ރާއްޖޭ ކުޅިވަރު ރިޕޯޓް ކުޅިވަރު

އޯލެވެލްގެ 9ވަނަ، މާ މައްޗަކަށް ފުންމަމުން އެ ހެދީ ގައުމީ ރެކޯޑް!

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން

ކުޅިވަރުގެ އެންމެ އުސް ހަރުފަތްތަކަށް އަރަން ބޭނުންވާ ނަމަ ، ކިޔެވުން އެއްކައިރި ކޮށްލައި ކުޅިވަރަށް އެކަނި ހުސްވާން ޖެހޭ ހެއްޔެވެ؟ ނޫނީ ކިޔެވުމުގައި މަތީ ގްރޭޑްތައް ހޯދަން އެދޭ ނަމަ ދަނޑުތަކުން ، އެއްކޮށް ގެއްލި ، މޭޒު ދަށުގައި އަބަދު އިންނަން ޖެހޭ ހެއްޔެވެ؟

Ads by STELCO

މިއީ ރާއްޖޭގެ އެންމެ ދެކުނުގައި އޮތް އައްޑޫ ސިޓީއަށް އުފަން އެންމެ 19އަހަރުގެ އައިޝަތު ޝައިމް ޢަޒީޒްގެ ވާހަކައެވެ. އިހަށް އޮތް ރެކޯޑްތަކަށް ހަނާ އަޅަމުން އަދި މާ މައްޗަކަށް ފުންމަމުން ގޮސް އެވޯޑިން ސްޓޭޖްގައި އަލިއަޅުވައިލައިފައި ހުރި އެހެރަ ޝައިމް މި ސުވާލުތަކަށް ނޫނެކޭ ބުނެ އޭނާ އެ ދެނީ އަދި މާ ވަރުގަދަ މެސެޖެކެވެ. އެކީ އެއްފަހަރާ ކިތަންމެ ކުޅިވަރެއްގައި ވެސް ކުރިއަރައި ދެވިދާނޭ ކަމާއި ކާމިޔާބަށް އޮތް މަގަކީ ނެތް އެއްޗެއްގެ ވާހަކަ ނުދައްކައި އޮތް އެއްޗެއްގައި ހިފުންކަން އޭނާ މި ސާބިތުކޮށްދެނީ އެތައް ގިނަ ވަގުތަކާއި ހަކަތައެއް އަންދައިގެންނެވެ. އަމާޒު ކަސިޔާރުނުވެ ހުރެ ، ބުރަ މަސައްކަތްކޮށްގެންނެވެ.

އެންމެ ކުޑައިރުއްސުރެ ކުޅިވަރުގެ ތެރޭގައި އުޅޭ ޝައިމްގެ ފުރަތަމަ ޝައުގަކީ ނެޓްބޯޅައެވެ. އެންމެ 12އަހަރުގައި އޭނާ ވަނީ އައްޑޫސިޓީގައި ބާއްވާ ނެޓްބޯޅަ މުބާރާތްތަކުގައި ވާދަކޮށް އޭނާ ވަނީ ނެޓްބޯޅައިގައި އައްޑޫގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނިފައެވެ.

އެތްލެޓިކްސްގެ ތެރެއަށް ޝައިމްއަށް ވަދެވުނީ 2011ވަނަ އަހަރު ފުވައްމުލަކުގައި އޮތް އިންޓަރ ސްކޫލު މުބާރާތުންނެވެ. ހާސިލްކުރެވިދާނެ މަގާމަކާ މެދު ނުވިސްނައި އޭނާ ފުވައްމުލަކަށް ދިޔައީ ވީ އެންމެ ރަނގަޅަކަށް ޕާފޯމްކުރުމުގެ އަމާޒުގައެވެ. ނަމަވެސް ކަންދިމާވީ މާ ރަނގަޅަށެވެ. ފުވައްމުލައް ވެގެން ދިޔައީ ޝައިމް ފިޔަ ޖަހައިލި ފަސްގަނޑަށެވެ. އެ މުބާރާތުން އޭނާ ވަނީ ލޯންގުން ޖަމްޕުން ރަންމެޑެލާއި 80 މީޓަރުގެ ދުވުމުން ބްރޯންޒް މެޑަލް ހޯދައިފައެވެ. އެއާ އެކު އައްޑޫ ޔޫތު ޓީމުން ތަމްރީންތައް ހެދުމުގެ ފުރުސަތު އޭނާއަށް ލިބިގެން ދިޔައެވެ.

