ސިނަމާތަކަށް ވަންނަ މީހުން އިތުރުކުރަން އާމިރުގެ ނިންމުމެއް
ބޮލީވުޑް ފިލްމުތައް ބަލަން ސިނަމާތަކަށް ވަންނަ މީހުން މަދުވާކަމަށް ފާހަގަކުރެވި އެކަން ހައްލުކުރަން އެކްޓަރު އާމިރު ހާން ފިޔަވަޅެއް އަޅަން ނިންމައިފި އެވެ.
މުޅި ދުނިޔޭގެ ޑިޖިޓަލް ޓެކްނޮލޮޖީއަށް އައި ބަދަލުތަކާއި ގުޅިގެން ސިނަމާތަކަށް ވަންނަ މީހުންގެ އަދަދު ވަނީ ބޮޑުތަނުން ދަށަށް ގޮސްފަ އެވެ. މީގެ އެންމެ ބޮޑު ސަބަބަކީ ސްޓްރީމް ކުރާ ޕްލެޓްފޯމުތައް ގިނަވުމެވެ.
ބޮލީވުޑް އަދި ހޮލީވުޑް ފިލްމުތައް ސިނަމާތަކުގައި ރިލީޒް ކުރުމުގެ ކުރިން އޮންލައިންކޮށް ސްޓްރީމް ކުރުމަށް ކޮންމެވެސް ޕްލެޓްފޯމަކާއިއެކު މިހާރު އޮންނަނީ ޑީލް، ސީލްކޮށްފަ އެވެ. މީގެ ސަބަބުން ނެޓްފްލިކްސް، ޕްރައިމް ނުވަތަ ހޮޓްސްޓާގައި ރިލީޒް ކުރުމުން ބަލަން ތިބޭ މީހުންގެ އަދަދު އިތުރުވި އެވެ.
މިކަން ހައްލު ކުރުމަށް އާމިރު ވަނީ ބޮޑު ނިންމުމެއް ނިންމައިފަ އެވެ. އެގޮތުން އޯޓީޓީ އެއްވެސް ޕްލެޓްފޯމަކާއިއެކު ފިލްމެއްގެ ޑީލް ހަދާނީ ސިނަމާތަކުގައި ދެއްކުމަށްފަހު ކަމަށް އާމިރު ވަނީ ނިންމައިފަ އެވެ. ފިލްމު ސިނަމާގައި ރިލީޒް ކުރުމުގެ ކުރިން އެއްވެސް ޕްލެޓްފޯމަކާއިއެކު އެއްބަސްވުމެއްގައި ސޮއި ނުކުރަން އާމިރު ނިންމައި އެގޮތަށް ވަނީ އަންގައިފަ އެވެ.
މިއީ މިފަދަ ނިންމުމެއް ބޮލީވުޑްގައި ހެދި ފުރަތަމަ ޕްރޮޑިއުސަރެވެ. އެހެންނަމަވެސް އެހެން ޕްރޮޑިއުސަރުންވެސް މިގޮތަށް ނިންމައިފާނެކަމަށް ބެލެވެ އެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމަށްފަހު 2022 ވަނަ އަހަރު ރިލީޒް ކުރި އާމިރުގެ "ލާލް ސިންގް ޗައްޑާ" ސިނަމާތަކުގައި އެޅުވުމުގެ ކުރިން ނެޓްފްލިކްސް އާއިއެކު އޮތީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. މީގެ ސަބަބުން ސިނަމާތަކަށް އެ ފިލްމު ބަލަން ވަން މީހުންގެ އަދަދު ވަރަށް މަދުވި އެވެ. "ލާލް ސިންގް ޗައްޑާ" އަކީ މިފަހުގެ ތާރީހެއްގައި ރިލީޒްކުރި އާމިރުގެ އެންމެ ބޮޑު ފްލޮޕް ފިލްމެވެ.
ދެން އެންމެ އަވަހަށް ރިލީޒް ކުރާނީ އާމިރު ހާންގެ "ސިތާރޭ ޒަމީން ޕަރް" އެވެ. މިފިލްމު ޕްރޮޑިއުސްވެސް ކުރަނީ އޭނާ އެވެ. ފިލްމު ސިނަމާތަކުގައި ދައްކަން ހަމަޖެހިފައިވަނީ މި އަހަރުގެ ޑިސެމްބަރު މަހު އެވެ.