ރާއްޖޭގައި އިންޓަނޭޝަނަލް ބަންކަރިން ހިދުމަތް އަންނަ މަހު 12 ވަނަ ދުވަހު ފެށޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ސައީދު އެހެން ވިދާޅުވީ ވެރިކަންކުރާ ކޮންގްރެސް ޕާޓީގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ.
ސައީދު ވިދާޅުވީ އެ މަސައްކަތް ފެށުމަށް މީގެ ކުރިން ތާރީހުތަކެއް ދިން ނަމަވެސް މި އަންނަ މަހު 12 ގައި އުތުރުގައި އެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ. އަދި އެ މަސައްކަތް ލަސްކުރަން ޖެހުނީ ހުޅަނގު މޫސުމުގެ ވިއްސާރައާ ގުޅިގެން ކަމަށް މީގެ ކުރިން މިނިސްޓަރު ވިދާޅުވި އެވެ.
ބަންކަރިން ހިދުމަތަކީ ކަނޑު ބޯޓުތަކާއި އުޅަނދުތަކަށް ތެޔޮ ފޯރުކޮށްދިނުމުގެ ހިދުމަތެވެ. ބޯޓް ފަހަރު އާއްމުކޮށް ދަތުރުކުރާ ސަރަހައްދުތަކުގައި އެފަދަ ހިދުމަތެއް ފެށިއްޖެ ނަމަ ބޯޓް ފަހަރު އެތަންތަނަށް މަޑުކޮށް ތެޔޮ އަޅާހަދަ އެވެ. އެގޮތަށް ތެޔޮ ވިއްކުމަކީ ރަނގަޅު ފައިދާއެއް ލިބޭ ހިދުމަތެކެވެ.
މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ ޕްރޮޖެކްޓުގެ ދަށުން ބައިނަލްއަގުވާމީ ބަންކަރިން ފެސިލިޓީއެއް ފެށުމުގެ ގޮތުން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިޓޯލް ގުރޫޕާ އެކު ޓާމް ޝީޓްގައި ސޮއިކޮށްފައި ވަނީ މިދިޔަ މާޗް މަހު އެވެ. އެފަހުން ވިޓޯލް ބަންކާސްގެ މެޕުގައި ރާއްޖެ ވަނީ ހިމަނާފަ އެވެ.
އެ މަސައްކަތަށް ބޭނުންވާ ޕައިލެޓް ބޯޓާއި ޓަގް ބޯޓް މި މަހުގެ 2 ވަނަ ދުވަހު ކުޅުދުއްފުށި ސިޓީ ޕޯޓަށް ގެނެސްފައިވެ އެވެ.
އަދި ކުޅުދުއްފުށި ޕޯޓް ސަރަހައްދުގައި ގާއިމްކުރާ ބޯޓް ޔާޑުގެ މަސައްކަތުގެ ބޮޑު ބައި ނިމިފައިވާ ކަމަށް ވެސް އެމްޕީއެލްއިން މީގެ ކުރިން ބުނެފައިވެ އެވެ.