ލައިފްސްޓައިލް

ހަޤީޤީ ހާދިސާ: ކައިވެނީގެ ފުރަތަމަ ރޭ ފިރިމީހާގެ ކޮޓަރީގައި އޮތީ އަހަންނެއް ނޫން، ހިލޭ އަންހެނެއް!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ދެމަފިރިއަކު ކައިވެންޏެއް ކުރާނީ ހަމަޔަގީނުން ވެސް ވަރަށް ލޯބިން، އެކު އެކީގައި ދިރިއުޅުމެއް ބިނާ ކުރުމުގެ ފޮނި އުންމީދުގައެވެ. ޙަޔާތުގެ ބާކީ ދުވަސްތައް ލޯބިން އެކުއެކީގައި އަތު ގުޅާލައިގެން ހޭދަ ކުރުމުގެ ހުވަފެންތަކާއެކު ކައިވެނީގެ މަތިވެރި ގޮށް ދެމީހުން ވެސް އައްސާލަނީ އެކަކު އަނެކަކަށް ކުރާ އިތުބާރަކާއި ވެސް އެކުގައެވެ.

Ads by Sosun Fihaara

ނަމަވެސް ހިތާމައަކީ، ކައިވެނީގެ ހަޤީޤީ އުފަލާއި ހިތްހަމަޖެހުން، ކޮންމެ ކޮންމެ މީހަކަށް ނުލިބޭ ކަމެވެ. ދިރިއުޅުމުގައި އެކި މީހުންނަށް ދިމާވާނީ އެކި ކަންތަކެވެ. ޙަޔާތުގެ ގިނަ ދުވަސްތައް ހިތާމައިގައި ވޭތުކުރާ މީހުން ވެސް މަދެއް ނޫނެވެ.
މިއީ ވެސް އެފަދަ އަންހެނެއްގެ ވާހަކަ އެކެވެ.

"އަހަރެންގެ ދިރިއުޅުމުގެ ގިނަ ދުވަސްތައް ހޭދަ ކުރަން ޖެހުނީ ވަރަށް ހިތާމައިގައެވެ. ޅަ އުމުރުގައި މަންމަ ނިޔާވެ، ބައްޕަ މަސްތުވާތަކެތީގެ ވަބާގައި ޖެހުމުން އަހަރެންގެ ހުރިހާ ކަމެއް ކޮށްދިނީ ބޮޑު ދައިތައެވެ. ބޮޑު ދައިތަ ވަރަށް ހެވެއެވެ. ނަމަވެސް އަހަރެން ބަލަން ބޮޑުދައިތަގެ ފިރިމީހާ ނުރުހޭތީ އާއި އެކަމުގެ ސަބަބުން އެދެމަފިރިންގެ ދޭތެރޭގައި މައްސަލަ ޖެހޭތީ، ގްރޭޑް 10 ނިމުމުން ބޮޑު ދައިތަ އަހަރެން މާލެ ފޮނުވިއެވެ. އަހަރެން ދެން ދިރިއުޅެމުން ދިޔައީ ކުދިން ބަހައްޓާ ގެއެއްގައެވެ. ބޮޑުދައިތަގެ އެހީގައި، ފިހާރައަކުން ޕާޓް ޓައިމަށް ވަޒީފާއެއް ވެސް ހޯދީމެވެ. ނަމަވެސް އެތަނުން މުސާރައަށް ލިބޭ 3000 ރުފިޔާއިން 2500 ރުފިޔާ ދެނީ އަހަރެން ހުންނަ ގެއަށެވެ. ބާކީ ހުންނަ ފައިސާއިން އަހަރެންގެ ޒަރޫރީ ބޭނުންތަކަށް އެއްޗެހި ހޯދަމެވެ. އޭރު
އަހަރެން ކިޔަވަން ދިޔައީ ކޮލެޖަކަށެވެ. ޕްރީ ސްކޫލް ޓީޗިންގ ހަދަމުންދިޔައިރު ކޮލެޖަށް ފީ ދެއްކީ ބޮޑުދައިތައެވެ. އެކަމާއި ބޮޑުދައިތަގެ ފިރިމީހާ ހިތްހަމަ ނުޖެހޭކަން އެނގެން ފެށިއެވެ.

އުމުރުން 18 އަހަރުވީއިރު، ކޮލެޖުން ދިމާވި ކުއްޖަކާއި އަހަރެން ލޯބީގެ ގޮތުން ގުޅުނީމެވެ. ގާތްގަނޑަކަށް އަހަރެއްހާ ދުވަހު އެއްކޮށް އުޅުމަށްފަހު އަހަރުމެން ނިންމީ ކައިވެނި ކުރާށެވެ.

އަހަރެން އެންމެ ބޮޑަށް އުފާވީ ބޮޑުދައިތައާއި ދެން އެއްވެސް ކަމެއް ޖައްސަން ނުޖެހޭނެތީއާއި އަހަންނާއިހެދި ބޮޑުދައިތައަށް ކުރިމަތިވީ ކަންކަމުން ސަލާމަތް ވާނެތީއެވެ. އަހަރެން އުންމީދުކުރީ އުފާވެރި ކައިވެންޏަކަށެވެ.

