ޚަބަރު ސަރުކާރު

ބަންކަރިން ފަށަށް މިމަހު 20 ގައި ފުރަތަމަ ބޯޓަށް ތެޔޮ ވިއްކަނީ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ބަންކަރިންގެ ހިދުމަތް ފެށުމަށް ގެނައި އުޅަނދެއް/ ފޮޓޯ: އެމްޕީއެލް

ރާއްޖޭގެ އުތުރުގައި ބަންކަރިން ހިދުމަތް ފެށުމުގެ ގޮތުން މިހިނގާ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު ފުރަތަމަ ބޯޓަށް ތެޔޮ ވިއްކަން ހަމަޖެހިފައިވާކަމަށް އެސްޓީއޯއިން ބުނެފި އެވެ.

Ads by MWSC

ބަންކަރިން ހިދުމަތް ދިނުމަށް މިހާރު ކުރިއަށް ދަނީ ފަހުގެ ތައްޔާރީތަކެވެ. ހިދުމަތް ދޭން ބޭނުންކުރާ ފުރަތަމަ ބޯޓު މިހާރު ވަނީ ހދ. ކުޅުދުއްފުށީގައި ބަނދަރުކޮށްފަ އެވެ. ދެވަނަ ބޯޓު އަންނަ ހުކުރު ދުވަހު ރާއްޖެ އަަންނާނެކަމަށް އެސްޓީއޯއިން މައުލޫމާތު ދެ އެވެ. އެބޯޓުގައި 3,200 ޓަނުގެ ތެޔޮ އުފުލޭނެ އެވެ.

ބަންކަރިން ހިދުމަތަށް ފުރަތަމަ ގެންނަނީ “އެމްޓީ މެރިން އޭންޖަލް” އެވެ.

ބަންކަރިން ހިދުމަތް ފެށުމަށް އެކި ތާރީހުތައް ދެމުން ގޮސް އެންމެ ފަހުން ސަރުކާރުން ދިން ތާރީހަކީ މިހަފްތާގެ ބުރާސްފަތި ދުވަހެވެ. އެހެންނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން ބޯޓުތައް ރާއްޖެ އައުން ލަސްވެ ހިދުމަތް ފެށުން ފަސްކުރަން ޖެހުނީ އެވެ.

ބައިނަލްއަގުވާމީ ބަންކަރިން ހިދުމަތް ފަށަނީ ރާއްޖޭގެ އެންމެ އުތުރުގެ ރަށްތަށް ހިމެނޭ އިހަވަންދިއްޕޮޅު ގަ އެވެ. މި ހިދުމަތް ދޭނީ އެސްޓީއޯ އާއި އެމްޕީއެލް ގުޅިގެންނެވެ.

އިހަވަންދިއްޕޮޅުގައި "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގައި އިންޓަނޭޝަނަލް ބަންކަރިން ފެސިލިޓީ" އެޅުމަށް އެސްޓީއޯ އިން ނެދަލޭންޑްސްގެ ކުންފުންޏެއް ކަމަށްވާ "ވިޓޯލް"އާ އެކު އެއްބަސްވުމުގައި ސޮއިކުރީ މި އަހަރުގެ މާޗު މަހު އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!