ޚަބަރު ސަރުކާރު

އައްޑޫ ފަތުރުވެރިކަމަށް ފައިނޭންސް ކުރަން ހާއްސަ ޕްރޮގުރާމެއް

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
އައްޑޫ ސިޓީގައި ފަތުރުވެރިކަން ތަރައްގީކުރަން މާސްޓާ ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުން

އައްޑޫ ސިޓީގައި ފަތުރުވެރިކަން ތަރައްގީ ކުރުމަށް ސަރުކާރުން މާސްޓާ ޕްލޭނެއް އެކުލަވާލައި، ޑިވެލޮޕަރުންނަށް ފަންޑު ހަމަޖައްސައިދިނުމުގައި ލުއި ގޮތްތަކެއް ހޯދައިދިނުމުގެ މަސައްކަތް ސަރުކާރުން ފަށައިފި އެވެ.

Ads by STELCO

އައްޑޫ ސިޓީއަކީ ރާއްޖޭގެ އެންމެ ދެކުނުގައި އޮންނަ އަތޮޅެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ދުރުގައި އޮތުމުން މި އަތޮޅުގައި ފަތުރުވެރިކަން ތަރައްގީ ކުރުމުގައި ގޮންޖެހުންތަކެއް އެބަ ހުއްޓެވެ. މި ސަބަބާއިހުރެ ވޭތުވެދިޔަ އަހަރުތަކުގައި އެ އަތޮޅުގައި ފަތުރުވެރިކަން ފުޅާކުރެވިފައި ނުވެ އެވެ.

"ދެން އޮންލައިން" ގެ ޕޮޑްކާސްޓުގައި ފަތުރުވެރިކަމާއިބެހޭ ވަޒީރު އިބްރާހިމް ފައިސަލް ވަނީ އައްޑޫ ސިޓީގެ ޓޫރިޒަމް ފުޅާކުރުމާއި ގުޅޭގޮތުން ސަރުކާރުން ގެންގުޅޭ ސިޔާސަތުތައް ހާމަކުރައްވައިފަ އެވެ.

"އަޅުގަނޑާ ބައްދަލުވި އައްޑޫގަ ތިބި ސްޓޭކް ހޯލްޑަރުންނާ. އެބޭފުޅުންނަށް އެންމެ ބޮޑަށް މިވަގުތު ބޭނުންވެގެން އުޅެނީ އައްޑޫގަ ހުރި ޓޫރިޒަމް ޒޯންތަކުގަ ޑިވެލޮޕްކުރުމަށް ބޭނުންވާ ފަންޑު ހޯދުމަށް"

އައްޑޫ ސިޓީގައި ގެސްޓު ހައުސްތަކާއި ހޮޓާތައް ތަރައްގީ ކުރުމުގެ ޝައުގުވެރިކަން ސްޓޭކް ހޯލްޑަރުންގެ ހުރިކަން ފާހަގަކުރައްވައި ފައިސަލް ވިދާޅުވީ އެމީހުން ބޭނުންވަނީ ކުޑަ އިންޓަރެސްޓު ރޭޓެއްގައި އެތަންތަން އަޅަން ބޭނުންވާ ލާރި ހަަމަޖެހުން ކަމަށެވެ. ވުޒާރާއިން މިހާރު ދަނީ ބީއެމްއެލް، އެމްއައިބީ އަދި އެސްޑީއެފްސީފަދަ ބޭންކުތަކާއިއެކު ފައިސާ ދޫކުރުމުގައި ލުއި ގޮތްތަކެއް ހަމަޖެއްސުމުގެ މަޝްވަރާތައް ކުރަމުންނެވެ.

ފަތުރުވެރިކަން ތަރައްގީ ކުރަން ސަރުކާރުން ފައިނޭންސް ޕްރޮގުރާމެއް ފަށާނީ މި އަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގަ އެވެ.

