ކާޑު ލިމިޓަށް ގެނައި ބަދަލާ އެކު، ކިޔަވާ ކުދިންނަށް ވެސް ރުފިޔާ އެކައުންޓުން ޑޮލަރެއް ނުލިބޭނެ
ކާޑު ލިމިޓަށް މިއަދުން ފެށިގެން ގެނައި ބަދަލާ އެކު، ކިޔަވާ ކުދިންނަށް ވެސް ރުފިޔާ އެކައުންޓުން ދެން ޑޮލަރު ނުލިބޭނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފި އެވެ.
ބީއެމްއެލުން ދޫކޮށްފައިވާ ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތް ކުރެވޭ ލިމިޓްތަކަށް މިއަދު ވަނީ ބަދަލު ގެނެސްފަ އެވެ. މި ގެނެވުނު ބަދަލުތަކަށް ވަގުތުން ފެށިގެން އަމަލު ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ ބޭންކުން ބުނެ އެވެ. ބޭންކުން މި ބަދަލު ގެނެސްފައި ވަނީ ކާޑުން ކުރެވޭ ބޭރުގެ މުއާމަލާތްތަކުގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުންދިޔަ ނަމަވެސް ބޭންކަށް ގަންނަން ލިބޭ ބޭރު ފައިސާގެ އަދަދު އެއް މިންވަރެއްގައި ހިފެހެއްޓިފައިވާތީ އެވެ.
މި ބަދަލާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު، ކާލް ސްޓުމްކަ ވިދާޅުވީ ވޭތުވެދިޔަ އަހަރެއްހާ ދުވަހު ބޭންކުން އައީ ކާޑުން ކުރެވޭ ރާއްޖޭން ބޭރުގެ މުއާމަލާތްތަކުގެ އަދަދު ނުހަނު ގާތުން ބަލަމުން ކަަމަށެވެ. "އަޅުގަނޑު ތަކުރާރުކޮށް ދަންނަވާފައިވާ ފަދައިން ބޭންކަށް ވިއްކޭނީ ބޭންކަށް ގަންނަން ލިބޭ ބޭރު ފައިސާއެއް،" ކާލް ވިދާޅުވި އެވެ.
"މި އަހަރު ތެރޭ ކަސްޓަމަރުން އަތުން ބޭންކަށް ގަންނަން ލިބުނީ ގާތްގަނޑަކަށް 60 މިލިއަން ޑޮލަރު. އެހެން ނަމަވެސް ކާޑުތަކުން ކުރެވުނު މުއާމަލާތްތަކުގެ އަދަދު މީގެ ތިން ގުނަ ބޮޑު. ކާޑު ބޭނުންކުރާ މިންވަރު އިތުރުވުމަކީ ވިޔަފާރިތަކަށް ބޭންކުން ދޫކުރާ ބޭރު ފައިސާގެ އަދަދު ނުހަނު ބޮޑު މިންވަރަކަށް ދަށްވެގެން ދާ ކަމެއް،" ކާލް ސްޓުމްކަ ވިދާޅުވި އެވެ.
ވިދާޅުވީ ތަފާސް ހިސާބަށް ބަލާއިރު ކާޑުތައް ބޭނުންކޮށްގެން މައިގަނޑުކޮށް ކުރާ ދަތުރުތަކާއި އޮންލައިން ވިޔަފާރިތަކަށް ވުރެ އިގުތިސޯދީ މުހިންމު ހަރަކާތްތަކަށް އެ ބޭންކުން ހޭދަކުރާ ބޭރު ފައިސާގެ މިންވަރު 75 އިންސައްތަ ދަށް ކަމަށެވެ.
ކާޑު ލިމިޓުތަކަށް ބޭންކުން ގެނައި ބަދަލުތައް:
- މިހާރު ދޫކޮށްފައިވާ ޑެބިޓް ކާޑުތައް: ކާޑުގެ ޕްރައިމަރީ އެކައުންޓް ރުފިޔާ އެކައުންޓުގެ ގޮތުގައި ކަނޑައަޅާފައިވާނަމަ ރާއްޖޭން ބޭރުގެ މުއާމަލާތްކުރުމަށް އެއްވެސް އަދަދެއް ނުލިބޭނެ.
- މިއަދުން ފެށިގެން އަލަށް ދޫކުރާ ޑެބިޓް އަދި ކްރެޑިޓް ކާޑުތައް: ކާޑުގެ ޕްރައިމަރީ އެކައުންޓް ރުފިޔާ އެކައުންޓުގެ ގޮތުގައި ކަނޑައަޅާފައިވާނަމަ ރާއްޖޭން ބޭރުގެ މުއާމަލާތްކުރުމަށް އެއްވެސް އަދަދެއް ނުލިބޭނެ.
- މިހާރު ދޫކޮށްފައިވާ ސްޓޭންޑަރޑް އަދި ގޯލްޑް ކްރެޑިޓް ކާޑުތައް: މަހެއްގެ މައްޗަށް ކުރެވޭ ރާއްޖޭން ބޭރުގެ މުއާމަލާތްތައް 100 ޑޮލަރަށް ދަށްކުރުން.
ކާލް އިތުރަށް ވިދާޅުވީ ބީއެމްއެލްގެ އެންމެ މަތީ މަސްލަހަތަކީ ޑިޕޮސިޓަރުންނަށް ރައްކާތެރިކަން ދިނުން ކަމަށެވެ.
"ބޭންކަށް ގަންނަން ނުލިބޭ އަދަދެއް ބޭންކަށް ނުވިއްކޭނެ. ބީއެމްއެލުން ދޫކޮށްފައިވާ ޑޮލަރު ކްރެޑިޓް ކާޑުންނާއި ޑެބިޓް ކާޑެއް ބޭނުންކޮށްގެން ޑޮލަރު އެކައުންޓުން ކުރިއެކޭ އެއްގޮތަށް އެކައުންޓްގައި ޑޮލަރު ހުރި މިންވަރަކަށް ކަސްޓަމަރުންނަށް މުއާމަލާތްތައް ކުރެވޭނެ." ކާލް ސްޓުމްކަ ވިދާޅުވި އެވެ.
ބީއެމްއެލުން ވަނީ މަހުން މަހަށް ކެނޑޭ ބޭރުގެ މުއާމަލާތްތައް މެދު ނުކެނޑި ހިންގުމަށްޓަކައި ކަސްޓަމަރުންގެ ޑެބިޓް ކާޑުގެ ޕްރައިމަރީ އެކައުންޓް ޑޮލަރު އެކައުންޓަށް ބަދަލު ކުރުމަށް އިލްތިމާސްކޮށްފަ އެވެ.
ބެންކައް ލިބޭހުރިހާޑޮލަރެއް ބެންކުގާތިއްބަވާ ހުރިހާވެރިންގެ މުސާރަޑޮލަރުން ދިނީމާ ދެންބާކީއެއްނުވާނެ ނިކަމެތި ފަރުދުން ބޭސްފަރުވާއައް ދިއުމައްޓަކާ ރައްކާކުރުމައް ޖަމާކޮއްފާވާ ޑޮލަރުކޮޅުވެސް ނުލިބޭ ގޮއެއް ހެދީމާ ދެންވާނެގޮތެއްވެސް ބުނެދެއްވާ
ހަޔަރ އެޑިއުކޭޝަން އިން ދިވެހި ރުފިޔާއިން ފައިސާ ދިނުން ހުއްޓާލާފަ، ޑޮލަރުން ދޭން ފަށަންވީނު.