ފުވައްމުލަކު ޓްރެކުން ގައުމީ ރެކޯޑްތަކަށް

އައްޑޫ ޔޫތު ޓީމްގައި ތަމްރީންތައް ހަދަމުން އަހަރަކަށް ފަހު އަހަރެއްގައި ޝައިމް ވަނީ ކުރިއެރުންތައް ހޯދައިފައެވެ. ލިބޭ މަދު ވަސީލަތްތަކާއި އެކު އެންމެ އެކަށީގެންވާ ތަމްރީންތައް ނުހެދުނު ނަމަވެސް އޭނާ ވަނީ 2019ވަނަ އަހަރުގެ ގައުމީ މުބާރާތުގައި ވާދަކޮށްފައެވެ. އެއީ ގައުމީ ލެވެލްގައި ބައިވެރިވި ފުރަތަމަ މުބާރާތް ނަމަވެސް އޭނާ ވަނީ ލޯންގް ޖަމްޕުން ރަން މެޑަލް ހޯދައި އެއާ ޖެހިގެން އައި ގްރޭންޑް ޕްރިކްސްގައި ވެސް ރަން މެޑަލް އަޅުވައިލައިފައެވެ. ހަމައެހެންމެ އިންޓަރސްކޫލް މުބާރާތްތަކުގައި ބައިވެރިވެ އޭނާ ވަނީ އެންމެ މޮޅު އަންހެން އެތުލީޓްގެ މަގާމު ދެ އަހަރު ހޯދައިފައެވެ. މީގެ އިތުރުން މި ދިޔަ އަހަރުގެ އިންޓަރސްކޫލް މުބާރާތުގައި ލޯންގް ޖަމްޕުން ރަން މެޑަލް ހޯދައިފައެވެ. އަދި ޝައިމް ވަނީ މި ދިޔަ އަހަރުގެ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި ވެސް ވިދައިލާ އެންމެ މޮޅު އަންހެން އެތުލީޓްގެ މަގާމް ހޯދައިފައެވެ.

މި ހުރިހައި މެޑަލްތަކެއްގެ އިތުރުން ޝައިމް ވަނީ މި އަހަރުގެ ގައުމީ މުބާރާތުގައި ދުރަށް ފުންމައިގެން މަރިޔަމް ރުޔާ ޢަލީ އަތުގައި އޮންނަ ގައުމީ ރެކޯޑް ވެސް އޭނާގެ ނަމަށް ބަދަލުކޮށްލައިފައެވެ. 5.19 މީޓަރަށް ފުންމައިގެން ރުޔާ ހަދައިފައި އޮތް މި ރެކޯޑް ޝައިމް މުގުރައިލީ 5.2މީޓަރަށް ފުންމައިގެންނެވެ.

އެންމެ 19އަހަރުގެ ޝައިމްގެ ކެރިއަރުގެ މިއީ އަދި ފެށުންކަމުގައި ވީ ނަމަވެސް އޭނާގެ މިހާރުގެ އަމާޒަކީ ސަރަހައްދީ ފެންވަރުގައި ލޯންގް ޖަމްޕުން މެޑަލްއެއް ހޯދުމެވެ.

އުޒުރެއް ނެތް، ކޯޗްގެ އިރުޝާދަކީ ލިބިފައި އޮތް އެއްޗަކަށް ޝުކުރުވެރިވުން

ސަރަހައްދީ ފެންވަރުގެ މެޑަލްއެއް ހޯދުމަކީ ބުރަ އަދި ބޮޑު މަސައްކަތެއް ނަމަވެސް ޝައިމްގެ ވިސްނުމަކީ "ނޯ އެކްސްކިޔުޒް، ނޯ ލިމިޓެސް"އެވެ. ލޯންގް ޖަމްޕަށް ރަނގަޅު ޕިޗެއް ނެތުމާއި ދުވަން ރަނގަޅު ޓްރެކެއް ނެތުމަކީ ގޮންޖެހުންތަކެއް ނަމަވެސް އެއީ ކުރިއަށް ދާން އޮތް އުޒުރެއްކަމަކަށް ޝައިމް ނުދެކެވެ.

"ކޯޗް އަހަރެމެން އެންމެންނަށް ދަސްކޮށްދިނީ އަހަރެމެންގެ އަތުގައި ހުރި އެއްޗަކަށް އަބަދުވެސް ޝުކުރުވެރިވެގެން ތަމްރީނުކުރަން" ޝައިމް ބުންޏެވެ.

