ޚަބަރު ސަރުކާރު

ތުރުކިޔޭއަށް ކަނޑައެޅުއްވި ޢަބްދުއްރަޙީމް، ސަފީރުކަމުގެ ފަތްކޮޅު އުރްދުޣާނަށް އަރުވައިފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ތުރުކިޔޭއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޢަބްދުއްރަޙީމް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ތުރުކިޔޭގެ ރައީސް އުރްދުޣާނަށް ވަނީ އަރުވާފައި / ފޮޓޯ:ފޮރިން މިނިސްޓްރީ

ދިވެހިރާއްޖެއިން ރިޕަބްލިކް އޮފް ތުރުކިޔޭއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ލެފްޓެނަންޓް ޖެނެރަލް (ރޓ) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ތުރުކިޔޭގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާނަށް އަރުވައިފި އެވެ.

Ads by Sosun Fihaara

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވަވާފައި ވަނީ އަންކާރާގައި ހުންނަ ރައީސްގެ ރިޔާސީ ގަނޑުވަރުގަ އެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު ބޭއްވެވި ބައްދަލުވުމުގައި ސަފީރު ޢަބްދުއްރަޙީމް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން އުރްދުޣާނަށް ތަހުނިޔާ އާއި ހެޔޮއެދުން އަރިސްކުރައްވައި، ތުރުކިޔޭއިން ދިވެހިރާއްޖެއަށް ވެދެއްވަމުންގެންދާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި އެކި ދާއިރާތަކުން ރާއްޖެ އާއި ތުރުކިޔޭ އާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ގުޅިގެން މަސައްކަތް ކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު އުރްދުޣާނަށް އެރުވި އެވެ.

ރާއްޖެއިން ތުރުކިޔޭއަށް ކަނޑައަޅުއްވާ ސަފީރުގެ މަގާމާ ޢަބްދުއްރަޙީމް ހަވާލުވެވަޑައިގަތުމުން އެމަނިކުފާނަށް އުރްދުޣާން ތަހުނިޔާ ވިދާޅުވި އެވެ. އަދި ރާއްޖެ އާއި ތުރުކިޔޭ އާ ދެމެދު އޮތް ގާތްގުޅުން އިތުރަށް ބަދަހިކުރުމުގެ މަސައްކަތުގައި އެމަނިކުފާނުގެ ފުރިހަމަ އެއްބާރުލެއްވުން ލިބިވަޑައިގަންނަވާނެކަން ކަށަވަރު ކޮށްދެއްވި އެވެ.

ސަފީރު ޢަބްދުއްރަޙީމަކީ ރާއްޖޭގެ އަސްކަރީ ދާއިރާގެ އެކި މަގާމުތަކުގައި މެދުނުކެނޑި 39 އަހަރު ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. ރާއްޖޭން ތުރުކީއަށް ކަނޑައަޅުއްވާ ފުރަތަމަ ރެޒިޑެންޓް ސަފީރުކަމުގެ ގޮތުގައި އައްޔަން ކުރުމުގެ ކުރިން އެމަނިކުފާނު ހުންނެވީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގަ އެވެ.

ޢަބްދުއްރަޙީމްގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތުގައި އެމަނިކުފާނުގެ އަރިހުގައި އަނބިކަނބަލުން އާމިނަތު ދިހްޝާނާ އާއި ތުރުކިޔޭގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ފަސްޓް ސެކްރެޓަރީ، އާމިނަތު ޝަޒްލީ ސަލީމް އަދި ސެކަންޑް ސެކްރެޓަރީ އިސްމާއީލް ނިޔާޒް ބައިވެރިވެވަޑައިގަތެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!