ޚަބަރު ސަރުކާރު

40 ކައުންސިލަކަށް އިދާރީ ތަމްރީނު ދެނީ

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން
ކައުންސިލްތަކުގެ ހިންގުން ހަރުދަނާ ކުރުމުގެ ތަމްރީނު ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ލޯކަލް އެންޑް ސިޓީސްގެ މިނިސްޓަރު އާދަމް ޝަރީފް އުމަރު

ދައުލަތުގެ ޕްރޮކިޔުމަންޓް ނިޒާމާއި ކައުންސިލުތަކުގެ ފައިސާގެ ކަންތައްތައް ހިންގާ ބެލެހެއްޓުމާއި އަދި އިދާރީ ގޮތުން ކައުންސިލުތައް ހިންގުން ހަރުދަނާކުރުމާ ގުޅޭ ތަމްރީނު ޕްރޮގްރާމުގައި 40 ރަށެއްގެ ކައުންސިލުން ބައިވެރި ވެއްޖެ އެވެ.

Ads by Sosun Fihaara

ސިޓީސް، ލޯކަލް ގަވަރްމެންޓް އެންޑް ޕަބްލިކް ވޯކާސްގެ އިސްނެގުމުގެ ދަށުން ލޯކަލް ގަވަރުމެންޓް އޮތޯރިޓީ (އެލްޖީއޭ) އާ ގުޅިގެން މިއަދު ހެނދުނު ފެށުނު އެ ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ 3 ދުވަހުގެ މުއްދަތަކަށް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ބުނީ އެލްޖީއޭގެ ފަރާތުން އޮންލައިންކޮށް ހިންގާ އެ ތަމްރީނު ޕްރޮގްރާމުގައި 40 ރަށެއްގެ ރަށު ކައުންސިލުންގެ އިތުރުން 5 އަތޮޅެއްގެ އަތޮޅު ކައުންސިލުންވެސް ބައިވެރިވާ ކަމަށެވެ. އެއީ ޖުމްލަ 170 އަށް ވުރެ ގިނަ ބޭފުޅުން ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

އެ ޕްރޮގްރާމު ފައްޓަވައިދެއްވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު އާދަމް ޝަރީފު އުމަރު ވަނީ އެލްޖީއޭއިން ކައުންސިލުތަކުގެ މަސައްކަތް ހަރުދަނާކުރެއްވުމަށް ކުރައްވާ މަސައްކަތްތައް ފާހަގަކުރައްވާފަ އެވެ.

އަދި އެ ފަދަ ތަމްރީން ޕްރޮގްރާމްތައް ބޭއްވުމުގެ މުހިންމުކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.

"މި ޓްރޭނިންގް ޕްރޮގްރާމަކީ އޮންލައިންކޮށް ބާއްވާ ޓްރޭނިންގްއަކަށް ވުމުން މި ކަމަށް މި ތިން ދުވަހު ހާއްސަ ސަމާލުކަމެއް ދެއްވައި، މި ކަމަށް ފޯކަސް ކުރައްވައިގެން، އިހްލާސްތެރިކަމާއެކު ޓްރޭނިންގް ކުރިއަށް ގެންގޮސް ދެއްވުމަށް ޕްރޮގްރާމުގެ ބައިވެރިންގެ ކިބައިން އެދިވަޑައިގަންނަވަން" ޝަރީފް ވިދާޅުވި އެވެ.

މިނިސްޓްރީން ބުނީ އެލްޖީއޭގެ ފަރާތުން ހިންގާ މި ޕްރޮގްރާމުގެ ސަބަބުން ކައުންސިލުތަކުގައި މަސައްކަތްކުރައްވާ މުވައްޒަފުންނަށް ގިނަގުނަ ފައިދާތަކެއް ލިބި ކައުންސިލުތަކުގެ އިދާރީ ހިންގުން އިތުރަށް ހަރުދަނާވެގެން ދާނެ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!