރަންށެވެ. ނާޒިމްގެ އެ ހުށަހެޅުއްވުމަށް ގާސިމް ތާއީދު ކުރެއްވި އެވެ. އެ ދެބޭފުޅުންގެ އިތުރުން ވާހަކަ ދެއްކެވި ބައެއް މެމްބަރުންގެ ވިސްނުމުގައި ވެސް 50،000ރ ޖޫރިމަނާ މާ ބޮޑެވެ.

އެ ދެ ހުށަހެޅުމަށް ވޯޓަށް އެހުމުން ކޮންމެ ކޮޅަކަށް ވޯޓު ދެއްވާފައި ވަނީ ހަތަރު މެމްބަރުންނެވެ. ވޯޓު އެއްވަރު ވުމާ ގުޅިގެން ކޮމިޓީގެ މުގައްރިރު، އޭދަފުށީ ދާއިރާގެ ކޮންގްރެސް ޕާޓީގެ މެމްބަރު އަހްމަދު ސަލީމަށް ވޯޓު ދެއްވަން ޖެހުނެވެ. އޭނާ ތާއީދު ކުރެއްވީ އަޒާންގެ ހުށަހެޅުއްވުމަށެވެ. އެއީ އިހުމާލުވާ ކޮންމެ މުވައްޒަފަކަށް 50،000ރ ގެ މަގުން ޖޫރިމަނާ ކުރުމެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!