މި ލޯނު ޕްރޮގުރާމަކީ ހަމައެކަނި އައްޑޫ ސިޓީއަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ ޕްރޮގުރާމެއް ނޫނެވެ. ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ފަތުރުވެރިކަން ތަރައްގީ ކުރަން ބޭނުންވާ ފައިސާވެސް މި ޕްރޮގުރާމުގެ ތެރެއިން ހަމަޖެހޭނެ އެވެ. އެހެންނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ހާއްސަ އިސްކަމެއް ދެއްވައިގެން އައްޑޫ ސިޓީގެ ފަތުރުވެރިކަމަށް އިންގިލާބީ ބަދަލެއް ގެނައުމުގެ މަސައްކަތް ސަރުކާރުން ކުރާކަމަށް ފައިސަލް ވިދާޅުވި އެވެ.

ފަތުރުވެރިކަމާއިބެހޭ ވަޒީރު އިބްރާހިމް ފައިސަލް ދެން އޮންލައިންގެ ޕޮޓްކާސްޓުގައި ވާހަކަފުޅު ދައްކަވަނީ

ވަޒީރު އިތުރަށް ވިދާޅުވީ ސަރަހައްދެއްގައި ސަސްޓެއިނެބަލް ގޮތަކަށް ފަތުރުވެރިކަން ކުރިއަށް ގެންދަން 4،000 އާއި 6،000 އާއި ދެމެދުގެ އަދަދަކަށް ބެޑް ކެޕޭސިޓީ ބޭނުންވާ ކަމަށެވެ. ގެސްޓުހައުސްތަކުގެ ތެރެއިންނާއި ވަންއައިލެންޑް ކޮންސެޕްޓުގެ ރިސޯޓުތަކުގެ ތެރެއިން މިއަދަދު އުފެއްދިއްޖެނަމަ އިންޓަނޭޝަނަލް އެއާލައިންތަކުން އެ ސަރަހައްދަކަށް ސީދާ ދަތުރުތައް ފެށޭނެކަމަށް ފައިސަލް ވިދާޅުވި އެވެ.

މިހާތަނަށް އައިއިރު ފައިސަލް ވަނީ ޗައިނާގެ އީސްޓަން އެއާލައިން އާއި ޑުބާއީގެ ފްލައި ޑުބާއީފަދަ އެއާލައިންތަކާއިއެކު އައްޑޫ ސިޓީއަށް ސީދާ ދަތުރުތައް ފެށުމުގެ މަޝްވަރާތައްވެސް ކުރިއަށް ގެންގޮސްފަ އެވެ.

"ޗައިނާގެ އީސްޓަން އެއާލައިންގެ ވައިސް ޕްރެޒިޑެންޓާ މަޝްވަރާކުރިން އައްޑޫއަށް ޑައިރެކްޓު ފްލައިޓުތައް ފަށަން. އެބޭފުޅުން ވިދާޅުވި ޓީމެއް ފޮނުވާނެކަމަށް ފަންކްޝަނަލް ގޮތަކީ ކޮބައިތޯ ބަލަން"

މިދެ އެއާލައިންގެ އިތުރަށް އިންޑިއާގެ އެއާލައިންތަކާއިއެކުވެސް އައްޑޫ ސިޓީއަށް ޑައިރެކްޓު ފްލައިޓުތައް ފެށުމުގެ މަޝްވަރާތައް ދަނީ ކުރިއަށެވެ. ފައިސަލް ވިދާޅުވި ގޮތުގައި އައްޑޫ ސިޓީގެ އިތުރުން ރާއްޖޭގައި ފަތުރުވެރިކަން ފުޅާ ނުކުރެވި އޮތް އެހެން ސަރަހައްދުތަކަށްވެސް މާސްޓާޕްލޭންތަކެއް ތައްޔާރު ކުރާނެ ކަމަށެވެ. މީގެ ބޭނުމަކީ ކުރިއަށް އޮތް ދުރު މުސްތަގުބަލުގައި ސަސްޓެއިނެބަލް ގޮތަކަށް ފަތުރުވެރިކަން ދެމެހެއްޓުންކަމަށް އޭނާ ވިދާޅުވި އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!