ޚަބަރު ސިޔާސީ

އިންޑިއާ ދަރަންޏަށް ލުއި ހޯދަން ރައީސް އެދެން ޖެހޭ، އޭރަށް ޗައިނާއިން މުޅި ދަރަންޏަށް މާފު ދޭނެ: ޔާމީން

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ޕީއެންއެފުން ބޭއްވި ޖަލްސާއެއްގައި ޔާމީން ވާހަކަ ދައްކަވަނީ / ފޮޓޯ:ދެން އިމޭޖްސް

އިންޑިއާއިން ނަގާފައިވާ ދަރަނީގެ ބަޔަކަށް މާފު ކުރުމަށާއި ބާކީ ބައި ރީސްޓްރަކްޗާކޮށްދިނުމަށް ރާއްޖޭން އެދެން ޖެހޭ ކަަމަށާއި އެކަން އެހެން ވެއްޖެ ނަމަ ޗައިނާއިން ދީފައިވާ ދަރަންޏަށް މާފުދޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

Ads by Sosun Fihaara

ހޮންކޮންގްގެ ކްރެޑިޓް ރޭޓިން އެޖެންސީ ފިޗްއިން ރާއްޖޭގެ ރޭޓިން "ސީސީސީ ޕްލަސް" އިން "ސީސީ" އަށް ދަށް ކުރުމާ ގުޅިގެން, ރޭޓިން މަތިކުރަން ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ރާއްޖޭގެ ރަސްމީ ރިޒާވް ރަނގަޅު ކުރަން އިންޑިއާ އާއެކު ކަރަންސީ ސްވަޕް އެގްރިމެންޓަކަށް ދިއުމަށް ތައްޔާރުވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވަނީ ހާމަކޮށްފަ އެެވެ.

ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އިން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ ދިމާވެފައި މިވާ އިގުތިސޯދީ ދަތިކަމުން އަރައިގަތުމަށް އިންޑިއާގެ އެހީ ހޯދުމާ މެދު އެމަނިކުފާނުގެ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. އިންޑިއާ އާ މެދު އެމަނިކުފާނުގެ އޮތް ނުތަނަވަސްކަމަކީ އެ ގައުމުގެ އަސްކަރިއްޔާ ރާއްޖޭގައި ދާއިމީ ގޮތެއްގައި ތިބޭ ތިބުން ކަމަށެވެ. އެނޫން އެއްވެސް މައްސަލައެއް އިންޑިއާ އާ މެދު ނެތް ކަމަށެވެ.

ވިދާޅުވި ގޮތުގައި ރާއްޖޭގެ ދަރަނި މައިގަނޑު ގޮތެއްގައި އޮތީ ދެ ގައުމަކަށް ކަމުގަ އެވެ. އެއީ ޗައިނާ އަދި އިންޑިއާއަށް ކަމުގަ އެވެ. އިންޑިއާއިން ނަގާފައިވާ ދަރަންޏަށް ލުއިދޭން ޖެހޭ ކަމަށާއި އެކަމަށް ސަރުކާރުން އެދެން ޖެހޭ ކަމުގަ އެވެ.

"އިންޑިއާއިން އަޅުގަނޑުމެންނަށް އޮތް ދަރަނީގެ 75 ޕަސެންޓް. 3/4 ބައި މާފުކޮށްދީ. މާފުކޮށްފައި އަނެއް 1/4 ބައި، 25 ޕަސެންޓް ދިގު މުއްދަތަކަށް ދަންމާލައިގެން އަޅުގަނޑުމެންނަށް ދެއްކޭނެ ގޮތަށް އޭތި ރީސްޓްރަކްޗާކޮށްދީ،" ޔާމީން ވިދާޅުވި އެވެ.

އެކަމަކީ އިންޑިއާއަށް ކޮށްދެވިދާނެ ކަމެއް ކަން ފާހަގަކުރައްވާ ޔާމީން ވިދާޅުވެފައި ވަނީ ސްރީ ލަންކާއަށް ދިމާވި އިގުތިސޯދީ ދަތިކަމުގައި އެގައުމަށް އިންޑިއާ ސަރުކާރުން ހަތަރު ބިލިއަން ޑޮލަރު ދިން ކަމަށެވެ. ރާއްޖެއަކީ އިންޑިއާގެ ގާތް ގައުމަކަށްވާއިރު އަދި އެމަނިކުފާނު އެ ގައުމުގެ އަސްކަރިއްޔާ ރާއްޖޭގައި ތިބުމާ ދެކޮޅު ހެއްދެވި ނަމަވެސް މިއަދު އެކަންކަން ދޫކޮށްލާފައި އެހީއަށް އެދެން ޖެހޭ ކަމަށެވެ.

"މުއިއްޒު އެބަ ޖެހޭ އިންޑިއާގައި ވިދާޅުވާން. އަދި ވިދާޅުވެފައި ދިވެހި ރައްޔިތުން ކައިރީގައި ވިދާޅުވާން އެބަ ޖެހޭ ތިމަންނަ އިންޑިއާގައި އެދިއްޖައީމޭ،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވަނީ އިންޑިއާއިން ނަގާފައިވާ ދަރަނީގެ 75 އިންސައްތަ މާފުކޮށްދިނުމާ އެކު ބާކީ އޮންނަ ބައި ރީސްޓްރަކްޗާކޮށްދީފި ނަމަ، ޗައިނާއިން ދީފައިވާ ދަރަނި އެއްކޮށް މާފުކޮށްދޭނެކަން ފާހަގަކުރައްވާފަ އެވެ.

އިތުރަށް ވިދާޅުވީ ކަންކަމަށް ފާޑުކިޔުއްވި ނަމަވެސް ރަނގަޅު އިސްލާހެއް އައިސްފިނަމަ އެކަމަކަށް މަރުހަބާ ވިދާޅުވާނެ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!