މީހުން މާތް ކުރަން ވާނީ ދީނުގައި އޮންނަ މިންވަރަށް، ނޫނީ ޝިރުކަށް މަގުފަހިވެދާނެ: ހުތުބާ
އަހަރެމެން އެކި ފަރާތްތައް މާތް ކުރަން ވާނީ އިސްލާމް ދީނުގައި ހުއްދަ ކުރައްވާފައިވާ މިންވަރަށް ކަމަށާއި އެ ނޫން ގޮތަކަށް އެކަން ކުރުމަކީ ޝިރުކުކުރުމަށް މަގުފަހިވެދާނެ ކަމެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
ޝިރުކުކުރުމުން ދުރުހެލިވުމުގެ މައްޗަށް އަލިއަޅުވާލައި ހުތުބާގައި ބުނީ މާތް الله ހައްދަވާފައިވާ މަހުލޫގުން ކުރެ، އިންސާނާ ކުރާ އެންމެ ބޮޑު ފާފައަކީ އެ އިންސާނާ ހައްދަވައި ބޮޑުކުރައްވައި އޭނާއަށް ބޭނުންވާ އެންމެހާ ކަމެއް ފުރިހަމަ ކޮށްދެއްވި الله އަށް ޝަރީކު ކުރުން ކަމަށެވެ. ނުވަތަ އެކަލާނގެ އާ، އެކަލާނގެ މަހުލޫގުންނާ ހަމަހަމަ ކުރުން ކަމަށެވެ. ނުވަތަ އަޅުކަމުގައި ބައިވެރި ކުރުން ކަމަށެވެ. الله އިންސާނުންގެ ގާތަށް ފޮނުއްވި އެންމެހާ ރަސޫލުން ވެސް ގޮވާލައްވާފައި ވަނީ އެކަލާނގެ އެއްކައުވަންތަކަން ގަބޫލު ކުރުމަށާއި އެކަލާނގެއަށް ޝަރީކު ނުކުރުމަށް ކަމަށެވެ.
ކަން މިހެން ހުރި ކަމުގައި ވިނަމަވެސް، އެކި ގޮތްގޮތުން ﷲ އާ ޝަރީކުކުރާ މީހުން މި ދުނިޔޭގައި މަދު ނޫން ކަމަށެވެ. އެއް ބަޔަކު ޝަރީކުކުރަނީ އެބައިމީހުންނާއި އެކަލާނގެ އާ ދެމެދު ގުޅުން ބެހެއްޓުމަށް ޓަކައި ބޭނުންކުރާ ވަސީލަތެއްގެ ގޮތުގައި ކަމަށެވެ. އަނެއް ބަޔަކު އެކަލާނގެއަށް ޝަރީކުކުރަނީ އެކަލާނގެ ހެއްދެވި ބައެއް މަހުލޫގުންނަކީ އެކަލާނގެއަށް ލިބިވޮޑިގެންވާ ފަދަ ބާރުތަކަކާއި ކުޅަދާނަ ކަމަކާއި އިހުތިޔާރުތަކެއް ލިބިގެންވާ ފަރާތްތަކެއް ކަމަށް ގަބޫލުކޮށްގެން ކަމަށެވެ. މި ހުރިހާ ކަމަކީ ވެސް އެބައިމީހުން ކުރާ ދޮގު ދައުވާތަކެއްކަން ހުތުބާގައި ވަނީ ފާހަގަކޮށްފަ އެވެ.
މަރުވުމުގެ ކުރިން ތައުބާނުވާ ނަމަ الله ނުފުއްސަވާނެ ކަމަށް އަންގަވާފައިވާ ހަމައެކަނި ފާފައަކީ އެކަލާނގެއަށް ޝަރީކުކުރުމެވެ. މިކަން ބަޔާންކުރައްވާ މާތް الله ވަހީކުރެއްވި އެވެ.
