ދީން

މައިންބަފައިންގެ މައްޗަށް ގިނަގިނައިން މިދުޢާ ކުރައްވާ!

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

އަހަރެމެންނަށް ﷲ ތަޢާލާ ދެއްވާފައިވާ ނިޢުމަތްތަކަކީ ގުނާ ޢަދަދު ނުކުރެވޭނެ ނިޢުމަތްތަކެކެވެ. އެ ނިޢުމަތަކީ ކުޑަކުޑަ ނިޢުމަތެއް ކަމުގައި ވީ ނަމަވެސް ، ނުވަތަ ނިއުމަތެއް ކަމަށް އިހްސާސް ނުވި ނަމަވެސް ވިސްނާ ފިކުރުކޮށްލައިފި ނަމަ ، ﷲ ތަޢާލާ ދެއްވި އެނިޢުމަތްތަކަށް ކުފުރުވެރިވެ އެ އިލާހަށް ފުރަގަސްދޭން އަހަރެމެން ޖެހިލުން ވާނެއެވެ.

Ads by Sosun Fihaara

ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.

أَنِ اشْكُرْ لِي وَلِوَالِدَيْكَ إِلَيَّ الْمَصِيرُ

މާނައީ:ތިމަން ރަސްކަލާނގެއަށާއި، ތިބާގެ މައިންބަފައިންނަށް شكر ކުރާށެވެ! އެނބުރި رجوع ވުން ވަނީ، ހަމަ ތިމަންރަސްކަލާނގެ حضرة އަށެވެ.

ﷲގެ މި ވަހީ ބަސްފުޅާ ގުޅޭ ގޮތުން ޢިލްމްވެރިން ވިދާޅުވެފައިވެއެވެ. ﷲ ތަޢާލާއަށް ޝުކުރުވެރި ވުމަކީ ފަރުޟު ފަސް ނަމާދު ބަރާބަރަށް ކުރުމެވެ. އަދި މައިންބަފައިންނަށް ޝުކުރުކުރުމަކީ ފަރުޟު ފަސް ނަމާދު ނިމިގެން މައިންބަފައިންނަށް ޓަކައި ދުޢާ ކުރުމެވެ. ފަހެ ދަރީންގެ ދުޢާ އަކީ ނިޔާވެފައިވާ މައިންބަފައިންނަށް ވެސް މަންފާ ކުރަނިވި ކަމެކެވެ. އެގޮތުން ދަރީންގެ ހެޔޮ ދުޢާގެ ސަބަބުން މައިންބަފައިންގެ ދަރަޖަ މައްޗަށް ދާނެ ކަމުގައި ޢިލްމުވެރިން ބަޔާން ކޮށްދެއްވާފައި ވެއެވެ.

ފަރުޟު ފަސްނަމާދަށް ފަހު މައިންބަފައިންގެ މައްޗަށް ދުޢާ ކުރުމަކީ އެންމެންނަށް ފަސޭހަ ކަމަކަށް ނުވެދާނެއެވެ. ދިރިއުޅުމުގެ ކަންކަމާއި ބަލި ޙާލަތު ހުންނަ ގޮތުން ގިނަ ވަގުތު އެކަމަށް ހޭދަ ކުރަން އުނދަގޫވާ މީހުންނަށް ވެސް މައިންބަފައިންނަށް ޝުކުރު އަދާ ކުރުމަށް ފަސޭހަ ގޮތްގޮތް އެބަހުއްޓެވެ. އެގޮތުން ކޮންމެ ނަމާދެއްގެ ފަހު އައްތަހިއްޔާތުގައި ،ސަލާމް ދިނުމުގެ ކުރިން މައިންބަފައިންގެ މައްޗަށް ދުޢާ ކޮށްލެވިދާނެއެވެ. އެގޮތުން الله ތަޢާލާ ވަހީކުރައްވާ އަންގާފައިވާ ، އަންނަނިވި ދުޢާއަކީ ދުލަށް ފަސޭހަ މަތިވެރި ދުޢާ އެކެވެ.

رَبَّنَا اغْفِرْ لِي وَلِوَالِدَيَّ وَلِلْمُؤْمِنِينَ يَوْمَ يَقُومُ الْحِسَابُ

މާނައީ: އަޅަމެންގެ ވެރިރަސްކަލާކޮ! حساب قائم ވާ ދުވަހު، އަޅާއަށާއި، އަޅުގެ މައިންބަފައިންނަށާއި، مؤمن ތަކުންނަށް ފާފަފުއްސަވާނދޭވެ!

މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘްފުޅު ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. އިންސާނާ މަރުވުމަށްފަހު، ތިން ކަމަކުން މެނުވީ އޭނާގެ ޢަމަލުތައް ހުއްޓި ދެއެވެ. އެއީ ދެމިގެންދާ ޞަދަޤާތާއި ފައިދާ ކުރަނިވި ޢިލްމާއި އަދި އޭނާއަށް ދުޢާ ކުރާނޭ ޞާލިޙު ދަރިއެކެވެ.

މި ޙަދީޘްފުޅުގައި ޞާލިޙުންގެ ސިފައެއްގެ ގޮތުގައި މައިންބަަފައިންނަށް ދުޢާ ކުރުން ބަޔާން ކޮށްދެއްވާފައިވާތީ ، ޢިލްމްވެރިން ވިދާޅުވާ ގޮތުގައި މައިންބަފައިންގެ މައްޗަށް ދުޢާ ކުރާހާ ހިނދަކު އެމީހަކީ ޞާލިޙް އަޅެކެވެ.

(ޝައިޚް ޢަބުދުއްސައްތާރު ޢަބުދުއްރަޙްމާންގެ ދަރުހަކުން)

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!