ގައުމީ ރެކޯޑާ ބެހޭ ގޮތުން ޝައިމް ބުނީ ސްޓޭޑިއަމްގައި ޖިމްއެއް ނުހުންނާތީ ސްޓްރެންތު ޓްރައިނިންއަށް ކޮންމެ ފަހަރަކު ވެސް ދަނީ ޔޫތު ސެންޓަރަށް ކަމަށާއި އެ ތަނުން ލިބޭ ވަގުތުކޮޅު ކުޑަކަމުން ގިނަ ފަހަރަށް ޓްރެއިނިން އެއްކޮށް ނިންމައިވެސް ނުލެވޭ ކަމަށެވެ.

"އެކަމަކު އެ ހުރިހައި ދަތިތަކާ އެކު ވެސް، ބޭނުން ވީ ހަމާ މި ގޯލް އެޗީވްކުރަން ، ސޯ އަބަދުވެސް ވަރަށް ކޮމިޓް ވެގެން ހުންނަނީ. ކޮންމެ ފަހަރަކު މުބާރާތަށް ގޮސް ބްރޭކްކުރެވެން އޮތް ވަރަށް ޓްރައިކުރަމުން ގޮސް ނޭޝަނަލް ރިކޯޓް ބްރޭކް ކުރެވުނީ" ޝައިމް ބުންޏެވެ.

ޝައިމް އަސްލު ޝައިމްއަކަށްވާ ސަބަބު، ކިޔެވުމާއި ކުޅިވަރުގައި ވެސް ޗެމްޕިއަނެއް

ޝައިމްއަކީ އޭނާގެ ސްކޫލް، ޝަރަފުއްދީން ސްކޫލްގައި ވެސް ލީޑަރެކެވެ. ކެޕްޓަނެކެވެ. އޭނާ ވަނީ 2021ވަނަ އަހަރާއި 2022ވަނަ އަހަރުގައި ސްކޫލުގެ ވައިސް ކެޕްޓަންކަންކޮށްފައެވެ. އަދި މިދިޔަ އަހަރުގެ އެ ސްކޫލްގެ ބެސްޓް އޯލްރައުންޑުގެ ތިންވަނަ ޙާޞިލްކުރީ ވެސް ޝައިމްއެވެ.

ސްކޫލްގެ ޙަރަކާތްތައް ލީޑްކޮށް، އެތުލެޓިކްސްގައި ކެރިއަރެއް ބިނާކޮށް އަދި އެ ކެރިއަރުގެ އެންމެ އިސް ސަފުގައި ހުރެމެ އޭނާ ވަނީ ކިޔެވުމުގެ ރަންވަނަތައް ވެސް ހާސިލްކޮށްފައެވެ. ޝައިމް އަސްލު ޝައިމްއަކަށްވާ ސަބަބަކީ ވެސް މިއީއެވެ. ގައުމީ ވަނަތައް ހޯދަމުން އޭނާ ވަނީ އޯލެވެލްގައި ނޭޝަނަލް ޓޮޕް 10ގެ 9ވަނަ ވެސް ހޯދައިފައެވެ.

ޝައިމް ބުނީ މި ކާމިޔާބީތަކުގެ ސިއްރަކީ ޓައިމް މެނޭޖްކުރުންކަމަށާއި އޭނާއަށް ހަފްތާބަންދަކީ ވެސް ހުސްނުވާ ދުވަސްތަކެއް ކަމަށެވެ.

"އެގްޒާމްއާއި ޓޯނަމެންޓް އޮންނަނީ އެއް ދުވަސްކޮޅެއްގައި. އެއްބައި ފަހަރު ޕްރިންސިޕަލް ހުއްދަދޭ އެގްޒާމް ސިކްޕްކޮށްފައި ޓޯނަމެންޓަށް ދާން. އެކަމަކު މުހިންމު އެގްޒާމްއެއް ނޫން ވެއްޖިއްޔާ ސްކިޕްކުރަނީ ، ނޫނީ އެގްޒާމް ހަދައިލައިފައި ވަގުތުން ފުރަނީ." ޝައިމް ބުންޏެވެ.

ޝައިމް މިހާރު ދަނީ އޭނާގެ އޭލެވެލް އިމްތިހާނަށް ތައްޔާރުވަމުންނެވެ. މި މަހު 29ވަނަ ދުވަހު މި އިމްތިހާން ފެށޭ އިރު މިހާރު ވެސް ވަރަށް ބައިވަރު ފިލާވަޅު އޭނާއަށް ގެއްލޭކަމުގައި ޝައިމް ފާހަގަކުރިއެވެ.

