ބޭސް ވިއްކަނީ 2000 ޕަސެންޓާ ހިސާބަށް ބޮޑު ފައިދާގައި، އެކަން ހުއްޓުވާނަން: ރައީސް
ޑޮކްޓަރީ ބޭސް ރާއްޖެ އެތެރެކޮށް ވިއްކާ އަގުތައް ރާއްޖޭގެ ބާޒާރުގައި މިހާތަނަށް ހުރީ 2000 އިންސައްތަ ފައިދާއެއް ނަގާ މިންވަރުގައި ކަމަށާއި، އެކަން ހުއްޓުވާނެ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރަސްމީ އެކައުންޓުން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ބޭސް ވިއްކުމުގައި އެވަރުގެ ބޮޑު ފައިދާ ނެގުން ހުއްޓުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާގުޅުންހުރި އެންމެހައި މުއައްސަސާތަކަށް މިހާރު އަންގާފައިވާނެ ކަމަށެވެ.
"މީގެ ސަބަބުން، ބޭހުގެ ބާޒާރު އަގާއި އާސަންދައިން ޗާޖުކުރާ އަގު ދަށްކުރެވިގެންދާނެ" - ރައީސް
އެމަނިކުފާނު ވިދާޅުވީ އެ ބަދަލު ގެނައުމަށް ހަމަޖެހިފައިވާ ގޮތުގެ ތާވަލާއި ތަފްސީލު ވަރަށް އަވަހަށް އާންމުކޮށް އިއުލާން ކުރެވޭނެ ކަމަށެވެ.
އެ ބަދަލުގެ ނަތީޖާއެއްގެ ގޮތުން، އާސަންދައިން އިސްރާފުވަމުންދާ ގިނަ އަދަދެއްގެ ފައިސާ (އެތައް ސަތޭކަ މިލިއަން ރުފިޔާ) ސަލާމަތްކުރެވި، ސިއްހީ ހިދުމަތުގެ ފެންވަރު މަތިކުރުމަށް އެ ފައިސާ ބޭނުންކުރެވޭނެ މަގު ތަނަވަސްވެގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ބޭހުގެ އަގު ކޮންޓްރޯލް ކުރާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވާއިރު ޔޫރަޕް ކޮލިޓީގެ ބޭސް ރާއްޖޭގައި ބޭނުންކުރެވޭ ގޮތަށް ސިޔާސަތުތަކެއް އެކުލަވާލައި އަމަަލުކުރަން ފަށާފައިވާ ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ.
ރައީސްގެ ވައުދުުފުޅު ފުއްދުމުގެ ގޮތުން ޔޫއެންޑީޕީ އާއި ގުޅިގެން އެސްޓީއޯ މެދުވެރިކޮށް ރައްޔިތުންނަށް ބޭނުންވާ ފެންވަރު ރަނގަޅު އަދި ރައްކާތެރި ބޭސް، ޕޫލް ޕްރޮކިއުމެންޓެއްގެ ތެރެއިން، ބަލްކް ޕްރޮކިޔުކޮށް ރާއްޖެ ގެނައުމަށް ފަށާފައިވާ ޕްރޮޖެކްޓުގެ ދަށުން އަސާސީ ހުރިހާ ބޭހެއް ރާއްޖެއިން ލިބެން ހުންނާނެކަން ކަށަވަރު ކުރެވޭނެ ކަމަށް ސަރުކާރުން ބުނެ އެވެ.
އެ ސިޔާސަތުގެ ދަށުން ރާއްޖެ އެތެރެކުރަން ހުއްދަދީފައިވަނީ އަދި ކުރިއަށް އޮތް ތަނުގައި ހުއްދަދޭނީވެސް ޑަބްލިއުއެޗްއޯ ލިސްޓެޑް ނުވަތަ ސްޓްރިންޖެންޓް ރެގިއުލޭޓަރި އޮތޯރިޓީއެއްގައި ރަޖިސްޓްރީ ކޮށްފައިވުމާއެކު، ޔޫއެންޑީޕީ އާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގެ ކޮލިޓީ މިންގަނޑުތަކަށް ފާސްވެފައިވާ ޕްރޮޑަކްޓްތަކެވެ.