ޚަބަރު ސަރުކާރު

ހާއްސަ ދައުވަތަކާއެކު ވަޒީރު އަމީން ސައުދީއަށް ފުރާވަޑައިގެންފި

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ދަތުރުފަތުރާ ބެހޭ ވަޒީރު މުހައްމަދު އަމީން

ސައުދީ އަރަބިއްޔާ ސަރުކާރުގެ ހާއްސަ ދައުވަތަކަށް ދަތުރުފަތުރާއި ބެހޭ ވަޒީރު މުހައްމަދު އަމީން އެގައުމަށް ފުރާވަޑައިގެންފި އެވެ.

Ads by STELCO

މި ދަތުރުފުޅަކީ ސައުދީގެ ދަތުރުފަތުރާއި ލޮޖިސްޓިކްއާއި ބެހޭ ވަޒީރު ޞާލިހު ބިން ނާސިރު އަލް ޖަސީރާއި، އެގައުމުގެ ސިވިލްއޭވިއޭޝަން އޮތޯރިޓީގެ ރައީސް އަބްދުލްއަޒީޒް އަލް ދުއައިލެޖްގެ ދައުވަތަކަށް އަމީން ކުރައްވާ ދަތުރުފުޅެކެވެ.

ދަތުރުފަތުރާއި ބެހޭ ވުޒާރާއިން ބުނީ އަމީންގެ މި ދަތުރުފުޅުގައި ދެ ޤައުމު ދެމެދު އޮތް މަދަނީ ވައިގެދަތުރުފަތުރުގެ ގުޅުން އިތުރަށް ފުޅާކޮށް، ވައިގެ ދަތުރުފަތުރުގެ ދާއިރާގެ ސަލާމަތާއި ރައްކާތެރިކަމާގުޅޭ ރެގިއުލޭޓަރީ ފްރޭމްވޯކްތައް ޤާއިމުކުރުމާ މެދު މަޝްވަރާކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ހާރިޖީ ވަޒީރު މޫސާ ޒަމީރުއާ އެމްއެއޭގެ ގަވަރުނަރުގެ އިތުރުން އެމްއޭސީއެލްގެ މެނޭޖިންގް ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދުވެސް ވަނީ މިމަހުގެ 19 ވަނަ ދުވަހު ސައުދީއަށް ވަޑައިގެންފަ އެވެ. މި ދަތުރުފުޅުގައި ސައުދީގެ ވަލީއަހުދު އަދި ބޮޑުވަޒީރު ޕްރިންސް މުހައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އަލް ސަޢުދާއި ބައްދަލު ކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވެވި ހާއްސަ ސިޓީފުޅެއް ވަނީ އަރުއްވައިފަ އެވެ.

ރައީސް ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން ސައުދީއާއިއެކު ދިވެހި ސަރުކާރުން ބާއްވާ ގުޅުން ވަނީ އިތުރަށް ބަދަހިކޮށްފަ އެވެ. އެގޮތުން ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ކުރިއަށް ގެންދާ މަޝްވަރާތައް ވަނީ އިތުރުކޮށްފަ އެވެ. މި އަހަރަކީ، ދިވެހިރާއްޖެއާއި ސައުދީ އަރަބިއްޔާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރެވުނުތާ 43 އަހަރު ފުރޭ އަހަރެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!