ޔާމްބެގެ ފަރުވާއަށް ދެ ލައްކަ ރުފިޔާ ޓިކްޓޮކް ލައިވްއެއްގައި ހޯދައިފި
"މިސްޓަ މޯލްޑިވްސް" މުހައްމަދު ޔާމީން (ޔާމްބެ) ދެ ކިޑްނީ ފެއިލްވެ، ފަރުވާ ހޯދަން ޖެހުމާއިއެކު އެކަމަށް އެހީތެރިވުމަށް ޓިކްޓޮކްގައި ކުރިއަށް ގެންދިޔަ ލައިވް އެއްގައި ދެ ލައްކަ ރުފިޔާ ހޯދައިފި އެވެ.
ޓިކްޓޮކް ތަރިންތަކެއް އަމިއްލައަށް އިސްވެ އިންތިޒާމުކުރި ލައިވް ކުރިއަށް ގެންދިޔައީ ރޭގެ ވަގުތެއްގައި ގާތްގަނޑަކަށް ދެގަޑިއިރުގެ ވަގުތަކަށެވެ. މި ލައިވްގައި ފައިސާ ޖަމާކުރީ ސީދާ ޔާމްބްގެ އެކައުންޓަށެވެ. އޭނާވެސް އެ ލައިވްގައި އިނެވެ.
ލައިވް ނިންމައިލީ 207،674 ރުފިޔާ ޔާމްބެގެ އެކައުންޓަށް ޖަމާވެފައިވަނިކޮށެވެ. މި ލައިވްގައި ރެޕް އާޓިސްޓް ޒިޕޯ، ބަތަލާ ޝިފާ، ކޮމީޑިއަން ހުޝާމް (އަލީ ސުޕާރީ) ގެ އިތުރުންވެސް ޓިކްޓޮކް ތަރިންތަކެއް ބައިވެރިވި އެވެ.
މިއީ މިހާ ގިނަ އަދަދެއްގެ ފައިސާ ބޭސް ފަރުވާއަކަށް ޓިކްޓޮކް ލައިވްއެއްގައި ހޯދި ފުރަތަމަ ފަހަރެވެ. މި ލައިވް ޓިކްޓޮކްގެ އިތުރުން ފޭސްބުކްގައިވެސް ސްޓްރީމް ކުރި އެވެ.
ލައިވްގެ އެކި ވަގުތުތަކުގައި އެކި މީހުން ގެސްޓުންގެ ގޮތުގައި މައްޗަށް އެރުވި އެވެ. އެގޮތުން ވާހަކަ ދެއްކި ގިނަ މީހުން ވަނީ ޔާމްބެއަށް ހިތްވަރު ދީ އަވަސް ޝިފާއެއް މިންވަރުކޮށްދިނުމަށް ދުއާ ކޮށްފަ އެވެ.
ލައިވް ނިންމައިލަމުން ޔާމްބެ ވަނީ ދިން އެހީތެރިކަމަށް ހުރިހާ ދިވެހިންނަށް ޝުކުރު އަދާކޮށްފަ އެވެ. މީގެ އިތުރުން ޓިކްޓޮކްއަކީ ރަނގަޅު ގޮތުގައި ބޭނުންކޮށްފިނަމަ އޭގެ ފައިދާ އާންމުންނަށްވެސް ކުރާނެ ޕްލެޓްފޯމެއްކަން ޔާމްބެ ފާހަގަކުރި އެވެ.
ދެ ކިޑްނީ ފެއިލްވިކަން ޔާމްބެއަށް އެނގުނީ ފަހު ސްޓޭޖުގައި ހުއްޓަ އެވެ. މިމަހުގެ ނުވަ ވަނަ ދުވަހު ފަރުވާ ހޯދަން ޔާމްބެ ރާއްޖެއިން ބޭރަށް ފުރާނެ އެވެ. ދެ ހަފްތާގެ މުއްދަތަކަށް ދާ މިދަތުރުގައި ޓެސްޓުތަކެއް ހެދުމަށްފަހު ކިޑްނީ ޓްރާންސްޕްލާންޓް ކުރާނެ ތާރީހެއް ކަނޑައަޅާނެކަމަށް ޔާމްބެ ކިޔައިދިނެވެ.
ޔާމްބެ ބުނި ގޮތުގައި ކިޑްނީގެ މައްސަލައެއް ހުރިކަން ދެނެގަނެވުނީ އަލާމާތްތަކެއް ފެނިގެން ޓެސްޓު ހެދުމުންނެވެ. ކިޑްނީ މައްސަލަ ޖެހެން މެދުވެރިވީ އާންމުކޮށް ބޮޑީ ބިލްޑު ކުރާ މީހުންގެ ލޭގައި އިތުރުވާ ވަކި މާއްދާއެއްގެ ސަބަބުން ކަމަށް ބެލެވެ އެވެ.
ޑޮކްޓަރު ލަފާދީފައިވަނީ ޔާމްބެ ޒުވާން ޕޭޝަންޓަކަށް ވުމާއިއެކު ވީ އެންމެ އަވަހަކަށް ޑޯނާއެއް ހޯދައި ފަރުވާ ހޯދުމަށެވެ. ޔާމްބެ ވަނީ ޖެހިޖެހިގެން ހަތަރު އަހަރު މިސްޓަ މޯލްޑިވްސްގެ ޓައިޓަލް ހޯދައިފަ އެވެ.