އެމަޖެންސީގައި ކަންގަނާ މޭކަޕް ކޮށްދިނީ އޮސްކާ އެވޯޑު ހޯދި މަލަނޮފްސްކީ

އަންނަ މަހުގެ 6 ވަނަ ދުވަހު ސިނަމާތަކުގައި ރިލިޒް ކުރުމަށް ހަމަޖެހިފައިވާ ބޮލީވުޑް ފިލްމު "އެމަޖެންސީ" ގައި ބަތަލާ ކަންގަނާ ރަނައުތު މޭކަޕް އާޓިސްޓެއްގެ ގޮތުގައި ޑޭވިޑް މަލަނޮފްސްކީ ހަރަކާތްތެރިވީ ކީއްވެކަން ހާމަކޮށްފި އެވެ.
މިފިލްމުގައި ކަންގަނާ ފެންނާނީ އިންޑިއާގެ އަޔަން ލޭޑީގެ ގޮތުގަ އެވެ. އެގޮތުން ހުދު އިސްތަށިގަނޑާއި ދިގު ނޭފަތުގެ އިތުރުންވެސް މޫނަށް އެތައް ބަދަލުތަކެއް ވަނީ ގެނަސްފަ އެވެ. މިމަސައްކަތަށް ހަޔާ ކުރީ އޮސްކާ އެވޯޑު ހޯދި މަލަނޮފްސްކީ އެވެ.
މަލަނޮފްސްކީ އަކީ "ދަ ޑާކެސްޓް އަވާ" ގައި މޮޅެތި މޭކަޕްތަކެއް ކޮށްގެން މުޅި ދުނިޔޭގެ ސަމާލުކަން ހޯދި މޭކަޕް އާޓިސްޓެކެވެ. ކަންގަނާ ބޭނުންވީ މޭކަޕުން އޭނާއަށް ބޮޑު ބަދަލެއް ގެނެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އޮތް އާޓިސްޓަކު އެމަސައްކަތާ ހަވާލުވާށެވެ.

ފިލްމު އެމަޖެންސީގައި މަލަނޮފްސްކީ ކަންގަނާގެ މޭކަޕް ކުރަނީ
ކަންގަނާ ބުނީ އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އިންދިރާ ގާންދީގެ ކެރެކްޓާ ދައްކަން މޭކަޕަކީ ވަރަށް މުހިންމު އެއްޗެއް ކަމަށެވެ. މަލަނޮފްސްކީ އެމަސައްކަތަށް ހަޔާކުރީ އެހެންވެގެން ކަމަށް ކަންގަނާ ބުންޏެވެ.
ކޮންމެ ޝޫޓަކަށް ކަންގަނާގެ މޭކަޕަށް ތިންގަޑިއެއްހާއިރު ހޭދަވެ އެވެ. އެކަމަކު ކޮންމެ ފަހަރަކު މޭކަޕް ކޮށް ނިމޭއިރު ކުރާނެ އެއްވެސް ޝަކުވާއެއް ނޯންނަކަމަށް ކަންގަނާ ބުންޏެވެ. މުޅި ފިލްމުގައި ކަންގަނާ ފެންނާނީ ޕްރޮސްތެޓިކް މޭކަޕްގަ އެވެ.
"އެމަޖެންސީ" ލިޔެ ޑައިރެކްޓު ކުރީވެސް ކަންގަނާ އެވެ. މިފިލްމުގައި އޭނާގެ އިތުރުން އަނުޕަމް ޚޭރް، މަހީމާ ޗޯދުރީ، މިލިންދް ސޯމަން، ޝްރެޔާސް ތަލްޕަޑޭގެ އިތުރުން ވިޝަކް ނަޔާވެސް ފެންނާނެ އެވެ. މީގެ އިތުރުން ފިލްމު ކުޅުނު ފަހުން ނިޔާވި ސަތީޝް ކައުޝިކްވެސް މުހިންމު ރޯލަކުނން ފެންނާނެ އެވެ.