ޚަބަރު ސިޔާސީ

ކޮންގްރެސް ޕާޓީގެ އެތެރޭގެ އިންތިހާބުގައި ޕީޕީއެމްގެ މެމްބަރުންނަށް ވޯޓެއް ނުލެވޭނެ

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ކޮންގްރެސް ޕާޓީގެ އެތެރޭގެ އިންތިހާބުގައި ޕީޕީއެމްގެ މެމްބަރުންނަށް ވޯޓެއް ނުލެވޭނެ / ފޮޓޯ:ދެން އިމޭޖްސް

އަންނަ މަހުގެ 19 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ވެރިކަން ކުރާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް ޕާޓީގެ އެތެރޭގެ އިންތިހާބުގައި އެ ޕާޓީ ކޯލިޝަނުގައި އޮތް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ މެމްބަރުންނަށް ވޯޓު ނުލެވޭނެ ކަމަށް ކޮންގްރެސް ޕާޓީން ބުނެފި އެވެ.

Ads by STELCO

އެންމެފަހުން ބޭއްވި މަޖިލިސް އިންތިހާބުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ފަރާތުން ކެންޑިޑޭޓުން ވާދަކުރައްވާފައި ވަނީ ކޮންގްރެސް ޕާޓީގެ ޓިކެޓުގަ އެވެ. ޕާޓީން ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބޭއްވި އެތެރޭގެ ޕްރައިމަރީގައި ދެ ޕާޓީގެ މެމްބަރުންނަށް ވޯޓު ދިނުމުގެ ފުރުސަތު ދިނެވެ.

ކޮންގްރެސް ޕާޓީ އެތެރޭގެ އިންތިހާބާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް އެ ޕާޓީގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިންތިހާބާ ބެހޭ ކޮމިޓީގެ މެމްބަރު އަދި މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރަކު ވިދާޅުވީ މިއީ ކޮންގްރެސް ޕާޓީގެ އެތެރޭގެ އިންތިހާބެއް ކަމަށެވެ. އެހެންކަމުން އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބޭނީ އެ ޕާޓީގެ މެމްބަރުންނަށް އެކަނި ކަމަށެވެ.

"މި އިންތިހާބަކީ ކޮންގްރެސް ޕާޓީގެ އެތެރޭގެ އިންތިހާބެއް. އިންތިހާބުގައި މަގާމަކަށް ވާދަކުރެވޭނީ ވެސް ކޮންގްރެސް ޕާޓީގެ މެމްބަރަކަށް ވެގެން. ހަމައެހެންމެ ވޯޓު ލެވޭނީ ވެސް ކަނޑައެޅިފައިވާ ތާރީހާ ހަމައަށް ކޮންގްރެސް ޕާޓީގެ މެމްބަރަކަށް ވުމަށް ފަހު،" ހުސްނީ ވިދާޅުވި އެވެ.

މި އިންތިހާބުގައި ސްޓިއަރިން ކޮމިޓީތަކަށް މެމްބަރުންނާއި ދާއިރާތަކަށް ރައީސުންނާއި ނައިބު ރައީސުން ހޮވާނެ އެވެ. އަދި ޒުވާނުންގެ ހަރަކާތުގެ ރައީސުންނާއި އަންހެނުންގެ ހަރަކާތުގެ ރައީސާއިން އިންތިހާބު ކުރެވޭނެ އެވެ. އިންތިހާބުގައި މި މަގާމުތަކަށް 2،095 މެމްބަރުން އިންތިހާބު ކުރާނެ އެވެ.

އިންތިހާބު ވާދަކުރުމުގެ ފުރުސަތު މިއަދު ހުޅުވާލިއިރު، އިންތިހާބަށް ކުރިމަތިލުމުގެ ސުންގަނޑި ހަމަ ވާނީ މި މަހުގެ 30 ވަނަ ދުވަހުގެ ހަވީރު 6:00 އަށެވެ. އެ ވަގުތާ ހަމައަށް ޕާޓީގައި ދަފުތަރު ކުރެވޭ މީހުންނަށް އިންތިހާބުގައި ވާދަ ކުރެވޭނެ އެވެ. އަދި އެވަގުތާ ހަމައަށް ޕާޓީގެ މެމްބަރުންގެ ގޮތުގައި ތިބޭ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބޭނެ އެވެ.

މަޖިލިހުގެ މެމްބަރުންގެ ގޮތުގައި އެ ޕާޓީ ތަމްސީލުކުރައްވާ މެމްބަރުން ތިއްބެވި ދާއިރާތަކުގެ ރައީސުންނަށް ވާނީ މެމްބަރުންނެވެ. އެ ދާއިރާތަކަށް ހޮވާނީ ނައިބު ރައީސުންނެވެ. އަދި އެ ނޫން ދާއިރާތަކަށް ރައީސުންނާއި ނައިބު ރައީސުން ހޮވާނެ އެވެ.

ކޮންމެ ރަށަކާއި ސިޓީއަކުން ސްޓްއަރިން ކޮމިޓީއެއް ހޮވާއިރު، އާބާދީއަށް ބަލާނެ އެވެ. އެގޮތުން އާބާދީގައި 3،000 މީހުންނަށް ވުރެ މަދުން މީހުން ދިރިއުޅޭ ރަށްރަށުގައި ހޮވާނީ ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީ އެކެވެ. އަދި 3،000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ ރަށްރަށުންނާއި ސިޓީތަކުގެ ދާއިރާތަކުން ކޮންމެ ދާއިރާއަކަށް ނުވަ މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް އިންތިހާބު ކުރާނެ އެވެ.

  • އިންތިހާބުގެ ވޯޓާސް ލިސްޓް އާންމުކުރާނީ އޮކްޓޫބަރު 4 ވަނަ ދުވަހު
  • ޝަކުވާ ހުށަހަޅަން ހުޅުވާލާނީ އޮކްޓޫބަރު 8 ވަނަ ދުވަހާ ހަމައަށް، އެ ދުވަހު ފައިނަލް ލިސްޓް އާންމުކުރާނެ
  • ވޯޓު ނެގުން ކުރިއަށް ދާނީ އޮކްޓޫބަރު 19 ވަނަ ދުވަހު
  • ރަސްމީ ނަތީޖާ އިއުލާނު ކުރާނީ އޮކްޓޫބަރު 24 ދުވަހު

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!