ޚަބަރު ސިޔާސީ

ކޮންގްރެސް ޕާޓީގެ މެންބަރުންގެ އަދަދު 70،000 އަށް އިތުރުކުރަން އަމާޒު ހިފައިފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ކޮންގްރެސް ޕާޓީން މީގެ ކުރިން ބޭއްވި ހިނގާލުމެއްގެ ތެރެއިން

އަންނަ ނޮވެމްބަރު މަހުގެ ނިޔަލަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް ޕާޓީއަށް 49،000 މީހުން އިތުރަށް ވެއްދުމަކީ އަމާޒެއް ކަމަށް މެމްބަޝިޕް އިތުރުކުރުމުގެ މަސައްކަތްތަކާ ހަވާލުވެވަޑައިގެން ހުންނެވި ޕާޓީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.

Ads by Hajj Corporation

ސަރުކާރު ހިންގާ މައި ޕާޓީ، ކޮންގްރެސް ޕާޓީން ސިލްސިލާކޮށް ކުރިއަށް ގެންދާ ގޮތަށް މިއަދު ފެށި ނޫސްވެރިންގެ ބައްދަލުވުންތަކުގެ ފުރަތަމަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ މީގެ ދުވަސްކޮޅެއް ކުރިން ޕާޓީއަށް މެމްބަރުން އިތުރު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެ މަސައްކަތް ފެށީ ޕާޓީގެ ރައީސް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެދިވަޑައިގަތުމަށް ކަމަށެވެ.

އަމާޒަކީ މިފަހުން ބޭއްވުނު ޖަލްސާއެއްގައި ރައީސް ވިދާޅުވެފައިވާ ފަދައިން އަންނަ ނޮވެމްބަރު މަހުގެ ނިޔަލަށް 70،000 މެމްބަރުން ޕާޓީއަށް ވެއްދުން ކަމަށް އޭނާ ވިދާޅުވި އެވެ. މަސައްކަތުގެ ތެރެއިން ރައްޔިތުންގެ ތާއީދު މި ސަރުކާރަށް އޮތް މިންވަރު ހާމަވެފައިވާ ކަމަށެވެ.

ވިދާޅުވި ގޮތުގައި ޕާޓީއަށް މެމްބަރުން އިތުރު ކުރުމުގެ މަސައްކަތް މިފަހުން ފެށިއިރު ޕާޓީގައި ދަފުތަރު ކުރެވިފައިވާ ސައްހަ މެމްބަރުންގެ އަދަދަކީ 28،000 ކަމުގަ އެވެ.

"އެހެންވީމާ ނޮވެމްބަރު މަހުގެ ނިޔަލަށް އިރާދަކުރެއްވިއްޔާ 100 ޕަސެންޓް ޔަގީން 70،000 ހަމަ ކުރެވޭނެކަން. އެހެންވެއްޖިއްޔާ އެއީ ގާތްގަނޑަކަށް 45،000 ނޫނީ 49،000 މެމްބަރުން މި އިތުރު ކުރެވެނީ،" ފަލާހު ވިދާޅުވި އެވެ.

އެކަމާ ގުޅޭގޮތުން އިތުރަށް ވާހަކަ ދައްކަވަމުން ކޮންގްރެސް ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ޕާޓީގެ ހަރަކާތްތައް އިތުރަށް ވަރުގަދަކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މެމްބަޝިޕް އިތުރު ކުރުމަށް ޕާޓީގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދާ އަދި އިތުރު ގަވާއިދުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުންދާކަން ވެސް ވިދާޅުވި އެވެ.

އެގޮތުން އިދާރީ އޮނިގަނޑަށް ބަދަލުތައް ގެނެސް، ރަށްރަށުގައި އުފައްދާފައިހުރި ކޮމިޓީތައް އަލުން އެކުލަވާލުމާއި ރައީސުން ނެތް ދާއިރާތަކަށް ރައީސުން ހޮވުމުގެ މަސައްކަތް ކުރިއަށް ގެންދާނެ އެވެ. އެކަންކަމުގެ ތެރެއިން ކޮންގްރެސްއަށް ތައްޔާރުވުމުގެ މަސައްކަތް ވެސް ހިނގަމުންދާނެ ކަން ޗެއާޕާސަން ފާހަގަކުރެއްވި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ދަފްތަރުގައިވާ ގޮތުން ނަމަ މިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހަށް ކޮންގްރެސް ޕާޓީގައި ތިބި މެމްބަރުންގެ އަދަދަކީ 28,704 އެވެ. ޕީޕީއެމްގައި ދަފްތަރު ކުރެވިފައި ތިބީ 34،827 މެމްބަރުންނެވެ.

50,980 މެންބަރުންނާ އެކު އެންމެ ގިނަ ބަޔަކު ރަޖިސްޓްރީވެފައި ތިބީ އިދިކޮޅު މައި ޕާޓީ، އެމްޑީޕީގަ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!