ނަމަވެސް ކުރިމަތިވީ އަހަރެން ހީވެސް ނުކުރާ ކަހަލަ ކަމަކާއެވެ. ފިރިމީހާ އަކީ މާލޭގައި ގެދޮރު ހުރި ފޯރާ މީހަކަށްވުމުން އަހަރުމެން ދިރިއުޅެން ގަސްދުކުރީ އޭނައަށް ލިބިފައިވާ އެޕާޓްމަންޓުގައި ވަކިންނެވެ.
ކައިވެނީގެ ފުރަތަމަ ރޭ، އަހަރެން އެ ގެއަށް ލާފައި ފިރިމީހާ ކޮންމެވެސް ތަނަކަށް ދިޔައެވެ. ފޮނި އުންމީދުތަކަކާއެކު ކޮޓަރީގައި އަހަރެން އޭނާއަށް އިންތިޒާރު ކުރީމެވެ. ނަމަވެސް، އޭނާ ދިޔަތާ ދެ ގަޑިއިރު ފަހުން އަހަންނަށް ފެނުނީ ހިލޭ އަންހެނެއް ގޮވައިގެން އައިސް ގެއަށް އަހަރެމެންގެ ވަތްތަނެވެ. އެއަންހެންމީހާ އަކީ ދޮށީ އުމުރުގެ މީހަކަށްވުމުން އަހަރެން ހީކުރީ އެއީ އޭނަގެ ދައްތައެއް ކަމަށެވެ.
ފިރިމީހާ އަހަންނަށް އޭނާ ތަޢާރަފް ކޮށްދިނެވެ. ނަމަވެސް އޭނާވީ އަހަރެން ހީކުރި މީހަކަށް ނޫނެވެ. ފިރިމީހާ ބުނީ އެއީ އޭނަގެ ލޯބިވެރިޔާ ކަމަށާއި ދެމީހުން އެކަހެރި ވަގުތުކޮޅެއް ހޭދަކޮށްލަން ބޭނުންވާ ކަމަށެވެ.

އަހަންނަށް ލިބުނު ޝޮކަކާއި، ވަމުން ދިޔަ ގޮތެއް ނުވިސްނިގެން، ގަބުވެފައި ހުރެގެން ކޮޓަރިން ނިކުތީމެވެ. ސިޓިންގ ރޫމުގައި އަހަރެން އިނީ ރޯން ވެސް ނޭނގިފައެވެ. ގަޑިއިރެއްހާއިރު ފަހުން ކޮޓަރީ ދޮރުގައި ޓަކިޖަހާ، އަހަންނަށް ޖަވާބުދޭން ބުނީމެވެ. ދޮރު ހުޅުވާފައި އޭނަ ބުނީ އަންހެން މީހާގެއަށް ލާފައި އައިސް ކިޔައިދޭނެ ކަމަށެވެ.

އަނެއްކާވެސް އިންތިޒާރު ކުރީމެވެ. ފިރިމީހާ އައިސް އަހަރެން ގާތު ބުނީ، އެއަންހެން މީހާ ދެކެ ލޯބިވާ ކަމަށާއި ނަމަވެސް ފިރިމީހާގެ އާއިލާއާއި އަންހެންމީހާގެ ދަރިން ވެސް އެކަމަށް ނުޤަބޫލުތީވެ، އަހަަންނާއި ގުޅުން ބާއްވާ ކައިވެނި ކުރީ ކަމަށެވެ. ފިރިމީހާ އަންހެންމީހާ އާއެކު އުޅުނަސް އަހަންނަށް ބޭނުންވާ ކަންކަން ކޮށްދޭނެ ކަމަށް ވެސް ބުންޏެވެ.

އޭނަގެ ވާހަކައިގައި ޖެހިގެން އަހަރެން އެކަމާއި އަޅާނުލަން އެއިރު ނިންމީމެވެ. ނަމަވެސް ފިރިމީހާ ހިލޭ އަންހެނެއް ކައިރިއަށްދާން ކެތް ނުވެގެން، އޭނާއާއި ދެ އަނތްބަށް ކައިވެނިކުރަން ބުނީމެވެ. އެއީ ފިރިމީހާއަށް ފާފަ ލިބެން ބޭނުންނުވާތީ އާއި އަހަންނަށް ވެސް އިތުރު ގޮތެއް ނެތިގެންނެވެ.

މިހާރު އަހަރެންގެ ފިރިމީހާ އުޅެނީ ދެއަނތްބަށް އެއަންހެން މީހާއާއި ވެސް އިނދެގެންނެވެ. އޭނާ ބަހައްޓާފައި ހުންނަނީ ތަނެއް ކުއްޔަށް ހިފައިގެންނެވެ. ގިނަ ވަގުތު އޭނައާއާއެކު ހޭދަކުރިޔަސް އަހަންނަށް ކުރަންވާ ޚަރަދުތައްވެސް ކުރެއެވެ. އަހަންނާއި ދިމާލަށް ބާރަށް އެއްޗެއް ބުނެއެއް ނުހަދައެވެ.
މިއީ އަހަރެން އެންމެ ބޭނުންވި ދިރިއުޅުން ނޫނަސް، އެގޮތަށް ވެސް އަހަރެން ރުހުނީމެވެ.”

Ads by Ooredoo
  1. ކުޑަ އަލީ

    ހިތް ތިރި ކިޔަމަންތެރި ކުއްޖެ ފާގަތި ދުވަސްތަކަށް އެދެން

  2. ސާބަސް

    ކަމަނާއައްއުފާވެރިދުވަސްތަކެއްމިންވަރުކުރައްވައިފާދޭވެ

  3. ާިއަލީ

    ހެޔޮ ރަހުމަތް ލައްވާށި..

  4. އެކަނިވެރިޔާ

    މާތް ﷲ ގެ ރަހުމަތުން އުންމީދު ކަނޑާނުލާ…..މިދުނިޔޭގެކޮންމެކަމަކީވެސް އިމްތިހާނެއް