ޚަބަރު

ހަދަމުންދާ އިމާރާތަކަށް އަރާ އުޅުނީ "ކޮވިޑް ހޯދާކަށް" ނޫން! ހައުސިންގ ޔުނިޓުގެ މަސައްކަތް މޮނީޓާ ކުރަން!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޅ. ނައިފަރު ކައުންސިލުން މިއަދު އެރަށުގައި ހަދަމުންދާ އިމާރަތަކަށް ޕީޕީއީ ކިޓުގައި ދިޔައީ، އެތަށުގައި ސަރުކާރުން ހަދަމުންދާ ހައުސިންގ ޔުނިޓުގެ މަސައްކަތްތައް މޮނީޓާ ކުރަން ކަމަށް އެރަށު ކައުންސިލުން މައުލޫމާތު ދީފިއެވެ.

Ads by Hajj Corporation

ނައިފަރު ކައުންސިލުގެ މެންބަރު މުޙައްމަދު ކަރީމް ވިދާޅުވީ އެއީ ސަރުކާރުން ނައިފަރުގައި އަޅާ ހައުސިންގ ޔުނިޓުގެ ޕްރޮޖެކްޓެއް ކަމަށާއި ދިޔައީ އެތަން މޮނީޓަރ ކުރަން ކަމަށެވެ.

"ދެވަނަ ބްލޮކްގެ ފުރަތަމަ ފަންގިފިލާގައި ކޮންކްރީޓު އަޅަން ހަދާފައި ހުންނަތާ ދެތިން ހަތަރު ދުވަހެއް ވެއްޖެ. ވާގޮތަކީ ލޮކްޑައުންގައި ހައުސިންގ މިނިސްޓްރީގެ ބޭފުޅުންނެއް ނާދޭ. ކައުންސިލަށް އަންގާފައިވަނީ ކައުންސިލުން ގޮސް ބަލައި ޗެކް ކޮށްލާފައި އޯކޭ ދިނީމަ ކޮންކްރީޓް އަޅާނެ ކަމަށް." ކަރީމް ވިދާޅުވިއެވެ.

އެމަސައްކަތް ޗެކް ކުރަން ޕީޕީއީ ކިޓުގައި ކައުންސިލުން އެއިމާރާތައް އަރައިގެން އުޅުމުން މީސްމީޑިއާގައި ބައެއް ފަރާތްތަކުން ވަނީ ފާޑު ކިޔާފައެވެ. އެގޮތުން ބައެއް ފަރާތްތަކުން ބުނީ އެއިމާރާތަށް އަރައިގެން ކައުންސިލުން "ކޮވިޑް ހޯދަނީ" ކަމަށެވެ.

"މިދޭތެރެއިން މަސައްކަތް ހަލުވި ކުރަން ވެގެން އާރްޓީސީން ގެނައި އެމީހުންގެ ލޭބަރުންތަކެއް. އެމީހުން ތިބެނީ ވެސް އެތަނުގައި ކަރަންޓީނު ކޮށްފައި. އެތަނުން އެންމެ ފަހުން ގެނައި ލޭބަރުން ތެރެއިން އެކަކު 14 ދުވަސް ވެގެން ސާމްޕަލް ނެގިއިރު ނަތީޖާ ފައްސި. އެހެންވެ އެތަން ހުންނަނީ ހުންނަނީ ކަރަންޓީނަށް ލާފަ. ކަރަންޓީނަށް ލާފައި އޮންނާތީ ރައްކާތެރިވުމުގެ ގޮތުން ފިޔަވަޅު އަޅައިގެން ކައުންސިލުން ދިޔަ ބޭފުޅުން ދިޔައީ" ކަރީމް ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!