"ހަމަކަށަވަރުން الله، އެކަލާނގެއަށް ޝަރީކުކުރުންމަތީ މަރުވާ މީހާގެ ފާފަ ނުފުއްސަވާނެތެވެ. އެ ނޫން ފާފަތައް، އެކަލާނގެ އިރާދަކުރައްވާ މީހަކަށް ފުއްސަވަތެވެ. އަދި، الله އަށް ޝަރީކުކުރާ މީހާ (ދަންނާށެވެ!) ފަހެ، އެ މީހާ ބޮޑުވެގެންވާ ފާފައަކަށް އަރައިގެންފިކަން ކަށަވަރެވެ."
މިއަދުގެ ހުތުބާގައި ބުނި ގޮތުގައި ކީރިތި ގުރްއާނާއި ކީރިތި ރަސޫލާގެ ހަދީސްފުޅުތަކުގެ މައްޗަށް ބުރަވެ، އިލްމުވެރިން އެއްބަސްވެ ވަޑައިގެންފައި ވަނީ ކުރާ ހެޔޮ އަމަލުތައް ގަބޫލުކުރެއްވުމުގައި ދެ ޝަރުތެއް ފުރިހަމަވާން ޖެހޭ ކަމުގަ އެވެ. އެ ދެ ޝަރުތު ފުރިހަމަ ނުވާ ނަމަ އެ އަމަލެއް ގަބޫލު ނުކުރެއްވޭނެ ކަމުގަ އެވެ. ފުރަތަމަ ޝަރުތަކީ، ނިޔަތް الله އަށް ހާލިސް ކުރުން ކަމުގަ އެވެ. އެކަމުގައި އެއްވެސް ކަހަލަ ކަންދެއްކުމެއް އަމިއްލަ އެދުމެއް ނެތުން ކަމުގަ އެވެ. ދެވަނަ ޝަރުތަކީ، އެކަމަކީ ޝަރުއީ ދަލީލަކުން ސާބިތުވާ ކަމަކަށްވުން ކަމުގަ އެވެ.
މީހަކު ކުރާ އަމަލެއްގައި ޝަރީކު ކުރުމާއި ކަންދެއްކުމާ އަދި އެނޫން ވެސް އެފަދަ އެހެން ކަންތައް ވާނަމަ، އެ އަމަލެއް الله ގަބޫލު ނުކުރައްވާނޭކަން ބަޔާންކުރައްވައި އެކަލާނގެ ވަހީކުރައްވާފައިވެ އެވެ.
"ޝިރުކުކުރުމަކީ ހަމަ އެކަނި ބުދަށް އަޅުކަން ކުރުމެއް ނޫނެވެ. އަދި އެ ނޫން ވެސް އެފަދަ ތަކެއްޗަށް ސަޖިދަކުރުމެއް ވެސް ނޫނެވެ. އަހަރެމެންނަށް ނޭނގި އަހަރެމެން ހީވެސް ނުކުރާ ފަދަ ގޮތްގޮތަށް ޝިރުކުކުރެވެ އެވެ،"
އަހަރެމެން މުސްލިމުން ކަންތައް ކުރަންވާ ގޮތް އަހަރެމެންގެ ދީނުގައި ވަނީ ވަރަށް ފުރިހަމައަށް ބަޔާންކުރައްވައި އަންގަވާފައިކަން ފާހަގަކޮށް ހުކުރު ހުތުބާގައި ބުނީ އަހަރެމެން އެކި ފަރާތްތައް މާތް ކުރަން ވާނީ މާތްވެގެންވާ އިސްލާމް ދީނުގައި ހުއްދަ ކުރައްވާފައިވާ މިންވަރަށް ކަަމަށެވެ. ކީރިތި ގުރްއާނާއި ކީރިތި ރަސޫލާގެ ހަދީސްތަކާ ހިލާފުވާ ގޮތަކަށް އެކި ފަރާތްތައް މާތް ކުރުމަކީ ޝިރުކުކުރުމަށް މަގުފަހިވެދާނެ ކަމެއް ކަމަށެވެ. އެހެންކަމުން ހެޔޮ އަމަލު ކުރުމުގެ ނަމުގައި އެފަދަ ވިޔާނުދާ އަމަލުތަކަށް އަރައިނުގަތުމަށް ހުތުބާގައި ވަނީ ގޮވާލާފަ އެެވެ.