އެންމެ ހަފްތާއަކުން ސްތްރީ ދޭކަށް 300 ކްރޯރް ރުޕީސް
ރާޖްކުމާރު ރާއޯ އަދި ޝްރައްދާ ކަޕޫރު ލީޑް ރޯލުން ފެނިގެންދާ ސްތްރީ ދޭކަށް 300 ކްރޯރް ރުޕީސްއާ ގާތްކުރާ އަދަދަކަށް އާމްދަނީ ލިބިއްޖެ އެވެ.
މިފިލްމު ރިލީޒް ކުރިތާ އިއްޔެއަށް މިވީ ހަތް ދުވަހެވެ. އިންޑިއާގެ މީޑިއާތައް ބުނާ ގޮތުގައި މިފިލްމުގެ ވިޔަފާރި އަދިވެސް ދަނީ ދުވަހެއް ދުވަހަކަށް ރަނގަޅުވަމުންނެވެ.
ހަތްވަނަ ދުވަހު އެކަނި ސްތްރީ ދޭކަށް 16.5 ކްރޯރް ރުޕީސް ލިބިފައިވެ އެވެ. މިއާއެކު ޖުމްލަ އާމްދަނީ ވަނީ 272 ކްރޯރް ރުޕީސްއަށް އަރައިފަ އެވެ.
މި ފިލްމު ރިލީޒް ކުރި ދުވަހު އެތައް ފިލްމުތަކެއްގެ ރެކޯޑު މުގުރާލައި އެއް ދުވަހުން 51.8 ކްރޯރް ރުޕީސް ހޯދި އެވެ. ފުރަތަމަ ދުވަހު މިއަށްވުރެ ބޮޑު އާމްދަނީއެއް ބޮލީވުޑް ފިލްމަކުން ހޯދީ މިދިޔަ 2023 ވަނަ އަހަރު ރިލީޒްކުރި ޝާހުރުކް ހާންގެ ޖަވާން އެކަންޏެވެ.
ސްތްރީ ދޭއް ޑައިރެކްޓު ކުރީ އަމަރު ކައުޝިކް އެވެ. މިފިލްމު ރިލީޒް ކުރީ އިންޑިއާގެ މިނިވަން ދުވަހާއި ދިމާކޮށް އޯގަސްޓު 15 ވަނަ ދުވަހު އެވެ. ފިލްމު ޕްރޮޑިއުސް ކުރީ ދިނޭޝް ވިޖަން އެވެ. ފިލްމު އުފައްދަން ގާތްގަނޑަކަށް 60 ކްރޯރް ރުޕީސް ހަރަދު ކުރި އެވެ.
ސްތްރީ ދޭއް މިއީ 2018 ވަނަ އަހަރު ރިލީޒްކުރި ސްތްރީގެ ސީކުއަލް އެކެވެ. އެފިލްމުގައިވެސް ލީޑް ރޯލު އަދާކުރީ ޝްރައްދާގެ އިތުރުން ރާޖްކުމާރު އެވެ.
މިއަހަރު އެންމެ ބޮޑު އާމްދަނީއެއް ހޯދި ހިންދީ ފިލްމުގެ މަގާމު ސްތްރީ ދޭކުން ހޯދާނެކަމަށް ބެލެވެ އެވެ. އިންޑިއާ ފިލްމު ތާރީހުގައި މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމުތަކުގެ ލިސްޓުން ސްތްރީ ދޭއް މިހާރު ވަނީ 41 ވަނަ ކަށަވަރުކޮށްފަ އެވެ. މަހެއްހާ ދުވަހު މިފިލްމު ސިނަމާތަކުގައި އަޅުވާނެކަމަށް ބެލެވެ އެވެ.