ޚަބަރު

ވައިބާ ހެކްކޮށް ފައިސާ ފޭރޭތީވެ ސަމާލުވާން އިލްތިމާސްކޮށްފި

ޢާއިޝަތު ނުހާ ، ދެން އޮންލައިން
ފުލުހުންގެ މައި އިދާރާ ޝަހީދު އާދަމް ބިލްޑިން/ ފޮޓޯ: ދެން

ވައިބާ ހެކްކޮށް, ގާތް ރަހުމަތްތެރިންނާއި އާއިލާ މެމްބަރުންގެ އަތުން ފައިސާ ހޯދާ މައްސަލަތަކަށް ސަމާލުވުމަށް ފުލުހުން އަނެއްކާވެސް އިލްތިމާސްކޮށްފި އެވެ.

Ads by Hajj Corporation

ފުލުހުން އެހެން އިލްތިމާސްކޮށްފައިވަނީ އެކި ނަންބަރުތަކުން ގުޅާ އޯޓީފީ ހޯދައިގެން ވައިބާ ހެކްކުރުމުގެ މައްސަލަތައް އިތުރުވެފައިވާތީ އެވެ.

އެކަމާ ގުޅިގެން ފުލުހުން ވަނީ ފޯނަށް އަންނަ ވެރިޕިކޭޝަން/ އޯޓީޕީ ކޯޑު އެއްވެސް ހާލަތެއްގައި އެހެން ފަރާތަކަށް ހިއްސާނުކުރަން އެދިފަ އެވެ. އަދި ފައިސާ ފޮނުވުމުގެ ކުރިން ކާކުކަން ޔަގީން ކުރުމަށްފަހު ފައިސާގެ މުއާމަލާތްކުރުމަށް ވެސް ފުލުހުން އެދުނެވެ.

އެފަދަ ކަމެއް ފާހަގަކުރެެއްވިއްޖެނަމަ ލަސްނުކޮށް ފުލުހުންނަށް ރިޕޯޓްކުރަން ވަނީ އެދިފަ އެވެ.

އެގޮތަށް ފޯނު ކޯލެއް އައި މީހަކު "ދެން އޮންލައިން" އަށް ބުނީ ކާކުކަން ނޭނގޭ ނަންބަރުން ގުޅާފައި އޯޓީޕީ ކޯޑު ފޮނުވަން އެދުނު ކަމަށެވެ. އަދި އެއީ ގުޅި މީހާ ކުރިން ބޭނުންކުރި ނަންބަރެެއް ކަމަށްވެސް ބުނެ އޮޅުވާލަން އުޅުނު ކަމަށެވެ.

"މީހަކު ގުޅާފަ ބުނީ ތިމަންނަ ރާއްޖެއިން ބޭރަށް ދިއުމުގެ ކުރިން ބޭނުންކުރީ ތި ނަންބަރޭ. އޭގެ ކުރިން ވައިބާއާ ފޭސްބުކް ތި ނަންބަރު ބޭނުންކުރީމަ ފޭސްބުކަށް ނުވަދެވިގެންނޭ މިއުޅޭނީ. ތި ފޯނަށް ދާ ކޯޑު ކިޔައިދޭށޭ"- އެމީހާ ކިޔައިދިނެވެ.

އެކި ގޮތްގޮތުން އޮޅުވާލައިގެން ގުޅާ, ސްކޭމް ކުރަމުންދާތީ އެކަމާ ސަމާލުވުމަށް ފުލުހުން ދޭތެރެ ދޭތެރެއިން އިލްތިމާސްކުރެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!