އަމީތާބުގެ ފުރަތަމަ މުސާރަ އަކީ އެންމެ 400 ރުޕީސް
ބޮލީވުޑް ތަރިން މަޝްހޫރުކަން ހޯދުމުގެ ކުރިން ދިރިއުޅުނު ދެރަ ހާލުގެ ވާހަކަ ދޭތެރެ ދޭތެރެއިން ކިޔައިދެ އެވެ. ބައެއް މަޝްހޫރު ތަރިން ސިނަމާއަށް ތައާރަފުވުމުގެ ކުރިން ދިރިއުޅުނީ ނިކަމެތި ހާލުގަ އެވެ.
ބޮލީވުޑްގައި މިވަގުތު ހުރި އެންމެ މުއްސަނދި އަދި އެންމެ ކާމިޔާބު އެއް ތަރިއަކީ އަމީތާބު ބައްޗަން އެވެ. 70 ގެ އަހަރުތަކުން ފެށިގެން މިއަދާ ހަމައަށް ދެގޮތެއް ނުވެ ފިލްމުތަކުގައި މޮޅެތި ރޯލުތައް ކުޅެމުން އަންނަ އަމީތާބަކީ މިހާރު މިލިއަނަރެކެވެ.
އެހެންނަމަވެސް އޭނާ ފިލްމު ކުޅެން ފެށުމުގެ ކުރިން ދިރިއުޅުނީ އަށް ފިރިހެން ކުދިންނާއިއެކު ކުޑަ ކޮޓަރިއެއްގެ ތެރޭގައި ޕޫނޭގަ އެވެ. ގިނަ ދުވަސް ދުވަހު ނިދަނީވެސް ތަޅުންގަނޑުގައި ކުނާ އަޅައިގެންނެވެ.
އޭނާ ފުރަތަމަ ވަޒީފާ އަދާކުރީ ކޮލްކަތާގަ އެވެ. އޭރު މުސާރައަކަށް ލިބެނީ 400 އިންޑިއަން ރުޕީސް އެވެ.
އަމީތާބު ކިޔައިދިން ގޮތުގައި ދިރިއުޅުން ބަދަލުވީ އޭނާގެ ހުވަފެންތަކުގައި ކުލަ ޖެއްސުމުގެ ނިޔަތުގައި މުމްބާއިއަށް ދިޔަ ހިސާބުންނެވެ. އެހެންނަމަވެސް ކުއްލިއަކަށް ނޫނެވެ. އެތައް އަހަރެއް ވަންދެން އޭނާ މުމްބާއީގައިވެސް ދެރަ ހާލުގައި އުޅުނެވެ. އެކަމަކު ހިތްވަރު އެލުވައެއް ނުލަ އެވެ.
އެންމެ ފަހުން ފިލްމު "ސާތު ހިންދުސްތާނީ" އިން ލިބުނު ފުރުސަތުގައި ރިހި ސްކްރީނަށް އަމީތާބު ނިކުތީ 1969 ވަނަ އަހަރެވެ. އޭގެ ފަހުން ގިނަ އަހަރުތަކެއް ނުވެ އެކްޝަން ފިލްމުތަކުން އަމީތާބު އޭނާގެ ޖާގަ ކަށަވަރު ކުރި އެވެ. "ޒަންޖީރް" އަދި "ޑޯން" ފަދަ ކާމިޔާބު ފިލްމުތަކުގައި އަމީތާބު ދެއްކި މޮޅު އެކްޓިން އިން ބެލުންތެރިންގެ ލޯބި އޭނާ ހޯދި އެވެ.
އަމީތާބުގެ އެންމެ ފަހުން ރިލީޒްވި ފިލްމަކީ "ކަލްކީ" އެވެ. މިފިލްމު ބޮޑު ކާމިޔާބީއެއް ހޯދި އެވެ. މިއަހަރު އޭނާގެ އިތުރުން ދެ ފިލްމެއްވެސް ފެންނާނެ އެވެ. އެއީ "ސެކްޝަން 84" އާއި "ވެއްޓައިޔާން" އެވެ.