"އިޓްސް ވެރީ އެކްސޯޒްޓިން ކޮންމެ ދުވަހަކު ހާޑް ޓްރެއިންނިން ހަދަމުން، ސްކޫލާއި ޓިއުޝަނަށް ދާން ޖެހޭތީ. ކިރިޔާ ސެލްފް ސްޓަޑީސް ހަދަން ރޭގަނޑު ލިބެނީ 2-3 ގަޑިއިރު." ޝައިމް ބުންޏެވެ.

ފިލޯސަފީ، ނަފްސަށް އިތުބާރުކޮށް ދާން އޮތް މަންޒިލަށް ބަލާ!

ޝައިމްގެ ފިލޯސަފީއަކީ މިއެވެ. އަމިއްލަ ނަފްސަށް ކުރާ އިތުބާރުކުރާށެވެ. ދާން އޮތް މަންޒިލަށް ބަލާށެވެ. އެ މަންޒިލަށް ދާން އޮތް މަގުގައި ކިތަންމެ ގިނަ ހުރަސްތަކަކާއި ގޮންޖެހުންތަކަކާ އޮތް ނަމަވެސް "ގޮތްދޫނުކޮށް" މަސައްކަތްކޮށްފި ނަމަ ކޮންމެ ވެސް ދުވަހަކުން މަންޒިލަށް ވާސިލްވެވޭނެއެވެ. ކާމިޔާބުގައި އަތްލެވޭނެއެވެ،

އެތުލެޓިކްސްގައި ކުރިއަށްދާން ބޭނުންވާ ކުދީންނަށް މި މެސެޖުދެމުން ޝައިމްދޭ އަނެއް ފިލާވަޅަކީ ކުޅިވަރުގައި ކާމިޔާބު ނުލިބުމުގެ ބަހަނާއަކަށް ކިޔެވުން ނުހެދުމަށެވެ. ހުވަފެންތައް ހަގީގަތަކަށް ހެދުމަށް ޓަކައި ކޮންމެ ކަމަކަށް ވެސް ވަގުތު ބޭނުންވާނެ ކަމަށާއި އަދި ވަގުތަކީ ކަންކަން ތަރުތީބުކޮށްލުމުން ހޯދޭނެ އެއްޗެއްކަން ޝައިމް ފާހަގަކުރިއެވެ.

ޝައިމްގެ އަމާޒަކީ އޭނާގެ ފީލްޑުން ގައުމަށް މެޑަލްއެއް ހޯދައިދިނުމެވެ. މި ގައުމުގައި އޮތް އޭނާގެ ހިއްސާ އަދާކުރުމާ އެކު ކާމިޔާބީތައް ފަށްކުރުމެވެ. ޝައިމްގެ މި ކާމިޔާބު ދަތުރުގެ ފަހަތުގައި އޮތް އެންމެ ބޮޑު ހިތްވަރަކީ އޭނާގެ މައިންބަފައިންނާއި ކޯޗުންކަން ފާހަގަކޮށް އެ މީހުންނަށް ޝުކުރުއަދާކުރަމުން ވެސް އޭނާ ފާހަގަކުރީ ކާމިޔާބީ ހޯދުމަށް ޓަކައި ޓައިމް މެނޭޖްކޮށް ކުރާ މަސައްކަތެއްގައި ސާބިތުވެ ހުރުމުގެ މުހިންމުކަމެވެ.

"އަޅުގަނޑުގެ ހުރިހައި ކަމެއްގައި ވެސް އެންމެ ބޮޑު ހިތްވަރަކީ މަންމައާއި ބައްޕަ ، ދެން އަބަދުވެސް އަޅުގަނޑަށް އިތުބާރުކޮށް، އަޅުގަނޑަށް އިސްކަން ދެއްވާ އަޅުގަނޑުގެ ކޯޗުން ، ސުލްތާން ކޯޗާއި ޔަސްމާން ކޯޗް. އެމީހުން އަބަދުވެސް އެމީހުންގެ ބިޒީ ޝެޑިއުލްއިން އަޅުގަނޑުގެ ޓްރެއިނިންއަށް ވަގުތު ހޭދަކޮށް، އެމީހުންނަށް މުހިންމު އެސެޓެއްގެ ގޮތުގައި އަޅުގަނޑަށް އިހުސާސް ކޮށްދިން ، މި ހުރިހައި އެންމެނާއި އަޅުގަނޑުގެ އާއިލާއާއި ރައްޓެހީން އެއީ އަޅުގަނޑުގެ އެންމެ ބޮޑު ސަޕޯޓަރުން، އެންމެނަށް ވެސް ވަރަށް ބޮޑަށް ޝުކުރުއަދާކޮށްލަން ބޭނުން"

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!